ޔޫރޯ 2020 ގެ ކުއާޓާފައިނަލުގައި ޗެކް ރިޕަބްލިކް ބަލިކޮށް މުބާރާތުގެ ސެމީފައިނަލަށް ޑެންމާކް ދަތުރުކޮށްފިއެވެ.

އަޒަރުބައިޖާންގެ ބަކޫގެ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ޑެންމާކް ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާއެކު މުބާރާތުގެ ސެމީފައިނަލުގައި ޑެންމާކް ބައްދަލުކުރާނީ ކުއާޓާފައިނަލުގެ ފަހު މެޗުގައި އިންގްލޭންޑާއި ޔޫކްރެެއިން ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

މެޗު ވަރުގަދަކޮށް ފެށީ ޑެންމާކުންނެވެ. ރީތި ޕާސިން ގޭމެއް ކުޅުމުގެ ނަތީޖާއެއްގެ ގޮތުން މެޗު ފަށައިގެން ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި ޑެންމާކުން ވަނީ ލީޑު ނަގާފައެވެ. މިއީ ލާސަން ނަގައިދިން ކޯނަރަކުން އޭރިއާ ތެރޭގައި ހުސްކޮށް ހުރި ޑެލޭނީ ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑު ޖެހިއިރު ޗެކް ރިޕަބްލިކްގެ ޑިފެންސްލައިން ފެނުނީ ވިއްސި ވިހާލިވެފައިވާ ތަނެވެ.

މި ލަނޑަށްފަހު ވެސް ޑެންމާކް ފެނުނީ ނުރައްކާކޮށެވެ. އެގޮތުން ޑަމްސްގާޑް ފޮނުވާލި ހަމަލާ ފާހަގަކޮށްލެވެއެވެ. އެ ބޯޅައިގެ ހުރަހަކަށްވީ ޗެކް ރިޕަބްލިކްގެ ކީޕަރެވެ.

ޑެންމާކް އިން ލީޑު ފުޅާކޮށްފައިވަނީ ފުރަތަމަ ހާފުގެ ފުރިހަމަަ ވަގުތު ހަމަވާން ތިން މިނެޓަށްވެފައިވަނިކޮށެވެ. މަޔޭލީ ނަގައިދިން ހިތްގައިމު ހުރަހަކުން މި ލަނޑު ކާމިޔާބުކުރީ ޑޮލްބާގް އެވެ. ފުރަތަމަ ހާފު ނިމުނީ ޑެންމާކް ދެ ގޯލުގެ ލީޑަކާއެކު އެވެ.

ދެވަނަ ހާފަށް ޗެކް ރިޕަބްލިކް ނިކުތީ ދެ ބަދަލާއެކު އެވެ. ފޯވާޑް ލައިނަށް ކްރެމަޗިކް އަދި މިޑްފީލްޑަށް ލުކަސް މަސޮޕަސްޓް ކުޅެން އެރުވި ހިސާބުން ޗެކް ރިޕަބްލިކްގެ ކުޅުން ވަރަށް ބޮޑުތަން ރަނގަޅުވެގެންދިޔަ އެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފަށައިގެން މާގިނައިރުތަކެއް ނުވެ ޗެކް ރިޕަބްލިކުން ސުން ކަނޑުވާލިއެވެ.

ކޫޕަލް ދިން ބޯޅައެއްގައި އޭރިއާ ތެރޭގައި ހުރެ ފޮނުވާލި ހަމަލާއަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ޕެޓްރިކް ޝިކް އެވެ. މި ލަނޑާއެކު ޝިކް ވަނީ މި މުބާރާތުގެ ލަނޑު ލިސްޓުގެ އެއްވަނައިގައި އޮތް ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑުތަކާއި އެއްވަރުކޮށްފައެވެ. ދެ ކުޅުންތެރިން ވަނީ މިހާތަނަށް މި މުބާރާތުގައި ފަސް ލަނޑު ކާމިޔާބުކޮށްފައެވެ.

ޑެންމާކްގެ ފޯމު ދަށްވާން ފެށުމާއެކު އެ ޓީމުންވެސް ބަދަލުތަކެއް ގެނައެވެ. މި ބަދަލުތަކާއި އެކު ޑެންމާކްގެ ކުޅުމަށް ބޮޑު ބަދަލުޔަކެއް އައިސްފައިވެއެވެ. އަނެއްކޮޅުން ޗެކް ރިޕަބްލިކް ވެސް ވަނީ ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ.