ޔޫރޯ 2020 ގެ ކުއާޓާފައިނަލުގެ ފަހު މެޗުގައި ޔޫކްރެއިން ފަސޭހަކަމާއެކު ބަލިކޮށް މުބާރާތުގެ ސެމީފައިނަލުގެ ޖާގައެއް އިންގްލޭންޑް ހޯދައިފިއެވެ.

އިޓަލީގެ ސްޓޭޑިއޯ އޮލިމްޕިކޯގައި ކުޅުނު މި މެޗު އިންގްލޭންޑް ކާމިޔާބުކޮށްފައިވަނީ 4-0 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާއެކު މުބާރާތުގެ ސެމީފައިނަލުގައި އިންގްލޭންޑް ބައްދަލުކުރާނީ ކުއާޓާގައި ޗެކް ރިޕަބްލިކް ބަލިކުރި ޑެންމާކް އާއެވެ. މި މެޗު ކުޅޭނީ އަންނަ ބުދަދުވަހުގެ ރޭގަނޑުއެވެ.

މި މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެފައިވަނީ އިންގްލޭންޑުންނެވެ. ޔޫކްރެެއިން އަށް ލިބުނު ކައުންޓަރ މަދު އެޓޭކުތަކުގައި އިންގްލޭންޑް ގޯލަށް ނުރައްކާކުރި ނަމަވެސް މާބޮޑު ކަމެއް އެ ޓީމަށް މި މެޗުގައި ނުކުރެވެއެވެ.

އިންގްލޭންޑް އެންމެފަހުން ޔޫރޯގެ ސެމީފައިނަލަށް ދަތުރުކޮށްފައިވަނީ 1966 ގައެވެ. މިއީ އޭގެފަހުން އިންގްލޭންޑް ސެމީފައިނަލާއި ހަމަޔަށް ވާސިލްވި ފުރަތަމަ ފަހަރެވެ. އަދި މިހާތަނަށް އިންގްލޭންޑަށް ޔޫރޯ ކާމިޔާބުކުރެވިފައެއް ނުވެއެވެ.

މެޗު ފަށައިގެން އިންގްލޭންޑް ވަނީ ވަރަށް ކުރީކޮޅު ލީޑު ނަގާފައެވެ. މެޗު ފަށައިގެން ހަތަރުވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކުރީ ކެޕްޓަން ހެރީ ކޭން އެވެ. މިއީ ސްޓާލިން ދިން ބޯޅައަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑާއެކު މިފަހަރުގެ ޔޫރޯގައި ކޭން ޖެހި ލަނޑުތަކުގެ އަދަދު ވަނީ ދޭކަށް ޖެހިލާފައެވެ.

މި ލަނޑު ޖެހުމާއެކު ޔޫކްރެއިން އިން ކުރިޔަށްޖެހި އިނގިރޭސި ކޮޅަށް ބާރުބޮޑުކުރަން މަސައްކަތްކުރި އެވެ. ނަމަވެސް އިންގްލޭންޑް ފެނުނީ އެހެން މެޗުތަކަށް ވުރެވެސް ވަރުގަދަކޮށެވެ.

ދެވަނަ ހާފުގެ ކުރީކޮޅުގައި އިންގްލޭންޑުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައިވަނީ ޑިފެންޑަރު ހެރީ މެގުއާ އެވެ. މިއީ ލޫކް ޝޯ ގެ ހިލޭޖެހުމަކުން ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެކެވެ.

މި ލަނޑު ޖެހިތާ ތިން މިނެޓުފަހުން ސްޓާލިން ނަގައިދިން ހުރަހަކުން ބޮލުން ފޮނުވާލައިގެން ކޭން ވަނީ އިންގްލޭންޑުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖަހާފައިވަނީ 63 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބުކޮށްފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޖޯޑަން ހެންޑަސަން އެވެ. އޭނާ މި ލަނޑު ޖެހީ މޭސަން މައުންޓް ނަގައިދިން ކޯނަރަކުންނެވެ.