ކޮޕަ އެމެރިކާ ފުޓުބޯޅަ މުބާރާތުގައި އެންމެ ރަނގަޅު ފޯމެއްގައި ހުރި އެއް ކުޅުންތެރިއަކީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އެވެ. އާޖެންޓީނާ މުބާރާތުގެ ސެމީފައިނަލާއި ހިސާބަށް ގެންގޮސްދިނުމުގައި އޭނާގެ ދައުރު ވަރަށް ބޮޑެވެ. މިހާތަނަށް އާޖެންޓީނާ ކާމިޔާބުކޮށްފައިވާ ހުރިހާ ގޯލެއްގައި ވެސް މެސީގެ ދައުރެއް ވެއެވެ.

ކުއާޓާފައިނަލުގައި އާޖެންޓީނާއިން އެކުއެޑޯ ބަލިކުރި މެޗުގައި ހިލޭ ޖެހުމަކުން މެސީ ކާމިޔާބުކުރި ގޯލާާއެކު މުބާރާތުގެ ސެމީފައިނަލަށް އާޖެންޓީނާ ދަތުރުކޮށްފައިވަނީ 3-0 އިން މެޗު ކާމިޔާބުކޮށްގެންނެވެ.

މި މެޗުގައި އާޖެންޓީނާ ދެން ކާމިޔާބުކުރި އަނެއް ދެ ލަނޑުގައިވެސް މެސީގެ ދައުރެއް ވެއެވެ. މެޗުގެ 90 މިނެޓުގެ ކުޅުން ހަމަވެގެން ރެފްރީ ދެއްކި އިތުރުވަގުތުގެ ތެރޭގައި މެސީ ކާމިޔާބުކުރި ލަނޑާއެކު ހިލޭ ޖެހުމުން މެސީ ކާމިޔާބުކުރި ގޯލުތަކުގެ އަދަދު ވަނީ 58 އަށް ޖެހިލާފައެވެ. މަރަޑޯނާ ގާއިމުކޮށްފައިވާ 62 ހިލޭޖެހުން ގޯލުތަަކުގެ ރެކޯޑު މުގުރާލަން މެސީއަށް ދެން ބޭނުންވަނީ ފަސް ގޯލެވެ.

މެސީ ޖަހާފަައިވާ 58 ފްރީކިކް ގޯލުުތަކުގެ ތެރެއިން 50 ގޯލަކީ ބާސެލޯނާގައި އޭނާ ޖެހި ގޯލުތަކެކެވެ. އަނެއް 8 ގޯލަކީ ގައުމީ ޓީމަށް އޭނާ ޖަހައިދިން ގޯލުތަކެކެވެ.

މެސީގެ ކެރިއަރުގައި މިހާތަނަށް ޖަހާފައިވާ 748 ގޯލުގެ ތެރެއިން 7.75 އިންސައްތަ ގޯލަކީ ހިލޭޖެހުންތަކުން އޭނާ ޖަހާފައިވާ ގޯލުތަކެކެވެ. މެސީއާއި ވާދަވެރި ކްރިސްޓިއާނޯ ރޮނާލްޑޯޮ ކާމިޔާބުކޮށްފައިވާ ފްރީކިކް ގޯލުތަކުގެ އަދަދު އުޅެނީ 56 ގައެވެ. އެއީ ރެއާލް މެޑްރިޑުގައި ކާމިޔާބުކުރި 32 ގޯލާއި މެންޗެސްޓަރ ޔުނައިޓެޑަށް ޖަހައިދިން 13 ލަނޑު އަދި ޕޯޗުގަލް ގައުމީ ޓީމަށް ޖަހައިދިން 10 ގޯލުގެ އިތުރުން މިހާރު ކުޅެމުން އަންނަ ޔުވެންޓަސްއަށް ކާމިޔާބުކޮށްދިން އެއް ގޯލެވެ.

ކޮޕަ އެމެރިކާގައި މެސީ މިހާތަނަށް 4 ގޯލު ޖަހާފައިވެއެވެ. މުބާރާތުގެ ސެމީފައިނަލުގައި އާޖެންޓީނާ ބައްދަލުކުރަން ޖެހޭ ޓީމަކީ ކޮލަމްބިއާ އެވެ. މި މެޗު ކުޅޭނީ އަންނަ ބުދަދުވަހުގެ ފަތިހު ރާއްްޖެގަޑިން 06:00 ގައެވެ.