ބާސެލޯނާއާއެކު އާ އެއްބަސްވުމެއްގައި ސޮއިކުރުމުގެ ކުރިން އޭނާގެ މުސާރަ ހަަމަޔަކަށް އަޅުވަން އެ ކުލަބުގެ ބައެއް ކުޅުންތެރިން ވިއްކާލުމުގެ މަސައްކަތް ފަށައިފިއެވެ.

މެސީއަކީ މިވަގުތު ފްރީ އޭޖެންޓެކެވެ. އޭނާގެ އެއްބަސްވުން މި ނިމުނު ޖޫން މަހާއެކު ހަމަވިއިރު ވެސް ބާސެލޯނާއާއެކު އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ. ބާސާއިން ބުނަނީ މެސީ އާ އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށެވެ. ނަމަވެސް މިކަމާއި ގުޅޭގޮތުން މެސީ އަދި ވާހަކައެއް ނުދައްކަައެވެ.

މެސީގެ ބޮޑު މުސާރައަކީ އެ ކުލަބަށްވެސް ބޮޑު ބުރައެކެވެ. ކޮވިޑުގެ ހާލަތާއި ގުޅިގެން ކުލަބު ބޮޑު އަޑިގަނޑަކަށް ވެއްޓިފައިވާ މި ދަނޑިވަޅުގައި ބާސާއިން އެންމެ ބޮޑު އިސްކަމެއް ދެނީ މެސީ އެ ކުލަބުގައި ބެހެއްޓޭނެ ގޮތެއް ހޯދުމަށެވެ. މިހާރުވެސް ބޮޑު މުސާރައެއްގައި ކުޅެމުން އަންނަ މެސީގެ އާ އެއްބަސްވުމަށް ބާސާއިން ތައްޔާރުވަނީ މުހިއްމު ކުޅުންތެރިންތަކެއް ވިއްކާލުމަށްފަހު އެވެ.

ބާސެލޯނާގެ އާ ރައީސް ލަޕޯޓާ މަގާމާއި ހަވާލުވުމަށްފަހު އެންމެ ފުރަތަމަވެސް ވައުދުވީ މެސީ އެ ކުލަބުގައި ބަހައްޓާނެ ކަމުގައެވެ. މެސީގެ ހަރަދުގެ ބައި ހަމަޖައްސަަން ކުލަބުގެ ތެރެއިންވެސް ގިނަ ހަރަދުތަކެއް ކުޑަކޮށްފައިވެއެވެ. އަދި ވިއްކާލާ ބަައެއް ކުޅުންތެރިންވެސް މިހާރު ފައިނަލްކޮށް ބައެއް ކުޅުންތެރިން ވިއްކާލާފައިވެސް ވެއެވެ.

މިހާތަނަށް އައި އިރު ބާސެލޯނާއިން ވަނީ ޒުވާން ދެ ކުޅުންތެރިން ކަމަށްވާ ޖޫނިއާ ފިރްޕޯ އާއި ޓްރިންކާއޯ ދޫކޮށްލާފައެވެ. މީގެތެރެއިން ޓްރިންކާއޯ ދޫކޮށްލީ އިނގިރޭސި ކުލަބް ވުލްވަހެމްޓަނަށް ލޯނު އުސޫލުންނެވެ. އަދި ފިރްޕޯ ޔުނައިޓެޑަށް ވިއްކާލީ 15 މިލިއަަނަށެވެ. މީގެއިތުރުން އިތުރު ކުޅުންތެރިންތަކެއް ވިއްކާލުމަށް ބާސާއިން ދަނީ ތައްޔާރުވަމުންނެވެ. މިއީ ނިސްބަތުން ބަލާއިރު ބާސާއިން ކުޑަ ހަރަދެއް ކުރާ ދެ ކުޅުންތެރިންނެވެ.

ކުރިޔަށްއޮތް ތަނުގައި ބާސާއިން ވިއްކާލަން ތައްޔާރުވަނީ ޑިފެންސްލައިނުގެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ ޕިޔަނިޗް އަދި އުމްޓީޓީ އެވެ. މިފަހަރުގެ ޓްރާންސްފަރ ގައި އެ ކުޅުންތެރިން ވިއްކާލަން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ. މީގެއިތުރުން ވެސް ބާސެލޯނާގެ ބައެއް ސީނިއާ ކުޅުންތެރިން ވިއްކާލާނެ ކަމަށް ބެލެވެއެވެ.

މީގެތެރޭގައި އެންމެ ބޮޑަށް ބެލެވޭ އެއް ކުޅުންތެރިއަކީ ފިލިޕް ކުޓީނިއޯ އެވެ. އޭނާ ވިއްކާލައިފިނަމަ ބާސާއަށް ބޮޑު ފައިދާއެއް ލިބިގެންދާނެ އެވެ. ބާސާއިން ވިއްކާލާނެ ކަމަށް ބެލެވޭ ކުޅުންތެރިންގެ ލިސްޓުގައި ދެން ހިމެނެނީ ބްރައިތްވެއިޓް، ގްރިޒްމަން ފަދަ ކުޅުންތެރިންނެވެ.

މެސީ ނެތްނަމަ އެއީ ބާސެލޯނާއަށް އެތައް ގޮތަކުން ގެއްލުންތަކާއި ކުރިމަތިލާން ޖެހޭނެ ކަމެކެވެ. އެ ކުލަބުގެ ގިނަ ސްޕޮންސަރުންގެ އެދުމަކީވެސް މެސީ ބާސާގައި މަޑުކުރުމެވެ. އެއީ މާލީ ގޮތުން އެ ސްޕޮންސަރުންނަށް ވެސް މެސީގެ ފަރާތުން ފައިދާތަކެއް ކުރާތީއެވެ. އަދި ކުލަބަށްވެސް ގިނަ ފައިދާތަކެއް ކުރާތީއެވެ.