އޭއެފްސީ ކަޕުގައި ރާއްޖެ ހިމެނޭ ދެކުނު އޭޝިއާ ގްރޫޕުގެ މެޗުތައް ރާއްޖޭގައި ކުޅެން އަނެއްކާވެސް ބިޑުކޮށްފިއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މި ބިޑު ކޮށްފައިވަނީ ކަމާބެހޭ ފަރާތްތަކާއި ވާހަކަ ދެއްކުމަށްފަހު ދިވެހި ކުޅުންތެރިންނަށް އޮތް ފުރުސަތު ގެއްލުވާނުުލުމުގެ ގޮތުންނެވެ.

އޭއެފްސީ ކަޕުގެ ނުނިމި ހުރި ގްރޫޕް ސްޓޭޖް އަދި ޕްލޭއޮފް މެޗުތައް ފުރިހަމަކުރުމަށް މި މެޗުތައް ހޯސްޓުކުރާނެ ބަޔަކު ނުލިބިގެން އޭއެފްސީން ވަނީ ދާދިފަހުން ބަޔާނެއްވެސް ނެރެފައެވެ. ރާއްޖެއިން ބިޑުކުރީ މުބާރާތް ކެންސަލްނުކޮށް ދިވެހި ކުޅުންތެރިންނަށް އޮތް ފުރުސަތު ގެއްލުނަނުދޭން ވެގެންނެވެ.

އޭއެފްސީން ވަނީ ހޯސްޓުކުރާނެ ގައުމެއް ނެތް ނަމަ އެ ޒޯނެއްގެ މެޗުތައް ކެންސަލްކުރާނެ ކަމަށެވެ. މިކަމާއި ގުޅިގެން އޭއެފްސީން ވެސް ވަނީ ބަޔާނެއް ނެރެފައެވެ.

މީގެކުރިންވެސް ރާއްޖެއިން ވަނީ މި މުބާރާތުގެ ގްރޫޕްސްޓޭޖުގެ މެޗުތައް ހޯސްޓުކުރުމަށް ހުށައަޅާ އިންޑިއާއާއި ވާދަކޮށް ކާމިޔާބުކޮށްފައެވެ. ނަމަވެސް އެފަހަރު ކެންސަލްކުރީ މާލޭގައި ކޮވިޑު ހާލަތު ވަރަށް ގޯސްވުމާއި ގުޅިގެންނެވެ. އަދި އެ ބުރު ޕްލޭއޮފްގައި ވާދަކުރަން އައި އިންޑިއާގެ ބެންގަލޫރު އެފްސީގެ ކުޅުންތެރިން އުސޫލާއި ހިލާފަށް ހޮޓަލުން ބޭރަށް ނުކުތުމާއި ގުޅިގެންނެވެ.

ރާއްޖެ ހިމެނޭ ދެކުނު އޭޝިއާ ގްރޫޕުގައި ހިމެނޭ ޓިމުތަކަކީ ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގާންގެ އިތުރުން ބަންގްލަދޭޝްގެ ބަޝުންދުރަ ކިންގްސް އެވެ. ހަތަރުވަނަ ޖާގަ ލިބޭނީ ޕްލޭއޮފްގައި އިންޑިއާގެ ބެންގަލޫރު އަދި ރާއްޖޭގެ އީގަލްސް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެކެވެ.