"ފަނަރަ އަހަރު ކުރިން އަހަރެމެން އުޅުނީ ފާޚާނާ ސާފުކުރަން އަދި އަހަރެމެންނަށް ހެނދުނުގެ ނާސްތާ ލިބޭނީ ވެންޑިން މެޝިނުން."

މިއީ، މިހާރު އިންގްލެންޑް އާއި މެންޗެސްޓަރ ސިޓީގެ ތަރި، ރަހީމް ސްޓާލިން، އޭނާގެ ޅަ ދުވަހުގެ ހަނދާންތައް އައު ކުރަމުން ބުނެފައިވާ އެއްޗެކެވެ. އޭނާގެ ހިތްދަތި، އަދި ބުރަ ކުޑައިރުގެ ހަނދާނުން މިންވަރެކެވެ.

މިހާރު ދުނިޔޭގައި ހުރި އެންމެ މުއްސަނދި އެއް ކުޅުންތެރިޔާކަމުގައިވާ ސްޓާލިން އަށް، އޭނާގެ ޚަރަދުތަކާ ބެހޭގޮތުން އެތައް ބަޔަކު ފާޑުކިއެވެ. ލޯބިވެރިޔާއަށް އަގުބޮޑު ހެދުން ގަނެދިނުމާއި މަންމައަށް އަގުބޮޑު ގެއެއް ގަނެދިނުމުން އެތައް ބަޔަކު ފާޑުކިއެވެ. އެހެންނަމަވެސް، އޭނާގެ މާޒީ ދަންނަނީ މަދު ބައެކެވެ.

"ޕްލޭޔާސް ޓްރިބިއުން" ގައި ސްޓާލިން ބުނެފައިވާ ގޮތުގައި، އޭނާ އިނގިރޭސިވިލާތަށް ދިރިއުޅުން ބަދަލުކުރީ އުމުރުން އެންމެ ފަސް އަހަރުގައެވެ. އޭނާގެ އުމުރުން، އެންމެ ދެ އަހަރުގައި، ބަޔަކުވަނީ އޭނާގެ ބައްޕަ މަރާލާފައެވެ. އޭގެފަހުން، ޖަމައިކާ ދޫކޮށް، އޭނާގެ މަންމަ އިނގިރޭސިވިލާތަށް ބަދަލުވީ ކިޔަވާށެވެ. އޭރު، ސްޓާލިން އަދި އޭނާގެ ދައްތަ މާމަ ކައިރީގައި ދިރިއުޅުނުކަމުގައިވިޔަސް، ފަހުންވަނީ މަންމަ ކައިރިއަށް، އިނގިރޭސިވިލާތަށް ބަދަލުވެފައެވެ.

ސްޓާލިންގެ އާއިލާއަކީ އަތްމަތި ދަތި އާއިލާއެއްކަމުން، ބަނޑުފުރާނަ މުއްތިކުރުމަށް ކުޑައިރުވެސް މަސައްކަތް ކުރަން މަޖުބޫރުވިއެވެ. މަންމަ މަސައްކަތަށް ދިއުމުން، ދައްތައާއި ސްޓާލިންވެސް މަސައްކަތް ކުރަން ދިޔައެވެ. އެގޮތުން، ދެބެން ގޮސް އުޅުނީ، ހޮޓަލްތަކުގެ ފާޚާނާ ސާފުކުރުމަށެވެ. ބައެއް ދުވަސްތަކުގައި، އޭނާއާއި އޭނާގެ ދައްތަ، ފާޚާނާ ސާފުނުކުރަން ބޮޑާހާކާ ކަމަށްވެސް ބުނެފައިވެއެވެ.

ކުޑައިރުގެ ދުވަސްތައް ހޭދަކުރީ ވެމްބްލީގައި ކަމުން، އައު ސްޓޭޑިއަމަށް ބިނާވެގެން ދިޔަތަން، އޭނާއަށް ވަރަށް ރަނގަޅަށް ފެނުނެވެ. އެކަމުގެ ސަބަބުން، ފުޓުބޯޅައަށް ހިތްވެސް ޖެހުނެވެ.

ސްޓާލިން ބުނާގޮތުގައި، މަސައްކަތެއްގެ ގޮތުން ފުޓުބޯޅައިގެ ރޮނގުން ކުރިއަށް ދިޔުމަށް ހިތްވަރުދީ، އެމަގުން ހިންގުވި މީހަކީ އޭނާގެ ދައްތައެވެ. ކިއުޕީއާރުގެ ތަމްރީނު އެކަޑަމީއަކަށް އޭނާ ވައްދާ، ކޮންމެ ދުވަހަކު އެތަނަށް ގެންދިޔައީވެސް ދައްތައެވެ.

ކިއުޕީއާރުގައި ކުރި ތަމްރީނުތަކުން ނަތީޖާވެސް ނިކުތެވެ. އެކަން ހާމަވަނީ، 2010 ވަނަ އަހަރު، އޭނާ ލިވަޕޫލަށް ގެންދިޔުމެވެ. އަދި، 2015 ވަނަ އަހަރުގެ ނިޔަލަށް އެޓީމުގައި ކުޅުނުއިރު، 95 މެޗެއްގައި 18 ގޯލު ކާމިޔާބުކޮށްދީފައިވެއެވެ. އަދި، އޭގެފަހުން، 2015 ވަނަ އަހަރު، އޭނާވަނީ ހަމަ އެޤައުމުގެ މެންޗެސްޓަރ ސިޓީއަށް ބަދަލުވެފައެވެ.

އިންގްލެންޑްގެ ޤައުމީ ޓީމުން އޭނާއަށް ޖާގަ ލިބުނީ 2012 ވަނަ އަހަރުގެ ތެރޭގައެވެ. އެހެންނަމަވެސް، އޭނާއަށް ބައިނަލްއަޤުވާމީ ގޯލެއް ކާމިޔާބު ކުރެވުނީ އޭގެ ތިން އަހަރު ފަހުންނެވެ. އޭނާގެ އުމުރަކީ މިހާރު 23 އަހަރެވެ.