ޕެނަލްޓީގައި ސްޕެއިން ބަލިކޮށް ޔޫރޯ 2020 ގެ ފައިނަލުގެ ފުރަތަމަ ޖާގަ އިޓަލީ ހޯދައިފިއެވެ.

ފައިނަލަށް އިޓަލީ ދަތުރުކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 ގައި ނަތީޖާ އޮތުމުން އިތުރު ވަގުތުގެ 15 މިނެޓުގެ ދެ ހާފުގައިވެސް ނަތީޖާ ނުނެރެވުމުން ޕެނަލްޓީ ޖަހައިގެންނެވެ.

ޕެނަލްޓީގައި އިޓަލީ ކުރިހޯދީ 4-2 ގެ ނަތީޖާއަކުންނެވެ. ޕެނަލްޓީގައި ފެނިގެންދިޔައީ އިޓަލީގެ އުއްމީދީ ކީޕަރު ޑޮނަރުއްމާގެ ހުށިޔާރުކަމެވެ. މެޗުން އިޓަލީ މޮޅުވި ޕެނަލްޓީ ކާމިޔާބުކޮށްފައިވަނީ ޖޯޖީނިއޯ އެވެ. ސްޕެއިންގެ ޕެނަލްޓީތައް ނާކާމިޔާބުވި ކުޅުންތެރިންނަކީ އޮލްމޯ، އަދި މޮރާޓާގެ ޕެނަލްޓީއެވެ. އިޓަލީ ޖެހި ޕެނަލްޓީގެ ތެރެއިން ނާކާމިޔާބުވީ ލޮކަޓެލީ ޖެހި ޕެނަލްޓީ އެކަންޏެވެ.

މި ނަތީޖާއާއެކު އިޓަލީއާއެކު ފައިނަލުގައި ބައްދަލުކުރާނީ މާދަމާ އިންގްލޭންޑާއި ޑެންމާކް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. ފައިނަލް ކުޅޭނީ އަންނަ އާދީއްތަ ދުވަހުގެ ރޭ 00:00 ގައެވެ.

މެޗުގެ ބޮޑުބައި ކޮންޓްރޯލްކޮށްގެން ކުޅުނީ ސްޕެއިން އެވެ. ހާއްސަކޮށް އެ ޓީމުގެ ކުދި ޕާސިންތަކުގެ ސަބަބުން އިޓަލީއަށް ފުރަތަމަ ކޮޅު އުނދަގޫތަކެއް ކުރިމަތިވިއެވެ. ފުރަތަމަ ހާފުގެ ކުރީކޮޅު ފެނިގެންދިޔައީ އިޓަލީއަށް އެއްވެސް ގޮތަކަށް ނުކުޅެވިގެން އުޅުނު ތަނެވެ. ސްޕެއިން ފެނުނީ ޓީމެއްގެ ސިފައިގައި ވަރުގަދަކޮށެވެ.

މި މެޗުގައި ސްޕެއިން ޓީމުގެ އެއް އާރުކާޓީ އަކީ އުއްމީދީ މިޑްފީލްޑަރ ޑެނީ އޮލްމޯ އެވެ. ސްޕެއިންގެ ގިނަ ހަމަލާތަކެއްގެ އެންމެ އިސް މީހަކީ އޭނާ އެވެ. އެއާއެކު ފެނިގެންދިޔައީ އިޓަލީގެ ވަރުގަދަ ޑިފެންޑަރުން ކަމަށްވާ ކިއެލީނީ އާއި ބޮނުއްޗީ އަށް އުނދަގޫތަކާއި ކުރިމަތިވި ތަނެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ސްެޕެއިން އިން ޑޮމިނޭޓް ފުޓުބޯޅައެއް ކުޅުނު ނަމަވެސް ފުރަތަމަ ހާފުގެ ފަހުކޮޅު އިޓަލީން ދިޔައީ މަޑުމަޑުން ސްޕެއިންގެ ކުޅުން ދަސްކޮށް ކައުންޓަރ އެޓޭކުތައް ވަރުަގަދަކުރަމުންނެވެ. ފުރަތަމަ ހާފު ނިމުނީ ދެޓީމުން ކުރެ ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި އެވެ.

ދެވަނަ ހާފު ދެ ޓީމުންވެސް ފެށީ ވަރުގަދަކޮށެވެ. މި ހާފުގައި އިޓަލީން ވަނީ ސްޕެއިން ކައިރިން ވަރަށް ރަނގަޅަށް ކައުންޓަރ އެޓޭކުތަކުގައި ކުޅެން ދަސްކޮށްފައެވެ. އަދި ޑިފެންސްލައިނު ކުރިޔަށްވުރެ ހަރުދަނާވެގެން ދިޔަ ތަނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 60 ވަަނަ މިނެޓުގައި އިޓަލީން ލީޑު ނެގިއެވެ.

ސްޕެއިންގެ ޑިފެންޑަރުން ކައިރި ތިއްބާ ހޯދި ފުރުސަތަކުން މި ލަނޑު ކިއޭސާ ކާމިޔާބުކުރީ ކީޕަރު ސިމޮން އަށް އެއްވެސް ފުރުސަތެއް ނުދީ ގޯލުގެ ތިރީ ކަނަށެވެ.

މި ލަނޑަށްފަހު ސްޕެއިން ޓީމުން މޮރާޓާ ކުޅެން އެރުވިއެވެ. މެޗުގައި ސްޕެއިން އިން ނަތީޖާ ހަމަހަމަކުރި ލަނޑުވެސް ޖަހާފައިވަނީ އޭނާ އެވެ. މި ލަނޑު މެޗުގެ 80 ވަނަ މިނެޓުގައި ކާމިޔާބުކުރި އިރު މިއީ އިޓަލީގެ ޑިފެންޑަރުން ވިއްދާފައިވަނިކޮށް ހޯދި ދޭތެރެއަކުން އޮލްމޯ ތަނަވަސްކޮށްދިން ބޯޅައަކުން މޮރާޓާ ކާމިޔާބުކުރި ލަނޑެކެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާއަކީ 1-1 އެވެ. އެއާއެކު ދެން ކުޅުނީ އިތުރުވަގުތުގެ ދެ ހާފެވެ. މި ހާފުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ގިނަ ހަމަލާތަކެއް ފެނިގެންދިޔަ އެވެ. އަދި ނަތީޖާ ބަދަލުކުރެވޭ ވަރުގެ ފުރުސަތުތަކެއް ވެސް ލިބިގެންދިޔަ އެވެ. އިތުރުވަގުތުުގެ ދެ ހާފުގައިވެސް ނަތީޖާ ނުނެރެވުމުން ދެން ޖެހީ ޕެނަލްޓީއެވެ.

މިއީ 2012 ވަނަ އަހަރަށްފަހު ޔޫރޯ ފުޓުބޯލަ މުބާރާތުގެ ފައިނަލަށް އިޓަލީ ދަތުރުކުރި ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަޓޯ

    މާދަމާ އިނގެރޭސިން ބަލިވާނެ ނަމަ ހާދަ ރަނގަޅޭ

    24
    10
    • Anonymous

      އުންމީދަކީ އިނގިރޭސީންގެ ފޮނިކަން ކަނޑުވައިލުމަށް ފަހު ޑެންމާކް މޮޅުވުން. ބަލާ ހިތްވަނީ ޑެންމާކާއި އިޓަލީ ފައިނަލުގައި ކުޅެ ތަން.

      18
      5
  2. ސައްބެ

    މިމެޗުގަ އިޓަލީގެ ކުޅުމައްބަލާފަ ފައިނަލުގަ އިނގެރޭސިންނާ ޖެހިއްޖެއްޔާ އިޓަލީއައް ތަށިލިބޭކައްނެއް ވަރައްސާފުކޮށް މިބުނޫ

    4
    2