މި މަހުގެ 21 ވަނަ ދުވަހުގެ ރޭ ކުޅުނު މެޗުގައި، 3-0 ގެ ނަތީޖާއަކުން ކްރޮއޭޝިޔާގެ އަތުން އާޖެންޓީނާ ބަލިވުމަކީ، އާޖެންޓީނާގެ ސަޕޯޓަރުންނަށް ކުރިމަތިވި ހިތްދަތިކަމެއްކަން ޔަޤީނެވެ. މިކަމުގެ ސަބަބުން، ހަޤީޤީ ސަޕޯޓަރުންނަށް އަސަރު ކުރާނެކަންވެސް ޔަޤީނެވެ.

އެހެންނަމަވެސް، ދެރަވިކަމުގައިވިޔަސް، އަދި ހިތްދަތިވިކަމުގައިވިޔަސް، ކުޅިވަރުގެ ރޫޙާ ޚިލާފު ކަންކަން ހިންގުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މިފަދަ ބައެއް ކަންކަން، މެޗަށް ފަހު އާޖެންޓީނާގެ ސަޕޯޓަރުންގެ ފަރާތުންވަނީ ފެނިގެން ގޮސްފައެވެ.

މީސް މީޑިޔާގައި އާއްމުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި، އެމެޗުގެ ފަހުން، އާޖެންޓީނާގެ ބައެއް ސަޕޯޓަރުންވަނީ، ސްޓޭޑިއަމްގެ ތެރޭގައި ކްރޮއޭޝިޔާގެ ސަޕޯޓަރުންނަށް ހަމަލާ ދީފައެވެ.

އާއްމުވެފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި، އާޖެންޓީނާގެ ސަޕޯޓަރަކުވަނީ ކްރޮއޭޝިޔާގެ ސަޕޯޓަރެއްގެ ބޮލުގައި، ފައިންވެސް ޖަހާފައެވެ. އަދި، މި ނޫނަސް އަނިޔާ ކުރާ މަންޒަރު، އާއްމުވެފައިވާ ވީޑިއޯ އިން ފެނެއެވެ.

އާޖެންޓީނާ އާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އޭއެފްޕީ

އެރޭގެ މެޗަށްފަހު، އާޖެންޓީނާގެ ގިނަ އަދަދެއްގެ ސަޕޯޓަރުންނާއި، އެޤައުމުގެ މީޑިޔާތަކުންވެސް ވަނީ ކޯޗަށް ފާޑުކިޔާފައެވެ. މެޗުން، ދަށް ނަތީޖާއެއް ނެރެވުނީ ކޯޗުގެ ހަރުދަނާ ރޭވުމެއް ނެތުމުންކަމަށްވެސް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ. ހަމައެހެންމެ، ބައެއް ފަރާތްތަކުން، އެޓީމުގެ ކެޕްޓަން، ލިއޮނަލް މެސީ އަށްވެސް ފާޑު ކިޔާފައިވެއެވެ.

އެހެންނަމަވެސް، ރޭ ކުޅުނު މެޗުން ނައިޖީރިޔާ މޮޅުވެ، އައިސްލޭންޑް ބަލިވުމުން، އާޖެންޓީނާއިން ދެން އޮތް ބުރަށް ދިއުމަށް ކުރާ އުންމީދު ވަނީ އައުވެފައެވެ.