ދަނޑުމަތީގައި އުޅުނު ކުޑަ ކުޑަ ދޫންޏެއް ސަލާމަތްކުރުމުން، ސްޕެއިންގެ ދެ ތަރިންކަމުގައިވާ ޖެރާޑް ޕީކޭ އަށާއި އިސްކޯ އަށް ޝަރަފުވެރި އެވޯޑެއް ލިބިއްޖެއެވެ. މި ދެ ކުޅުންތެރިންނަށް ލިބިފައިވަނީ، ޖަނަވާރުތަކުގެ ޙިމާޔަތުގައި މަސައްކަތްކުރާ ބައިނަލްއަޤުވާމީ ޖަމާއަތް، ޕެޓާ އިން ދޭ އެވޯޑެކެވެ.

މި ދެ ކުޅުންތެރިން މި ދޫނި ސަލާމަތްކޮށްފައިވަނީ، މި މަހުގެ 20 ވަނަ ދުވަހު، ރަޝިޔާގެ ކަޒާން އެރީނާގައި ކުރިއަށް ދިޔަ މެޗުގެ ތެރެއިންނެވެ. އެއީ ސްޕެއިން އާއި އީރާން ބައްދަލުކުރި މެޗެވެ.

ޕީކޭ އާއި އިސްކޯ، މި ގޮތަށް ކަންތައް ކުރުމުން، އެދުވަހު ދަނޑުގައި ތިބި، މީހުންވެސްވަނީ އެކުޅުންތެރިންނަށް ތަރުޙީބު ދީފައެވެ. އަދި، އެތައް ބަޔަކުވަނީ ކުޅުންތެރިންނަށް ތަޢުރީފުކޮށް ވާހަކަވެސް ދައްކާފައެވެ.

ޕެޓާ އިން ބުނެފައިވާ ގޮތުގައި މި ކުޅުންތެރިންނަށް ދީފައިވާ އެވޯޑަކީ "ހީރޯ ޓު އެނިމަލް" އެވޯޑެވެ. އަދި، އެކަމުގެ ސެޓްފިކެޓް، ފްރޭމްކުރުމަށްފަހު ރަޝިޔާއަށް ގެންގޮސް، ކުޅުންތެރިންނަށް އަރުވާނެކަމަށް ބުނެފައިވެއެވެ. އެޖަމާއަތުގެ ޑިރެކްޓަރ، އެލީސާ އެލެން ބުނެފައިވަނީ އެއްވެސް އެއްޗެއްގެ ފުރާނައަކީ އެއްވެސް ކުޅިވަރެއްގެ މެޗަކަށްވުރެ މުޙިއްމު އެއްޗަކަށް ނުވާނެކަމަށެވެ.