މެސީ އަކީ ކުލަބު ފުޓުބޯޅައިގައި ކާމިޔާބު ކުޅުންތެރިއެކެވެ. ބާސެލޯނާއިން ކެރިއަރު ފެށުމަށްފަހު މިހާހިސާބަށް އައި އިރު މެސީ ވަނީ އެ ކުލަބާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. މިހާރު އޭނާގެ އެންމެ ބޮޑު އުއްމީދަކީ އުފަން ގައުމުކަމަށްވާ އާޖެންޓީނާއަށް ތައްޓެއް ހޯދައިދިނުމެވެ.

އެ ހުވަފެނުގައި ކުލަ ޖެހުމާއި ގާތަށް 2014 ގައި ބޭއްވި ވޯލްޑްކަޕުން ޖެހިލިއެވެ. ފައިނަލުގައި ޖަރުމަނު އަތުން އެފަހަރު ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. އެފަހަރުގެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މެސީއެވެ.

އޭގެފަހުން ބޭއްވި ކޮޕަ އެމެރިކާ އަދި ވޯލްޑްކަޕުގައި އާޖެންޓީނާއަށް މާބޮޑު ވަރެއް ނުކުރެވުނު ނަމަވެސް އަނެއްކާވެސް މިއީ މެސީއަށް އޭނާގެ ގައުމަށް ތައްޓެއް ހޯދުމަށް ކުރަމުންދާ އުއްމީދުތައް ހަގީގަތަކަށް ހަދަން ލިބޭ ރަނުގެ ފުރުސަތެކެވެ. މެސީ ޓީިމުގައި ހިމެނިގެން އާޖެންޓީނާއިން ކޮޕަ އެމެރިކާގެ ފައިނަލުގައި ދެ ފަހަރެއްގެ މަތިން ވާދަކުރި އެވެ. އެ ދެފަހަރުވެސް ޕެނަލްޓީގައި ބަލިވީ ޗިލީ އަތުންނެވެ.

މިފަހަރުގެ ކޮޕަ އެމެރިކާ ފުޓުބޯޅަ މުބާރާތުގެ ފައިނަލަށް އާޖެންޓީނާ ދަތުރުކުރީ ސެމީފައިނަލުގައި މިއަދު ހެނދުނު ޕެނަލްޓީ ޖަހައިގެން ކޮލަމްބިއާ ބަލިކޮށްގެންނެވެ. ޕެނަލްޓީއަށް ދިޔައީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން ދެޓީމު އެއްވަރުވުމުންނެވެ. ޕެނަލްޓީގައި އާޖެންޓީނާއިން ކޮލަމްބިއާ ބަލިކޮށްފައިވަނީ 3-2 ގެ ނަތީޖާއަކުންނެވެ.

މެޗުގައި އާޖެންޓީނާއިން ލީޑު ނެގި ލަނޑު މެސީގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ލައުޓާރޯ މާޓިނޭޒް އެވެ. ކޮލަމްބިއާ އިން ނަތީޖާ ހަމަހަމަކޮށްފައި ވަނީ ލުއިސް ޑިއާސް ކާމިޔާބުކުރި ލަނޑުންނެވެ.

ޕެނަލްޓީގައި އާޖެންޓީނާގެ ކީޕަރު މާޓިނޭޒް ވަނީ ތިން ޕެނަލްޓީ މަތަކޮށްފައެވެ. އެއީ ޔެރީ މިނާ، ޑަވިންސަން ސަންޗޭޒް އަދި އެޑްވިން ކާޑޯނާ ޖެހި ޕެނަލްޓީތަކެވެ.

ކޮޕަ އެމެރިކާ ފައިނަލުގައި އާޖެންޓީނާއާއި ބައްދަލުކުރާނީ ބްރެޒިލް އެވެ. މި މެޗު ކުޅޭނީ އަންނަ އާދީއްތަ ދުވަހުގެ ފަތިހު ރާއްޖެގަޑިން 05:00 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މެސީ

    ކޮންމެގޮތަކަށް ނަތީޖާ ނުކުތަސް މެސީ އެއީ 1ވަނަ

    4
    3
  2. ޟނ

    ނުވެއްޖިއްޔާ ރަގަޅީ

    4
    7
  3. ގުއި ފޮދު

    ! އައްދޯއި! މަގޭ ބޮލަށް މަތީއިން ފަންކާސް ނުވެށްޓުނީ ކިރިޔާ!

    1
    1