ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ފަހަތުން އަރައި 2-1 އިން ޑެންމާކް ބަލިކޮށް އިންގްލެންޑުން ފުރަތަމަ ފަހަރަށް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފިއެވެ. ފައިނަލުގައި އާދިއްތަ ދުވަހު އިންގްލެންޑް ކުޅޭނީ އިޓަލީއަ ދެކޮޅަށެވެ.

މިއީ 1966 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފައިނަލުގައި ކުޅުނު ފަހުން މިވީ 55 އަހަރު ތެރޭ ބޮޑު މުބާރާތެއްގެ ފައިނަލުގައި އިންގްލެންޑް ކުޅޭ ފުރަތަމަ ފަަހަރެވެ.

މެޗުގެ ފުރިހަމަ ވަގުތު 1-1 އިން އެއްވަރުވެގެން ނިމުމުމުން ކުޅުނު އިތުރު ވަގުތުގެ 15 މިނެޓުގެ ދެ ހާފުގެ ތެރެއިން ފުރަތަމަ ހާފުގެ ފަހު ވަގުތު އިންގުލެންޑަށް ލީޑު ނަގައިދިނީ ކެޕްޓަން ހެރީ ކޭން އެވެ.

މެޗްގެ ފުރަތަމަ ލަނޑުމެޗުގެ 30 ވަނަ މިނެޓްގައި އިންގްލެންޑުގެ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުން، މިކެލް ޑޭމްސްގާޑް ފޮނުވާލީ ފާރެއްހެން އެތުރިގެން ތިބި އިންގުލެންޑުގެ ކުޅުންތެރިންގެ ބޯމަތިންނެވެ. އެ ބޯޅަ ދިޔައި އިންގްލެންޑު ޓީމުގެ އެންމެ އިސްކޮޅުން ދިގު ކުޅުންތެރިޔާ ކެޕްޓަން ހެރީ ކޭންއާ ދިމާލުންނެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން އިނގްލެންޑުން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. އިންގުލެންޑުގެ ލަނޑަކީ ބުކަޔޯ ސަކާ އޭރިއާ ތެރޭގައި ހުރި ރަހީމް ސްޓާލިން އަށް ހުރަސްކޮށްލި ބޯޅަ ޑެންމާކުގެ ކެޕްޓަން ސީމޯން ކިއާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ސަކާ އެ ބޯޅަ އޭރިއާ ތެރެއަށް ނަގައދިނުމުން ސްޓާލިން އަށް ލިބުމުގެ ކުރިން ދިފާއު ކުރަން ކިއާ ޓެކުލް ކުރުމުން ފައިގައި ޖެހިފައި ބޯޅަ ވަނީ ގޯލަށެވެ.

ނަތީޖާ ހަމަހަމަކުރަން ޑެންމާކުން އިތުރު ވަގުތުގެ ދެ ވަނަ ހާފްގައި ކުރިއަށް ޖެހިގެން ކުޅުނެވެ. ނަމަވެސް ނަތީޖާ ބަދަލު ކޮށްލެވޭ ގޮތެއް ނުވިއެވެ.