ބާސެލޯނާއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީއަށް އާޖެންޓީނާގެ ޓީމުން އެހީތެރިވާތަން ނުފެންނަ ކަމަށް އެޓީމުގެ ކޯޗު ޖޯޖް ސަމްޕައޯލީ ބުނެފިއެވެ،

ވޯލްޑް ކަޕްގައި ކްރޮއޭޝިއާ އަތުން 3-0 ގެ ނަތީޖާއަކުން އާޖެންޓީނާ ބަލިވި މެޗަށް ފަހު ވާހަކަ ދައްކަމުން ސަމްޕައޯލީ ބުނީ ޕޯޗުގަލްގައި ރޮނާލްޑޯއަށް އެހީވާނެ ޓީމެއް އެބައޮތް ކަމަށާއި ނަމަވެސް އެ މަންޒަރު އާޖެންޓީނާގެ ޓީމުން ނުފެންނަ ކަމަށެވެ.

އަދި މެސީއަށް އާޖެންޓީނާގެ ޓީމުން އެހީވާތަން ނުފެންނަ ކަމަށާއި، މެސީގެ ކުޅުން ވޯލްޑްކަޕްގައި ނުދެއްކޭ މައިގަނޑު ސަބަބަކީ އެއީ ކަމަށްވެސް ކޯޗު ވަނީ ބުނެފައެވެ.

އަދި މެސީއާއި ގުޅިގެން ކުޅެން އެނގޭ ކުޅުންތެރިން އާޖެންޓީނާ ޓީމުގައި ނެތް ކަމަށާއި އެކަމަކީ އާޖެންޓީނާއަށް ވޯލްޑްކަޕްގައި އެދެވޭ ނަތީޖާއެއް ނުދެއްކުމުގެ ސަބަބެއްކަމަށްވެސް ކޯޗު ވަނީ ބުނެފައެވެ.

ކްރޮއޭޝިއާ އަތުން ބަލިވެ އައިސްލޭންޑު އަތުން އެއްވަރުވުމުން ވޯލްޑްކަޕްގައި ކުރިއަށް ދިޔުމުގެ އާޖެންޓީނާ އަށް ހުރަސްތަކެއް ކުރިމަތިވެފައިވާއިރު އެ ދެމެޗުގައި ހާއްސަކޮށް އައިސްލޭންޑް މެޗުގައި އާޖެންޓީނާގެ ފަރާތުން ފެނިގެން ގޮސްފައިވާ ދަށް ކުޅުމުގެ ސަބަބުން ކޯޗު ސަމްޕައޯލީއަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުންތަށް އަމާޒުވެފައެވެ.

އަދި ކުރިއަށް އޮތް ނައިޖީރިއާ މެޗުން އާޖެންޓީނާއަށް މޮޅު ނުވެވިއްޖެ ނަމަ ކޯޗު ސަމްޕައޯލީ އާޖެންޓީނާއަށް ނާރުވާނެ ކަމަށް އެގައުމުގެ ކުރީގެ ބަތަލު ޑިއޭގޯ މެރެޑޯނާ ވަނީ އިންޒާރު ދީފައެވެ.