ގޭމްސް އެސޯސިއޭޝަން އޮފް މާވަށުން އިސްނަގައިގެން އެރަށުގައި ކުރިއަށް ގެންދާ "ގޭމްފުޓްސަލް ޗެލެންޖް 2018" ގުރޫޕް ބީ ގެ ސެމީފައިނަލަށް އެފްސީ ހަބޭސް އަދި އެފްސީ މަސްރޯދި ދަތުރުކޮށްފިއެވެ.

އެފްސީ ހަބޭސް އިން ސެމީ ފައިނަލަށް ދަތުރުކުރީ ގުރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި އެފްސީ މަސްރޯދި ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރު ކުރީ ގްރޫޕުގެ ދެ ވަނަ ޓީމުގެ ގޮތުގައެވެ.

ރޭ ކުޅެވުނު ގުރޫޕް ބީގެ އެންމެ ފަހު މެޗުގައި ބައްދަލުކުރީ އެފްސީ ހަބޭސް އަދި ބާކީ ޔުނައިޓެޑްއެވެ. އެ މެޗު ފަސޭހަކަމާއި އެކު އެފްސީ ހަބޭސް ކާމިޔާބުކުރީ 8-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ މޮޅުކުޅުންތެރިޔަކަށް ހޮވުނީ އެފްސީ ހަބޭސްގެ ޖާޒީ ނަންބަރު 6 އާދަމް ވަޖީހު އެވެ.

އެފްސީ މަސްރޯދި ސެމީއަށް ދަތުރުކުރީ ދި ކެޓްސްއާ ބައްދަލުކޮށް 8-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ މޮޅު ކުޅުން ތެރިޔަކަށް ހޮވިފައިވަނީ އެފްސީ މަސްރޯދި ޖާޒީނަންބަރ 7 ޢަލީ ބުޝްރީ އެވެ.

މާދަމާރޭގައި އޮންނާނީ ގުރޫޕް އޭގެ ފަހު މެޗުތަކެވެ. މާދަމާރޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މުބާރާތުގެ ސެމީފައިނަލްއަށް ދިއުމުގެ ފުރުސަތު ބަންދުވެފައިވާ ޓީނޭޖު ކިޔަމަ އަދި އަކިރިކޮޅު އެވެ. މާދަމާރޭގެ 2200 ގައި ފަށާ މެޗުގައި ބައްދަލުކުރާނީ އެފްސީ ކަޅުބުޅާ އަދި ލެގޫންސް އެވެ. މާދަމާރޭގެ މެޗުތައް ނިމުމުން މުބާރާތުގެ ސެމީފައިނަލް ގައި ވާދަކުރާނެ ޓީމުތައް ކަށަވަރު ވެގެން ދާނެއެވެ.

މި މުބާރާތުގެ ސްޕޮންސަރުންނަކީ މާލޭ ވޯޓަރ އެންޑް ސްވަރެޖް ކޮމްޕެނީ، އެސް ޓީ އޯ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އަދި ދިރާގެވެ. އަދި މިމުބާރާތަކީ ހައްދުންމަތީ މާވަށު ކައުންސިލާއި މާވަށު ދާއިރާގެ މެންބަރު އަޙްމަދު އަޒްހާން ފަހުމީގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެކު ކުރިއަށް ގެންދާ މުބާރާތެކެވެ.