ފީފާ ވޯލްޑްކަޕްގައި އިއްޔެ ކޮސްޓާރިކާއާއި ބައްދަލުކޮށް ބްރެޒިލް 2-0 ގެ ނަތީޖާއަކުން މޮޅުވި މެޗުގައި ބްރެޒިލްގެ ފޯވާޑް ނޭމާ ޖޫނިއާ ކޮސްޓާރިކާގެ ޕެނެލްޓީ އޭރިއާ ތެރެއިން ފަހަތަށް ކުރި ޑައިވްއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

ނޭމާގެ ޑައިވްއަށް ޖޯކު ޖަހައި ދުނިޔޭގެ ބައެއް މީޑިއާތަކުން ވީޑިއޯއާއި ފޮޓޯ ހަދާފައިވާއިރު ގިނަ ބަޔަކު ބުނަމުން ދަނީ ނޭމާ އަކީ އަބަދުވެސް ޑައިވް ކުރަން މޮޅު ކުޅުންތެރިއެއް ކަމަށެވެ. އަދި ޑައިވް ނުކޮށް ނޭމާ ބޯޅަ ޖެހިނަމަ ގޯލަށް ވަނުމުގެ ފުރުސަތު އޮތް ކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ.

މީގެއިތުރުން ބައެއް މީހުން ވަނީ ނޭމާގެ މި ޑައިވް އަކީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީފައިނަލްގައި ތުރުކީއާ ދެކޮޅަށް ބްރެޒިލް އިން ކުޅުނު މެޗުގައި ރިވާލްޑޯ ކުރި ފަދަ ޑައިވެއް ކަމަށްވެސް ބުނެފައެވެ.

މި ޑައިވާއި ގުޅިގެން ރެފްރީ ފުރަތަމަ ޕެނަލްޓީއެއް ދިނުމަށް ވެސް ނިންމިއެވެ. ނަމަވެސް ފަހުން ވީއޭއާރްގެ އެހީ ހޯދުމަށްފަހު ރެފްރީ ނިންމީ ބްރެޒިލް އަށް ޕެނަލްޓީ ނުދިނުމަށެވެ.

ޕެނެލްޓީއެއް ހޯދުމުގެ ގޮތުން ނޭމާ ކުރި އެ ޑައިވްއަށް ފާޑުކިޔުން އަމާޒުވެފައިވާއިރު ވޯލްޑްކަޕްގައި މިހާތަނަށް އެންމެ ގިނަ ފައުލްކޮށްފައިވާ އެއްކުޅުންތެރިއަކީ ބްރެޒިލްގެ ނޭމާއެވެ.

ހުނަރުގެ ގޮތުން މޮޅު ނޭމާ އަކީ ކޮސްޓާރިކާ އަތުން ބްރެޒިލް މޮޅުވި މެޗުގައި އެންމެ މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިޔާވެސް މެއެވެ.

ސްޕެއިންގެ ބާސެލޯނާ ދޫކޮށް ފްރާންސްގެ ޕީއެސްޖީއާއި ގުޅުނު ނޭމާއަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ އަގުބޮޑު ކުޅުންތެރިޔާއެވެ.

އަދި ގިނަ ބައެއް ގަބޫލު ކުރާ ގޮތުގައި ނޭމާއާއި އެކު ބްރެޒިލްއަށް ވޯލްޑްކަޕްގެ ތަށި އުފުލާލެވޭނެއެވެ.