މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ޕެނަމާ އަތުން ފަސޭހަކަމާއެކު މޮޅުވެ، ދެވަނަ މެޗުގައި ޓިއުނީޝިއާއާ ދެކޮޅަށް ނުކުންނައިރު ބެލްޖިއަމް އޮތީ ދެވަނަ ބުރުގެ ޖާގައަކަށް ލޯ އަޅައިގެނެވެ. މި މެޗަށް ނުކުންނައިރު، ބެލްޖިއަމްގެ ދެ ޑިފެންޑަރުން ކަމަށްވާ ވިންސެންޓް ކޮމްޕެނީ އާއި ތޯމަސް ވެމާލަން އަށް ކުޅެވެނޭކަމަކަށް ނުބެލެވެ އެވެ.

މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ވެސް މި ދެ ކުޅުންތެރިންނަށް ނުކުޅެވުނެވެ. އެހެންކަމުން، މިރޭގެ މެޗުގައި ވެސް ބެލްޖިއަމްގެ ޑިފެންސް ބަލަހައްޓާނީ ޑެޑްރިކް ބޮޔާޓާ އާއި ޓޯބީ އަލްޑަވިރެލްޑް އަދި ޔާން ވެޓޮންގަން އެވެ.

މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި އިންގްލެންޑް އަތުން ޓިއުނީޝިއާ ވަނީ ބަލިވެފަ އެވެ. އަދި އެ މެޗުގައި އަނިޔާވި އެ ޓީމުގެ ގޯލްކީޕަރު މުއެޒް ހަސަން އަށް ވަނީ ވޯލްޑް ކަޕްގައި ދެން ކުޅުމުގެ ފުރުސަތު ގެއްލިފަ އެވެ.

ބެލްޖިއަމްއާ ދެކޮޅަށް މިއަދު ކުޅޭ މެޗުން ބަލިވެއްޖެ ނަމަ، ޓިއުނީޝިއާ އަށް ދެވަނަ ބުރުގެ ފުރުސަތު ގެއްލޭނެ އެވެ.
މެޗުގެ ކުރިން ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނީ ޓިއުނީޝިއާ ބަލިކުރަން ފަސޭހަނުވާނެ ކަމަށެވެ.

"ޓިއުނީޝިއާ އަކީ ވަރަށް ހިތްވަރުކުރާ ޓީމެއް. އެ ޓީމުގެ ކުޅުންތެރިންނަކީ ޓީމެއްގެ ގޮތުގައި ވަރަށް ރަނގަޅަށް ކުޅޭ ބައެއް. އަދި އެ ޓީމަކީ ކައުންޓާ އެޓޭކްގައި ނުރައްކާތެރި ޓީމެއް،" މާޓިނޭޒް ބުންޏެވެ.

މިއީ ވޯލްޑް ކަޕްގައި މި ދެ ޓީމު ބައްދަލުކުރާ ދެވަނަ ފަހަރެވެ. ދެހާސް ދެވަނަ އަހަރުގެ ވޯލްޑް ކަޕްގައި މި ދެ ޓީމު ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެނެވެ.

ބެލްޖިއަމް

ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގައި ބެލްޖިއަމް އެންމެ ފަހުން ކުޅުނު 10 މެޗުން ބައްޔެއްނުވޭ.

ބެލްޖިއަމް އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނު ހަތް ފަހަރުގެ ތެރެއިން ހަ ފަހަރު، އެ ޓީމު ވަނީ ދެވަނަ ބުރަށް ދަތުރުކޮށްފަ.

އެންމެ ފަހުން ބެލްޖިއަމް ވޯލްޑް ކަޕް ކުޅުނު ހަތް ފަހަރު ވެސް، ގުރޫޕް ސްޓޭޖުގައި ކުޅުނު ދެވަނަ މެޗުން ބައްޔެއްނުވޭ.

ޓިއުނީޝިއާ

ވޯލްޑް ކަޕްގައި ޓިއުނީޝިއާ އެންމެ ފަހުން ކުޅުނު 12 މެޗުން ވެސް މޮޅެއް ނުވޭ. ވޯލްޑް ކަޕްގައި އެންމެ ފަހުން ޓިއުނީޝިއާ މޮޅުވީ 1978 ވަނަ އަހަރު.

މިއީ ވޯލްޑް ކަޕްގައި 2006 ވަނަ އަހަރުގެ ފަހުން ޓިއުނީޝިއާ ވާދަކުރާ ފުރަތަމަ ފަހަރު.

ވޯލްޑް ކަޕްގެ ދެވަނަ ބުރަށް ޓިއުނީޝިއާ އަށް މިހާތަނަށް ދަތުރެއްނުކުރެވޭ.

އެނގޭތަ؟

ޓިއުނީޝިއާ އާއި ބެލްޖިއަމް ވަނީ މީގެ ކުރިން ތިން ފަހަރު ބައްދަލުކޮށްފަ އެވެ. ބެލްޖިއަމް އެއް މެޗު ކާމިޔާބުކުރިއިރު، ޓިއުނީޝިއާ ވެސް ވަނީ ބެލްޖިއަމްގެ މައްޗަށް ކުރި ހޯދައިފަ އެވެ.