ބްރެޒިލް އާއި ކޮސްޓާރިކާ ބައްދަލުކޮށް 2-0 ގެ ނަތީޖާއަކުން ބްރެޒިލް މޮޅުވި މެޗުގެ ފުރަތަމަ ހާފުގައި ރެފްރީގެ ނިންމުންތަކާއި ހިތްހަމަނުޖެހި ބްރެޒިލްގެ ފޯވާޑް ނޭމާ ޖޫނިއާ ރެފްރީއާއި ޒުވާބުކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް އާންމުވެއްޖެއެވެ.

މެޗުގެ ހާފް ޓައިމްގައި ނޭމާ ރެފްރީއަށް ފާޑު ކިޔާ ހިތްހަމަ ނުޖެހުން ފާޅުކޮށްފައިވާއިރު މެޗުގެ ފުރަތަމަ ހާފް ނިމިގެން ޗޭންޖިންގް ރޫމަށް ދިޔުމުގެ ބަދަލުގައި ރެޕްރީއާއި ބައްދަލު ކުރުމަށް ނޭމާ ޓަނެލްގައި މަޑުކުރާ މަންޒަރު ވަނީ ސީސީޓީވީ ފުޓޭޖުތަކަށް އަރައިފައެވެ.

އަދި ރެފްރީ ޓަނެލްއަށް ދިޔަ ވަގުތު ރެފްރީ ހުއްޓުވާ ނޭމާ ވަނީ ރެފްރީއާއި ޒުވާބުކޮށްފައެވެ. ނަމަވެސް ރެފްރީއާއި ނޭމާ ޒުވާބުކުރަން ފެށިތާ މާގިނަ އިރެއްނުވެ ބްރެޒިލްގެ ފަހަތް ބެލެއްޓުމުގައި މުހިންމު ދައުރެއް އަދާކުރާ މާސެލޯވަނީ އެތަނަށް އައިސް ނޭމާ ގަދަކަމުން ޗޭންޖިންގް ރޫމަށް ގެންގޮސްފައެވެ. އަދި ނޭމާއަށް ކުރެވުނު އަދަބާ ހިލާފު ކަންތައްތަކަށް މާސެލޯ ވަނީ ރެފްރީގެ ކިބައިން މާފަށް އެދިފައެވެ.

ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ މާސެލޯ ނޭމާ ރެފްރީއާއި ދުރުކޮށް މައްސަލަ ހައްލުކޮށްފައިވާއިރު މާސެލޯއަކީ އަބަދުވެސް ފެއާ ޕްލޭ ކުޅުމެއް ކުޅެމުން އަންނަ ކުޅުންތެރިއެއްކަން ފާހަގަކޮށްލެވެއެވެ.

ކޮސްޓާރިކާ އަދި ބްރެޒިލް ބައްދަލު ކުރި މެޗުގައި ނޭމާއަށް ވަނީ ގިނަ ފައުލްތަކެއް ކޮށްފައެވެ.