މެކްސިކޯ މި އަހަރުގެ ވޯލްޑް ކަޕް ފެށީ ހީވެސް ނުކުރާ ފަދަ ނަތީޖާއަކުންނެވެ. މުބާރާތުގެ ފުރަަތަމަ މެޗުގައި މެކްސިކޯ ވަނީ އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަން އަތުން މޮޅުވެ، ދެވަނަ ބުރުގެ އުންމީދު ބޮޑުކޮށްފަ އެވެ. މުބާރާތުގައި ކުޅޭ ދެވަނަ މެޗުގައި މިރޭ ދެކުނު ކޮރެއާއާ އަތުން މޮޅުވެއްޖެ ނަަމަ، މެކްސިކޯ އަށް ދެވަނަ ބުރުގެ ޖާގައެއް ލިބޭނެ އެވެ.

ދެކުނު ކޮރެއާއާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނައިރު، މެކްސިކޯގެ ފުރަތަމަ 11 އަށް މާބޮޑު ބަދަލެއް އަންނާނެ ކަމަކަށް ނުބެލެވެ އެވެ.

މެކްސިކޯގެ ކޯޗު ހުއާން ކާލޮސް އޮސޯރިއޯ ބުނީ ދެކުނު ކޮރެއާ އަށްވުރެ މެކްސިކޯ ވަރުގަދަ ކަމަށް ބެލެވުނު ނަމަވެސް، މެޗުގައި އެ ތަފާތު މެކްސިކޯ އަށް ދެއްކޭނީ މަސައްކަތްކޮށްގެނެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ސްވިޑަން އަތުން ބަލިވި މެކްސިކޯ އަށް ދެވަނަ ބުރުގެ ފުރުސަތެއް އޮތީ މެކްސިކޯ އަތުން ރަނގަޅު ނަތީޖާއެއް ހޯދައިގެނެވެ. މެކްސިކޯއާ ދެކޮޅަށް މިރޭ ނުކުންނައިރު، ދެކުނު ކޮރެއާގެ ޓީމުން ބަދަލުތަކެއް ފެނުމުގެ ފުރުސަތު ބޮޑެވެ.

އެންމެ ފަހުން ކުޅުން ތިން މެޗުގައި ވެސް ލަނޑެއް ކާމިޔާބުނުކުރެވުނު ދެކުނު ކޮރެއާގެ އެޓޭކްގައި މިރޭ ބަދަލުތަކެއް ފެނިދާނެ އެވެ. މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ސްވިޑަންގެ ގޯލަށް އެންމެ ހަމަލާއެއް ވެސް ދެކުނު ކޮރެއާގެ ފޯވަޑްލައިނަށް އަމާޒުނުކުރެވުނެވެ.

މެކްސިކޯ:

މިހާތަނަށް ވޯލްޑް ކަޕްގައި އޭޝިއާގެ ޤައުމުތަކާ ދެކޮޅަށް ކުޅުނު ހުރިހާ މެޗަކުން ވެސް މެކްސިކޯ ވަނީ މޮޅުވެފަ.

ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގައި މެކްސިކޯ އެންމެ ފަހުން ކުޅުނު 18 މެޗުގެ ތެރެއިން ބަލިވީ އެންމެ ދެ މެޗުން.

2002 ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕްގައި ޖެހިޖެހިގެން ދެ މެޗުން މެކްސިކޯ މޮޅެއް ނުވޭ.

ދެކުނު ކޮރެއާ:

ދެކުނު ކޮރެއާ ވޯލްޑް ކަޕްގައި އެންމެ ފަހުން ކުޅުނު 13 މެޗުގެ ތެރެއިން 12 މެޗުގައި އެ ޓީމަށް "ކްލީން ޝީޓެއް" ނުލިބޭ.

ވޯލްޑް ކަޕްގައި އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސް ދެކުނު ކޮރެއާ އަށް ލަނޑެއް ކާމިޔާބެއް ނުކުރެވޭ.

ވޯލްޑް ކަޕްގައި އެންމެ ފަހުން ކުޅުނު ހަތް މެޗުގައި ދެކުނު ކޮރެއާ އަށް މޮޅެއް ނުލިބޭ.

އެނގޭތަ؟

ދެކުނު ކޮރެއާ އާއި މެކްސިކޯ ވަނީ 1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ބައްދަލުކޮށްފަ އެވެ. އެ މެޗު 3-1 އިން ކާމިޔާބުކުރީ މެކްސިކޯ އެވެ.