ކޮޕާ އެމެރިކާގެ ފައިނަލުގައި ވަރުގަދަ ބްރެޒިލް ބަލިކޮށް، ލިއޮނަލް މެސީގެ ކެޕްޓަންކަމުގެ ދަށުން އާޖެންޓީނާ އިން ފުރަތަމަ ފަހަރަށް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

މިއީ އާޖެންޓީނާގެ ތަރި އުމުރުން 34 ލަޔޮނަލް މެސީ އެ ޓީމަށް ކުޅެން ފެށި ފަހުން، ސީނިއާ ގައުމީ ޓީމަށް ހޯދުނު ފުރަތަމަ ތައްޓެވެ. އެހެންވެ، މި ތަށި އެންމެ ހާއްސަވާ އެއް ކުޅުންތެރިއަކީ ވެސް ޓީމުގެ ކެޕްޓަން ކަން ވެސް ކުރަމުން އަންނަ މެސީއެވެ.

އާޖެންޓީނާގެ ސީނިއާ ޓީމާއެކު މެސީ ވަނީ މިހާތަނަށް ތިން ފަހަރެއްގެ މަތިން ކޮޕާ އެމެރިކާގެ ފައިނަލުގައި ކުޅެފައެވެ. އަދި ވޯލްޑްކަޕުގެ ފައިނަލުގައި ވެސް ކުޅެފައިވެއެވެ. މިއީ މެސީގެ ހުވަފެން ހަގީގަތަކަށް ވުމެވެ. އޭނާގެ ކެރިއަރުގައި މިހާރު މަދުވަނީ ސީނިއާ ގައުމީ ޓީމަށް ތައްޓެކެވެ.

އާޖެންޓީނާ ގައުމީ ޓީމުގައި މެސީއަށް އަށް މިހާތަނަށް ކާމިޔާބު ލިބުނީ 20 އަހަރުންދަށުގެ ވޯލްޑް ކަޕާއި 2008 ވަނަ އަހަރުގެ އޮލިމްޕިކްސް ގައެވެ. މި ދެ މުބާރާތް ކާމިޔާބުކުރި އާޖެންޓީނާ ޓީމުގައި މެސީ ހިމެނުނެވެ. އެއާއެކު އޭނާ ދެން އަމާޒުހިފީ ސީނިއާ ޓީމަށް ތައްޓެކެވެ.

ބްރެޒިލްގެ މަޝްހޫރު މަރަކާނާ ސްޓޭޑިއަމުގައި ކުޅުނު ފައިނަލުގައި އާޖެންޓީނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ބްރެޒިލްއާއި ވާދަކޮށް 1-0 އިން މެޗު ކާމިޔާބުކޮށްގެންނެވެ. މެޗުގައި އާޖެންޓީނާގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްފައިވަނީ އެންޖެލް ޑިމާރިއާ އެވެ.

އާޖެންޓީނާއިން އެންމެފަހުން ކޮޕާ އެމެރިކާ ކާމިޔާބުކޮށްފައިވަނީ 1993 ވަނަ އަހަރުގައެވެ. އޭރު މެސީގެ އުމުރުން ވާނީ 7 އަހަރެވެ.

މެޗުގައި އާޖެންޓީނާގެ ހަމައެކަނި ލަނޑު ޑިމާރިއާ ކާމިޔާބުކޮށްފައިވަނީ މެޗުގެ 21 ވަނަ މިނެޓުގަައެވެ. ރޮޑްރިގޯ މަތިމަތިން ޑިމާރިއާ އަށް ދިން މި ބޯޅަ ގޯލަށް ފޮނުވާލާފައިވަނީ ބްރެޒިލްގެ ކީޕަރު ބޯމަތިން އޮއްސާލައިގެންނެވެ.

ދެ ޓީމުގެ ފަރާތުންވެސް ފިިޒިކަލް ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އާޖެންޓީނާއިން ޖެހި ލަނޑަށްފަހު ބްރެޒިލް ދިޔައީ ފަހަރަކަށް ފަހު ފަހަރެއް ނުރައްކާކުރަމުންނެވެ. ނަމަވެސް އާޖެންޓީނާގެ ފަހަތް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ.

ދެވަނަ ހާފުގައި ބްރެޒިލް އިން ލަނޑެއް ކާމިޔާބުކުރި އެވެ. މެޗުގެ 51 ވަނަ މިނެޓުގައި ރިޗާލިސަން މި ލަނޑު ކާމިޔާބުކުރި ނަމަވެސް ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމުގައެވެ.

ކައުންޓަރ އެޓޭކުތަަކުގަައި އާޖެންޓީނާ ފެނުނީ ވަރަށް ނުރައްކާކޮށެވެ. ލީޑު ފުޅާކޮށްލަން މެޗުގެ 88 ވަނަ މިނެޓުގައި ލިއޮނަލް މެސީއަށް ލިބުނު ހުސް ފުރުސަތު ފާހަގަކޮށްލެވެއެވެ. ޑެ ޕޯލް ދިން އެ ބޯޅަ ގޯލަށް ފޮނުވާލުމަށް މެސީއަށް ހުސްކޮށް ލިބުނު ނަމަވެސް އެ ބޯޅަ ކީޕަރު ވަނީ އޭނާގެ އަތުން ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. މެސީ

  މަރުހަބާ މެސީ، މަރުހަބާ އާޖެންޓީނާ...

  31
  1
 2. ރަދީފް

  މަރުހަބާ އާޖެންޓީނާ.ކޮބާ ފެނޭތަ؟ ފެނޭ ދޯ؟

  26
  4
 3. ރޫހާނީ

  މަރުހަބާ

  28
  3
 4. Messi

  މަރުހަބާ މެސީ