ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތުގެ ތަށި ލިބުމަކީ އޭނާ ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށްވުން ކަމަށާއި މި ކާމިޔާބީ ދުވަހަކުވެސް ހަނދާނުން ނުފޮހެވޭނެ ކަމަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފިއެވެ.

އާޖެންޓީނާއިން އެންމެފަހުން ކޮޕާ އެމެރިކާ ކާމިޔާބުކޮށްފައިވަނީ 1993 ވަނަ އަހަރުގައެވެ. މިއީ އާޖެންޓީނާގެ ތަރި އުމުރުން 34 ލަޔޮނަލް މެސީ އެ ޓީމަށް ކުޅެން ފެށި ފަހުން، ސީނިއާ ގައުމީ ޓީމަށް ހޯދުނު ފުރަތަމަ ތައްޓެވެ. އެހެންވެ، މި ތަށި އެންމެ ހާއްސަވާ އެއް ކުޅުންތެރިއަކީ ވެސް ޓީމުގެ ކެޕްޓަން ކަން ވެސް ކުރަމުން އަންނަ މެސީއެވެ.

އާޖެންޓީނާގެ ސީނިއާ ޓީމާއެކު މެސީ ވަނީ މިހާތަނަށް ތިން ފަހަރެއްގެ މަތިން ކޮޕާ އެމެރިކާގެ ފައިނަލުގައި ކުޅެފައެވެ. އަދި ވޯލްޑްކަޕުގެ ފައިނަލުގައި ވެސް ކުޅެފައިވެއެވެ. މިއީ މެސީގެ ހުވަފެން ހަގީގަތަކަށް ވުމެވެ. އޭނާގެ ކެރިއަރުގައި މިހާރު މަދުވަނީ ސީނިއާ ގައުމީ ޓީމަށް ތައްޓެކެވެ.

އާޖެންޓީނާ ގައުމީ ޓީމުގައި މެސީއަށް އަށް މިހާތަނަށް ކާމިޔާބު ލިބުނީ 20 އަހަރުންދަށުގެ ވޯލްޑް ކަޕާއި 2008 ވަނަ އަހަރުގެ އޮލިމްޕިކްސް ގައެވެ. މި ދެ މުބާރާތް ކާމިޔާބުކުރި އާޖެންޓީނާ ޓީމުގައި މެސީ ހިމެނުނެވެ. އެއާއެކު އޭނާ ދެން އަމާޒުހިފީ ސީނިއާ ޓީމަށް ތައްޓެކެވެ.

ފައިނަލް މެޗަށްފަހު ބްރެޒިލް ކޮޅަށް ގޯލުޖެހި ހަމައެކަނި ކުޅުންތެރިޔާ ޑިމާރިއާ ވަނީ މެޗުގެ ކުރިން އަދި ފަހުން މެސީ ދެއްކި ބައެއް ވާހަކަތައް ހިއްސާކޮށްފައެވެ. މެސީ ބުނިގޮތުން މިއީ ހަނދާނުން ފޮހެ ނުލެވޭވަރުގެ ބޮޑު ކާމިޔާބީއެކެވެ. އެއީ މިހާތަނަށް އޭނާގެ ކެރިއަރުގައި މަދުވީ ސީނިއާ ގައުމީ ޓީމަށް ތައްޓެކެވެ. އެކަން ހާސިލްވުމުން މިއީ މެސީގެ ކެރިއަރަށް އިތުރުވި މުހިއްމު ބޮޅެކެވެ.

މެސީ ވަނީ މެޗަށްފަހު ޑިމާރިއާ އަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ. އަދި މެޗުގެ ކުރިންވެސް މެސީ ވަނީ މި ކާމިޔާބީ ހޯދަން ގަދައަޅާ މަސައްކަތް ކުރުމަށް އެދިފައެވެ.