ދުނިޔޭގެ އެންމެ ހުނަރުވެރި ފޯވަޑުންގެ ތެރޭގައި ހިމެނޭ ލިއޮނެލް މެސީގެ ޖާޒީ ބޭނުން ނުވާނެ ކުޅުންތެރިން ވެސް ސަޕޯޓަރުންވެސް ވަރަށް މަދުވާނެއެވެ. އެގޮތުން ރޭ އާޖެންޓީނާއާއި ކްރޮއޭޝިއާ ކުޅުނު މެޗުގެ ކުރިން ކްރޮއޭޝިއާގެ އޭންޓް ރެބިޗް ހުރީ މެސީގެ ޖާޒީ ހޯދަން ހިތުލައިގެންނެވެ. ނަމަވެސް މެޗު ނިމުނު އިރު އޭނާ މެސީގެ ޖާޒީ ބޭނުމެއް ނުވިއެވެ.

މެޗަށް ފަހު އިން އިންޓަވިއުއެއްގައި ރެބިޗް ބުނީ އޭނާ އެންމެ ފުރަތަމަ މެސީގެ ޖާޒީ ބޭނުންވީ އޭނާގެ ރަހުމަތެރިއަކަށް ދިނުމަށް ކަމަށެވެ. އޭނާ ބުނި ގޮތުގައި އޭނާގެ ރަހުމަތްތެރިޔާ އަކީ މެސީގެ ވަރަށް ބޮޑު ސަޕޯޓަރެކެވެ.

24 އަހަރުގެ ވިންގާ ރެބިޗް ބުނީ މެޗުގެ ތެރޭގައި އާޖެންޓީނާ ކުޅުންތެރިންގެ ފަރާތުން ފެނިގެން ދިޔަ ކަންކަމުގެ ސަބަބުން އެ ޓީމުގެ ކުޅުންތެރިންނާއި މެދު އޭނާ ފޫހިވި ކަމަށެވެ. އެގޮތުން ކްރޮއޭޝިއާގެ ކުޅުންތެރިއަކު ކިރިޔާ ޖެހިލުމުން ވެސް އާޖެންޓީނާގެ ބައެއް ކުޅުންތެރިން ޑައިވް ކުރި ކަން އޭނާ ފާހަގަ ކުރިއެވެ. އޭނާ އެންމެ ބޮޑަށް ފާހަގަ ކުރީ އާޖެންޓީނާގެ ނިކޮލަސް އޮޓަމެންޑީގެ ވާހަކައެވެ.

ރެބިޗް ބުނީ ޕްރޮފެޝަނަލް ކުޅުންތެރިންނަށް ނާކާމިޔާބީގައި އަމަލު ކުރަންވީ ގޮތް އެނގެންވާނެ ކަމަށެވެ. އަދި އާޖެންޓީނާގެ ކުޅުންތެރިންގެ ފަރާތުން ފެނިގެން ދިޔައީ ފުޓުބޯޅައިގެ ރޫހާ ފެއާ ޕްލޭއާއި ހިލާފު ކަންތައްތައް ކަމަށް އޭނާ ސިފަ ކުރިއެވެ. އެހެން ކަމުން އޭނާ އެންމެ ފަހުން ނިންމީ މެސީގެ ޖާޒީ ހޯދުމަށް ނޫޅުމަށް ކަމަށް އޭނާ ކިޔައިދިނެވެ.

އެ މެޗުގައި އާޖެންޓީނާ ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ރެބިޗް ގޯލެއް ޖެހިއިރު، މޮޑްރިޗް އާއި ރަކިޓިޗް ވެސް ގޯލެއް ޖަހާފައި ވެއެވެ.