މެކްސިކޯގެ ގައުމީ ޓީމަށް ހާވިއޭ ހަނާންޑޭޒް ކާމިޔާބުކޮށްދިން 50 ވަނަ ލަނޑުން ދެކުނު ކޮރެޔާގެ މައްޗަށް 2-1 އިން ކުރި ހޯދައި ވޯލްޑް ކަޕްގެ ދެވަނަ ބުރާ ގާތަށް މެކްސިކޯ ޖެހިލައިފިއެވެ.

މިރޭގެ މޮޅާއެކު ކުޅުނު ދެ މެޗުން ވެސް މޮޅުވެ ލިބުނު ހަ ޕޮއިންޓާއެކު މެކްސިކޯ އޮތީ ގްރޫޕް އެފްގެ އެއްވަނައިގައެވެ. ދެވަނައިގައި މެކްސިކޯ އަށްވުރެ އެއް މެޗު މަދުން ކުޅެ ތިން ޕޮއިންޓާއެކު ސްވިޑެން އޮތްއިރު ތިންވަނައިގައި އޮތް ޖަރުމަނު އަދި ގްރޫޕްގެ ފުލުގައި އޮތް ކޮރެޔާ އަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

މި ގްރޫޕްގައި މިރޭ ޖަރުމަނާއި ސްވިޑެން ބައްދަލުކުރާނެއެވެ. މި މެޗުގެ ނަތީޖާ ނިކުންނަ ގޮތަކުން މެކްސިކޯ އަށް މިރޭވެސް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވުމުގެ ފުރުސަތު އެބައޮތެވެ.

ވެލާ ޕެނަލްޓީ ކާމިޔާބުކޮށްދެނީ - ފޮޓޯ: އޭއެފްޕީ

މުބާރާތުގެ ފުރަތަމަ ޖަރުމަނުގެ މައްޗަށް ކުރި ހޯދާފައިވާ މެކްސިކޯ އިން މިރޭގެ މެޗުގައި ވެސް ރަނގަޅު ކުޅުމެއް ދެއްކިއިރު މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ވެސް އެޓީމުންނެވެ. މެޗުގެ 26 ވަނަ މިނެޓްގައި މެކްސިކޯ އަށް ލިބުނު ޕެނަލްޓީއަކުން މި ގޯލު ކާމިޔާބުކޮށްދިނީ ކާލޯސް ވެލާއެވެ. މި ޕެނަލްޓީ މެކްސިކޯ އަށް ލިބުނީ ކޮރެޔާގެ ޕެނަލްޓީއޭރިއާގެ ތެރެއިން އެޓީމުގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމާ ގުޅިގެންނެވެ.

މި ގޯލަށްފަހު ފުރަތަމަ ހާފް ނިމުމުގެ ކުރިން ލީޑު ފުޅާކޮށްލަން މެކްސިކޯ އަށް ވަނީ ރަނގަޅު ދެ ފުރުސަތެއް ލިބިގެން ގޮސްފައެވެ. އެގޮތުން ފުދޭވަރަކަށް ހުހަށް ހުރެ މިގޭލް ފޮނުވާލި ހަމަލާ ކޮރެޔާގެ ކީޕަރު ދިފާއުކުރިއިރު ލޮޒާނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާއި އަމާޒުނުވެ ބޭރަށެވެ.

ފުރަތަމަ ހާފްގައި ގޯލެއް ކާމިޔާބުކުރަން ކޮރެޔާ އަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ސޮން އާއި ކީ އަށެވެ. އެގޮތުން ސޮން ފޮނުވާލި ދެ ހަމަލާއެއް މެކްސިކޯގެ ޑިފެންޑަރުން ބްލޮކް ކުރިއިރު ކީ ފޮނުވާލި ބާރު ހަމަލާގެ ހުރަހަކަށްވީ މެކްސިކޯގެ ހުނަރުވެރި ކީޕަރު އުޖޯއާއެވެ.

ހާވިއޭ ހަނާންޑޭޒް - ފޮޓޯ: އޭއެފްޕީ

އެއް ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް މެކްސިކޯ އިން ނިންމާލިއިރު މެޗުގެ 66 ވަނަ މިނެޓްގައި މެކްސިކޯ އިން ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްފައެވެ. މެކްސިކޯ އިން އުފެއްދި ކައުންޓަ އެޓޭކެއްގައި މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ހާވިއޭ ހަނާންޑޭޒްއެވެ. މިއީ ހަނާންޑޭޒް މެކްސިކޯގެ ގައުމީ ޓީމަށް ކާމިޔާބުކޮށްދިން 50 ވަނަ ގޯލަށްވާއިރު އޭނާ އަކީ އެޓީމަށް މިހާތަނަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދިން ކުޅުންތެރިޔާއެވެ.

މި ގޯލަށްފަހު ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ކޮރެޔާގެ ހަމައެކަނި ގޯލު މެޗުގެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ ޓޮޓެންހަމް އަށް ކުޅެމުން އަން ސޮންއެވެ.

މިރޭގެ މެޗުން މެކްސިކޯ މޮޅުވިއިރު މިއީ 2002 ވަނަ އަހަރަށްފަހު ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ ދެ މެޗުން މެކްސިކޯ މޮޅުވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. އަނެއްކޮޅުން މިއީ ވޯލްޑް ކަޕްގައި ކޮރެޔާ ޖެހިޖެހިގެން ބަލިވި ހަތަރު ވަނަ މެޗެވެ.

ގްރޫޕް ސްޓޭޖުގައި މި ދެ ޓީމަށްވެސް ބާކީ ދެން އޮތީ އެންމެ މެޗެއް ކަމަށްވާއިރު، ގްރޫޕްގެ ފަހު މެޗުގައި މެކްސިކޯ ނިކުންނާނީ ސްވިޑެންއާ ދެކޮޅަށެވެ. އަދި ކޮރެޔާ ނިކުންނާނީ ޖަރުމަނާއި ދެކޮޅަށެވެ.