ޔޫރޯ 2020 ގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން އިންގްލޭންޑް ހިތްދަތިގޮތަކަށް ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަަން އިޓަލީ ހޯދައިފިއެވެ.

އިންގްލޭންޑްގެ ޝަރަފްވެރި ވެމްބްލީ ސްޓޭޑިއަމުގައި އެ ގައުމުގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗު އިޓަލީ ކާމިޔާބުކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން އިތުރުވަގުތުގެ ގޮތުގައި ކުޅުނު ދެ ހާފުގައި ވެސް 1-1 އިން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 3-2 އިން ކުރިހޯދައިގެންނެވެ.

"އިޓްސް ކަމިން ހޯމް" ގެ ނަމުގައި ޔޫރޯ ކާމިޔާބުކުރުމުގެ ކެމްޕެއިން ފެށި އިންގްލޭންޑް ހިތްދަތިގޮތަކަށް ފައިނަލުން މުބާރާތާއި އަލްވަދާއު ކިއިރު އެޓީމުން އެންމެފަހުން ބޮޑު މުބާރާތެއްގެ ތައްޓެއް ހޯދީ 1966 ގެ ވޯލްޑްކަޕުގައެވެ.

އެ މުބާރާތް ކާމިޔާބުކުރި ފަހުން އަދި މިވީހާ ތަނަށް ބޮޑު ކާމިޔާބެއް ނުހޯދެއެވެ. މިއީ އެ ކާމިޔާބީއަށްފަހު ތައްޓެއް ހޯދުމާއި އެންމެ ގާތަށް އެ ޓީމަށް ދެވުނު ފުރަތަމަ ފަހަރެވެ.

އަނެއްކޮޅުން މިއީ އިޓަލީއަށް ވެސް ބޮޑު ކާމިޔާބެކެވެ. އެ ޓީމުން ޔޫރަޕްގެ ޗެމްޕިއަން ކަން ނުހޯދާތާ 53 އަހަރެވެ. މީގެ ކުރިން އެ ޓީމުން ޔޫރޯ ތަށި އުފުލާލި ހަމައެކަނި ފަހަރަކީ 1968 އަހަރުގައެވެ. އޭގެ ފަހުން 2000 އަދި 2012 ގެ ޔޫރޯ މުބާރާތުގެ ފައިނަލުގައި ކުޅެގެން ބަލިވިއެވެ.

އިންގްލޭންޑުން މެޗު ފެށީ ވަރުގަދަ ރޫހެއްގައެވެ. އިޓަލީން މެޗުގެ ތެރެއަށް ރަނގަޅަށް ނުވަދެވި އުޅެނިކޮށް މެޗު ފަށައިގެން ދެވަނަ މިނެޓުގަައި އިންގްލޭންޑް ވަނީ ލީޑު ނަގާފައެވެ.

ޓްރިޕިއާ އޭރިއާ ތެރެއަށް ނަގައިދިން ހުރަހަކުން މި ލަނޑު ކާމިޔާބުކޮށްފައިވަނީ ހުސްކޮށް ހުރި ލޫކް ޝޯ އެވެ. އޭނާ މި ލަނޑު ޖެހިއިރު އިޓަލީގެ ތިން ޑިފެންޑަރުން ތިބީ އޭނާއަށް ސަމާލުވެގެނެއް ނޫނެވެ. މި ލަނޑު ގޯލަށް ވަނީ ދަނޑީގައި ޖެހިފަައެވެ. އިޓަލީގެ ކީޕަރު ޑޮއްނަރުއްމާ އަށް މި ބޯޅަ ދިފާއުކުރަން މާ ބޮޑު ކަމެއް ނުކުރެވެއެވެ.

މިއީ އިންގްލޭންޑް ގައުމީ ޓީމަށް ޝޯ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. މި ލަނޑަށްފަހު ވެސް އިންގްލޭންޑް ދިޔައީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އިޓަލީން ދިޔައީ މަޑުމަޑުން ކުޅުމުގެ ތެރެއަށް ވަދެ ނުރައްކާކުރަމުންނެވެ. ހާއްސަކޮށް މި ޔޫރޯގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކިއެސާ އާއި އިންސިންޔޭ ގެ ނުރައްކާ ދިޔައީ ބޮޑުވަމުންނެވެ.

ފުރަތަމަ ހާފު ނިމެން ދިޔަ ވަރަކަށް އިޓަލީ ދިޔައީ މަޑުމަޑުން ކުޅުމުގެ ތެރެއަށް ވަދެ ގިނަވަގުތު ބޯޅަ ހިފަހައްޓައިގެންނެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުނީ އިންގްލޭންޑް ކުރީގަައި އޮވެގެންނެވެ.

ދެވަނަ ހާފު ފަަށައިގެން މާ ގިނައިރުތަކެއް ނުވަނީސް އިންގްލޭންޑުގެ ހެރީ ކޭން އަށް ކުރި ފައުލާއި ގުޅިގެން އިޓަލީ މިޑްފީލްޑަރު ބަރެއްލާއަށް ރީނދޫ ކާޑެއް ދެއްކިއެވެ. މި ހާފު ފަށައިގެން އިޓަލީން ދިޔައީ ކައިރި ކައިރީގައި ގިނަ ހަމަލާތަކެއް އުފައްދަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 67 ވަނަ މިނެޓުގައި އިޓަލީން ނަތީޖާ ހަމަހަމަކުރި އެވެ.

މި ލަނޑު އިޓަލީން ކާމިޔާބުކޮށްފައިވަނީ ލިބުނު ކޯނަރެއްގައި އޭރިއާ ތެރޭގައި ހުރި ވެރާޓީ ބޮލުން ގޯލަށް ފޮނުވާލި ބޯޅަ އިނގިރޭސި ކީޕަރު ޕިކްފޯޑް އަތުގައި ޖެހިފައި ދަނޑީގައި ޖެހުމަށްފަހު ކުޅުމުގެ ތެރެއަށް އައި ދަނޑިވަޅުގައި އިޓަލީގެ ޑިފެންޑަރ ބޮނޫޗީ ކާމިޔާބުކުރި ލަނޑެކެވެ.

އިންގްލޭންޑުން ދިޔައީ ބަދަލުތައް ކުރަމުންނެވެ.. އެ ޓީމަށް ލަނޑު ޖެހުމުގައި އެހީތެރިވި ޓްރިޕިއާގެ ބަދަލުގައި ބުކާޔޯ ސާކާ ކުޅެން ނެރުނެވެ. ނަމަވެް މާ ބޮޑު ބަދަލެއް ނުފެނެއެވެ. އެއަށްވުރެ ބޮޑަށް އިޓަލީގެ ކިއެސާ ދިޔައީ ނުރައްކާކުރަމުންނެވެ. ނަމަވެސް އޭނާވެސް ވަނީ މެޗުގެ ފުރިހަމަ ވަގުތު ގާތްވެފައިވަނިކޮށް އަނިޔާވުމާއި ގުޅިގެން ބަދަލުކޮށްފަައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާ 1-1 އިން އެއްވަރުވުމާއި ގުޅިގެން ދެން ކުޅުނީ 15 މިނެޓުގެ ދެ ހާފެވެ. މި ދެ ހާފުގައި ދެ ޓީމުންކުރެ ޓީމަކަށް ލީޑު ނުނެގުނެވެ. އެއާއެކު ދެން ޖެހީ ޕެނަލްޓީއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ސައުތު ގޭޓް ނޯޓް ގޭޓަށް ބަދަލުކުރަންވީ.

  2. އަސްލަމް

    އިންގުލެންޑް ޓީމް މިހާރުވެސް ރާއްޖޭގެ ކޯޗަކާ (މޯހަން) އާ ހަވާލުކޮއްބަލަ . ތަށި ހިފައިގެން އަންނާނީ

    • ޒައިކް

      ހޫން ތިޔަ މޯހަނދު އިންގުލޭންޑްވަރެއް ނެތިގެން އަނގަ ފުރޭނދެއް ތެރަސްއަޅައިގެން އިނދެ ކެނޑި ސަޅި ބައިސާތަކާ ހޮޅި ވާހަކަތަކުގެ ނަތީޖާ ތިޔައީ.. އޮއްޓަރެއް ހުރި އެއްވާހަކަވެސް ނުދައްކާ ބުނާ ސުކޯއެއް ދިނާވެސް ނުވޭ މިވަރު މީހުން އެނަލިސްޓުމްނަށް އެރުވީމަ ހުތުރު ދޯ