ބައިގަރުނު ފަހުން އަނެއްކާވެސް ބައިނަލްއަޤުވާމީ ފުޓްބޯޅަ މުބާރާތެއްގެ ޗެމްޕިއަންކަން ހޯދަން އިންގްލަދެންޑަށް ލިބުނު ފުރުސަތު ގެއްލި، އަލުން އިންތިޒާރުގެ ދުވަސްތައް ގުނަން ޖެހިފައި ވާއިރު އިންގްލެންޑްގެ ސަޕޯޓަރުން ގިނައިން ޕާސްތާ ކާން ޖެހޭ ކަމަށް ބުނެ އިޓަލީގެ ޑިފެންޑަރު ލިއަނާޑޯ ބޮނޫޗީ އިންގްލެންޑް ސަޕޯޓަރުންނަށް "ނަސޭހަތް ދީފިއެވެ."

ޗެމްޕިއަންކަން ހޯދުމަށް ފަހު ދަނޑުގެ ވަށައިގެން އިޓަލީ ޓީމު ހިނގި ވަގުތު ބޮނޫޗީ ވަނީ އިނގިރޭސި ސަޕޯޓަރުންނަށް އިޝާރާތްކޮށް "ގިނައިން ކާންވީ ޕާސްތާ" ކަމަށް ބުނެފައެވެ. އަދި ބޮނޫޗީ ވަނީ ދަނޑުގައި ހުރި ކެމެރާއެއް އޭނާގެ މޫނާއި ކައިރި ކުރުމަށްފަހު އިނގިރޭސިން ފުޓުބޯޅައިގައި ބޭނުން ކުރަމުންދާ "އިޓްސް ކަމިންގް ހޯމް" ސްލޯގަންއަށް ޖޯކު ޖަހާ "އިޓްސް ކަމިންގް ޓު ރޯމް" އޭ ތަކުރާރުކޮށް ބުނެފައެވެ.

އިޓަލީއަކީ ކެއްކުމުގެ ދާއިރާގައި ދުނިޔޭގައި ވެސް އެންމެ ފާހަގަ ކޮށްލެވޭ އެއް ގައުމެވެ. ޕާސްތާ އާއި ޕިއްޒާ ފަދަ އުފެއްދުންތައް ތައްޔާރު ކުރުމުގައި އިޓަލީ އާއި ވާދަކުރެވޭނެ ގައުމެއް ނެތެވެ. ބުނެވޭ ގޮތުގައި އިޓަލީގައި ޕާސްތާ ހަދަން ފެށީ ފަސް ވަނަ ގަރުނުގައެވެ.

މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބޮނޫޗީ ވަނީ ތަށި ހަވާލުކުރުމުގެ ކުރިން ދަނޑުގައި ތިބި އިންގްލެންޑްގެ 65،000 ސަޕޯޓަރުން ދަނޑު ދިޔުމަކީ ޝައުގުކުރިވި ކަމެއް ކަމަށް ބުނެ އެކަމާއި ގުޅޭ ގޮތުން ވެސް ވާހަކަ ދައްކާފައެވެ.