ވޯލްޑް ކަޕްގައި މިއަދު ޕެނަމާއާ ދެކޮޅަށް ކުޅޭ މެޗުގައި އަނިޔާގެ ސަބަބުން އިންގްލޭންޑްގެ މިޑްފީލްޑަރު ޑެލެ އަލީ އަށް ނުކުޅެވޭނެ ކަމަށް އެޓީމުގެ ކޯޗު ގެރެތް ސައުތްގޭޓް ބުނެފިއެވެ.

ޑެލެ އަލީގެ ފައިގެ ފަލަމަސްގަނޑަށް އަނިޔާވީ މުބާރާތުގެ ފުރަތަމަ މެޗުގައި ޓިއުނީޝިއާގެ މައްޗަށް 2-1 އިން އިންގްލޭންޑުން ކުރި ހޯދި މެޗުގައެވެ.

އިންގްލޭންޑްގެ ކޯޗު ސައުތްގޭޓް ބުނީ އެ އަނިޔާއިން ރަނގަޅުވުމުގެ މަސައްކަތް އަލީ ވަރަށް ރަނގަޅަށް ކުރަމުން އަންނަ ކަމަށާއި ނަމަވެސް މިއަދުގެ މެޗުގައި އޭނާ ނުކުޅޭނެ ކަމަށެވެ.

"އަނިޔާ އިން ރަނގަޅުވުމަށް އަލީ ކުރަމުން އަންނަ މަސައްކަތާ މެދު އަހަރުމެން ހިތްހަމަޖެހޭ. އެކަމަކު މިއަދުގެ މެޗުގައި ކުޅެން އޭނާ ތައްޔާރެއް ނޫން" ސައުތްގޭޓް ބުންޏެވެ.

އަނިޔާގެ ސަބަބުން އަލީ އަށް މިއަދުގެ މެޗުގައި ނުކުޅެވުމުން އޭނާގެ ބަދަލުގައި އަރުވާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ރުބެން ލޮފްޓަސް ޗީކްއެވެ.

މިިއަދުގެ މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން ސައުތްގޭޓް ބުނީ ފާއިތުވި ދުވަސްތަކުގައި ޕެނަމާގެ ކުޅުން ވަރަށް ބޮޑަށް ދިރާސާކޮށްފައިވާ ކަމަށާއި އެޓީމުގެ ފަރާތުން އާ ކަމެއް ފެނިދާނެ ކަމަށް އުއްމީދު ނުކުރާ ކަމަށެވެ. އަދި މިރޭގެ މެޗަށް އިންގްލޭންޑް ޓީމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށްވެސް ސައުތްގޭޓް ބުންޏެވެ.

"މި ގްރޫޕްގެ ހާލަތު މިވަގުތު މިއޮތީ އަހަރުމެންނަށް ފުދޭވަރަކަށް ރަނގަޅު ގޮތަކަށް. އެކަމަކު އެހެން ޓީމުތަކުން ނެރޭ ނަތީޖާތަކަށް ވުރެ ބޮޑަށް އަހަރުމެން އިސްކަންދޭންޖެހޭނީ ރަނގަޅު ކުޅުމެއް ދެއްކުމަށް" ސައުތްގޭޓް ބުންޏެވެ.

މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން އިންގްލޭންޑް މޮޅުވިއިރު ޕެނަމާ ވަނީ ފުރަތަމަ މެޗުގައި ބެލްޖިއަމް އަތުން 0-3 އިން ބަލިވެފައެވެ. މިރޭގެ މެޗުން އިންގްލޭންޑް މޮޅުވެއްޖެނަމަ އެޓީމަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވާނެއެވެ.

އިންގްލޭންޑާއި ޕެނަމާ ބައްދަލުކުރާ މެޗު ފަށާނީ މިއަދު ހަވީރު ރާއްޖެގަޑިން ފަހެއް ޖަހާއިރުއެވެ.