ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާ އަށް އެންމެ އެދެވޭ ނަތީޖާ އެއް ނުނެރެވޭ ކަމަށްވާއިރު އެގައުމުގެ ލެޖެންޑު ކަމަށްވާ މެރެޑޯނާ، ޓީމުގެ ފަރިތަކުރުންތައް ބަލަން އެދިއްޖެއެވެ.

ގުރޫޕު ޑީގައި އާޖެންޓީނާ ދެ މެޗު ކުޅެފައި ވާއިރު ދެ މެޗުން ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ. ފުރަތަމަ މެޗުގައި އައިސްލޭންޑު އަތުން 1-1 ގެ ނަތީޖާ އަކުން އެއްވަރުވެ، ދެވަނަ މެޗުގައި ކްރޮއޭޝިޔާ އަތުން 0-3 ގެ ނަތީޖާ އަކުން އާޖެންޓީނާ ވަނީ ބަލިވެފައެވެ.

ރިޕޯޓުތައް ބުނާގޮތުން އަަޖެންޓީނާގެ ކުޅުންތެރިން ވަނީ ކޯޗު ސަމްޕައޯލީ އާއި މެދު ނުރުހުން ފާޅު ކޮށް އޭނާ ޓީމުން ވަކި ކުރަން އެދިފައެވެ. މިހެން ކަމުން ޑިއެގޯ މެރެޑޯނާ ބޭނުންވަނީ އާޖެންޓީނާ ޓީމު ހަމައަކަށް އަޅުވައި ކުޅުންތެރިންނާއި ވާހަކަ ދައްކަން ފަރިތަކުރުން ތަކުގައި ބައިވެރި ވުމަށެވެ.

"އަހަރެން ބޭނުން ވަނީ ކުޅުންތެރިންނާއި ވާހަކަ ދައްކައި އާޖެންޓީނާ ޖާޒީ ލައިގެން ކުޅުމަކީ ކިހާ ބޮޑު ފަހުރެއްކަން ވިސްނައި ދޭން" 57 އަހަރުގެ މެރެޑޯނާ ބުންޏެވެ.

މެރެޑޯނާ ވަނީ 1986 ގައި އާޖެންޓީނާ އަށް އެޓީމުގެ ދެވަނަ ވޯލްޑް ކަޕު ތަށި ކާމިޔާބު ކުރުމުގައި މުހިންމު ދައުރެއް އަދާ ކޮށްފައެވެ. އޭގެ ފަހުން މެރެޑޯނާ ވަނީ އާޖެންޓީނާގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ވެފައެވެ. އަތުން ގޯލެއް ޖަހައި އިންގްލޭންޑު ބަލިކޮށް ސެމީގައި ބެލްޖިއަމް އާއި ދެކޮޅަށް ޖެހި ލަނޑު ތަކަކީ އޭނާގެ އެންމެ މައްޝޫރު ލަނޑު ތަކެވެ.