މިއަހަރުގެ ޖުލައި މަހު ފިންލޭންޑުގައި ބާއްވާ އައި އައިއޭއޭއެފް 20 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖެއިން ވާދަކުރާ އެތްލީޓަކަށް ހިމްނާ ހޮވިއްޖެއެވެ.

ޖުލައި 15-10 އަށް ފިންލޭންޑުގެ ރެޓީނާ ސްޓޭޑިއަމްގައި އޮންނަ އެތްލެޓިކްސް ޗެމްޕިއަންޝިޕުގައި ހިމްނާ ވާދަކުރާނީ 400 މީޓަރު ދުވުމުގައެވެ. މިދިޔަ ޖޫން މަހު ޖަޕާނުގައި ބޭއްވި އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ހިމްނާ ވަނީ ރާއްޖޭގެ 400 މީޓަރު ދުވުމުގެ ގައުމީ ރެކޯށު މުގުރާލާފައެވެ.

މީގެ އިތުރުން ރާއްޖޭގެ 200 މީޓަރު ދުވުމުގެ ޔޫތް ރިކޯޑުވެސް ހިމްނާ ވަނީ މުގުރާލާފައެވެ. 27.32 ސިކުންތުން 200 މީޓަރުގެ ރޭސް ހިމްނާ ނިންމިއިރު 400 މީޓަރުގެ ރޭސް ނިންމާލާފައިވަނީ 59.76 ސިކުންތުންނެވެ.

އައްޑޫ ސިޓީ އަށް ނިސްބަތްވާ ހިމްނާ ވަނީ މޭއި މަހު ލަންކާގައި ބޭއްވުނު ސައުތު އޭޝިޔަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ވެސް ރާއްޖެ ތަމްސީލު ކޮށްފައެވެ. މިމުބާރާތުގައި ހިމްނާ ވަނީ ގައުމީ ޔޫތު ރެކޯޑު 400 މީޓަރު ދުވުމުން އާކޮށްފައެވެ.

ހިމްނާ އާއި އެކު ކޯޗެއްގެ ގޮތުގައި ފިންލޭންޑަށް ދަތުރު ކުރާނީ ހިމްނާގެ ކޯޗު އަދި އައްޑޫ ޔޫތް ޕޫލްގެ ހެޑް ކޯޗު، ސުލްތާން ސައީދުއެވެ. ސުލްތާން އަކީ ރާއްޖޭގެ ގިނަ ޖޫނިއާ އެތުލީޓުންނަށް ޓްރެއިނިން ދީފައިވާ ކޯޗެކެވެ. މީގެ އިތުރުން ސުލްތާން ވަނީ ރާއްޖެ ތަމްސީލުކޮށް އޮލިމްޕިކްސް ގައި ވެސް ވާދަކޮށްފައެވެ.

ހިމްނާ އަކީ ފާއިތުވި ގިނަ މުބާރާތް ތަކުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ދުވުންތެރިއެކެވެ. ހަމަ އެހެންމެ އެތައް ފަހަރެއްގެ މަތިން މުބާރާތް ތަކުގައި އުމުރުފުރާގެ އެންމެ މޮޅު އެތުލީޓު އަދި ބެސްޓް އޯލް ރައުންޑް އެތުލީޓުގެ މަގާމު ވެސް ހިމްނާ ވަނީ ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު