ރޭ ޖަރުމަނާއި ސްވިޑެން ކުޅުނު މެޗު ވެގެން ދިޔައީ މިހާތަނަށް ވޯލްޑް ކަޕުގައި ފެނިގެން ދިޔަ އެންމެ ފޯރިގަދަ އެއް މެޗަށެވެ. ރޭގެ މެޗު 2-1 ގެ ނަތީޖާއަކުން ޖަރުމަނު ކާމިޔާބު ކުރި އިރު އެ ޓީމު މޮޅު ކޮށްދިނީ ފަހު ވަގުތު ޖެހި ލަނޑަކުން ރެއަލް މެޑްރިޑަށް ކުޅޭ ޓޯނީ ކްރޫސް އެވެ.

ދުނިޔޭގެ އެންމެ މަތީ ފަންތީގައި އަހަރުތަކެއް ވަންދެން އެއްވަރެއްގެ މޮޅު ކުޅުމެއް ދައްކާފައިވާ ކްރޫސްގެ ހުނަރާއި މެދު އެއްވެސް ބަޔަކު ޝައްކެއް ނުކުރެއެވެ. އޭނާގެ ފަރާތުން މޮޅު ކުޅެމެއް ފެނުމަކީ މީހުން ހައިރާންވާ ކަމެއް ނޫނެވެ. އެހެން ނަމަވެސް ރޭގެ ކުޅުމާއެކު މުގުރާލި ރެކޯޑުން އޭނާ ވަނީ އެތައް ބަޔަކަށް ހައިރާންކަން ގެނުވާފައެވެ.

ރޭ ކްރޫސް އަށް ވަނީ 144 ފަހަރު ބޯޅަ ލިބިފައެވެ. ދަނޑުގެ ހުރިހާ ހިސާބެއްހެން އޭނާ ކަވަރު ކުރި އިރު މިއީ 1966 ވަނަ އަހަރުގެ ފަހުން ޖަރުމަަނުގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިއަކަށް އެއް މެޗުގެ ތެރޭގައި މިހާ ގިނަ ފަހަރު ބޯޅަ ލިބުނު ފުރަތަމަ ފަހަރެވެ.

52 އަހަރުވީ މި ރެކޯޑު ރޭ ކްރޫސް މުގުރާލުމާއެކު އޭނާއަށް ވަނީ ތައުރީފު އޮހެން ފަށާފައެވެ. ރެކޯޑު މުގުރާލުމުގެ އިތުރުން 10 ކުޅުންތެރިންނާއެކު ކުޅެމުން ދިޔަ ޖަރުމަނު މޮޅަކަށް ބޭނުންވެފައި ވަނިކޮށް މޮޅުކޮށްދިން ގޯލު ޖެހުމުން މިހާރު އޭނާ ވަނީ ބަތަލަކަށް ވެސް ވެފައެވެ.

ދެން ޖަރުމަނު ކުޅޭނީ ދެވަނަ ބުރަށް ދަތުރު ކުރުމުގެ އަމިއްލަ ބާރު ގެއްލިފައިވާ ސައުތް ކޮރެއާ އާއެެވެ. މި މެޗުން ޖަރުމަނު 2-0 ނުވަތަ އެއަށް ވުރެ ތަފާތު ބޮޑު ނަތީޖާ އަކުން މޮޅުވާން ޖެހޭއިރު މެކްސިކޯ އާއި ސްވިޑެން ކުޅޭ މެޗުން ސްވިޑެން ބަލިވެއްޖެ ނަމަ ޖަރުމަނު ދެވަނަ ބުރަށް ދަތުރު ކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު