އާޖެންޓީނާ އާއި ކްރޮއޭޝިޔާ ބައްދަލުކުރި މެޗުގައި އާޖެންޓީނާ އަށް ލިބުނު ނާކާމިޔާބާ ގުޅިގެން، އެކަމާއި ޑިޕްރެޝަންއަށް ގޮސް ފިލި އިންޑިއާގެ ސަޕޯޓަރު މަރުވެފައި އޮއްވާ ފެނިއްޖެއެވެ. އޭނާ ގެއްލިގެން ހޯދަމުންދަނިކޮށް ފެނުނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކޯރެއްގެ ތެރެއިންނެވެ.

ޑީނޫ އެލެކްސް ނަމަކަށްކިޔާ އުމުރުން 30 އަހަރުގެ އެމީހާ ގެއްލިފައި ވަނީ އާޖެންޓީނާ އާއި ކްރޮއޭޝިޔާ ބައްދަލުކުރި މެޗަށް ފަހުއެވެ. އޭނާ އެންމެ ފަހުން ފެނިފައި ވަނީ މެޗް ބަލަން އިންދާކަމަށް ބައެއް މީހުން ބުންޏެވެ. އޭނާ އެންމެ ފަހުން ފެނުނުއިރު ލައިގެން ހުރީ އާޖެންޓީނާގެ ޖާޒީއެއް ކަމަށް ބައެއް މީހުން ބުންޏެވެ. އޭނާ ގެއިން ފިލުމުގެ ކުރިން އަމިއްލައަށް މަރުވާން އުޅޭކަމުގެ ނޯޓެއްވެސް ލިޔުނުކަމަށް ވެއެވެ.

"އަހަރެންނަށްޓަކައި އެެއްވެސް އެއްޗެއް މި ދުނިޔޭގައި ނެތް. އަހަރެންގެ މަރުގެ މައްސަލަގާއި އެއްވެސް މީހެއްގެ އިހުމާލެއް ނުވާނެ،" އެލެކްސް ނިދާ ކޮޓަރީގައި އޮތް ސޫސައިޑް ނޯޓުގައި ވެއެވެ.

އެ ނޯޓު ފެނުމުން ފުލުހުންނާއި، އޮފިޝލުންގެ އެހީތެރިކަމާއެކު އެލެކްސް ހޯދުމުގެ މަސައްކަތް އާޖެންޓީނާގެ އެހެން އިތުރު ސަޕޯޓަރުން ވެސް ވަނީ ކޮށްފައެވެ. އެލެކްސްގެ މައިންބަފައިން ބުނީ، އެލެކްސް އެ މެޗް ބަލަން ހުރީ އެ މީހުންނާއިއެކުގައި ކަމަށެވެ. އަދި އެރޭގެ މެޗަށް ފަހު އެންމެން ނިދަން ދިޔައީ 11:30 ހާއިރުކަމަށެވެ. އަދި އެ މެޗަށްފަހު އެލެކްސްގެ ރަހުމަތްތެރިން އޭނާއަށް ގުޅި ނަމަވެސް ފޯނު އޮތީ ނިއްވާލާފައި އޮތް ކަމަށް އޭނާގެ މަންމަ ބުނެފައި ވެއެވެ.

އެލެކްސްގެ މަންމަ ބުނީ، އޭނާ 4:30 އިރު ހޭލައިގެން ދަރިފުޅުގެ ކޮޓަރި ދިއްލާފައި ހުރުމުން އެ ކޮޓަރިއަށް ވަދެ އޭނާ ނެތްކަން އެނގުމުން އެކަން އޭނާގެ ފިރިމީހާގެ ސަމާލުކަމަށް ގެނައި ކަމަށެވެ. އެލެކްސްއަކީ ވަރަށް މަދު ރަހުމަތްތެރިން ތިބޭ މީހަކަށް ވާއިރު، އޭނާއަކީ ފުޓް ބޯޅައަށް ވަރަށް ބޮޑަށް ޝަޢުގުވެރިވާ މީހެއް ކަމަށާއި، މެސީ އަކީ އޭނާގެ އެންމެ ބޮޑު ސަޕޯޓަރުކަމަށް އެލެކްސްގެ މަންމަ ބުންޏެވެ.

ފުލުހުން ބުނީ، އާޖެންޓީނާ ޖޯޒީ އާއި މެސީ ފޮޓޯ ޖަހާފައި އިން އޭނާގެ ފޯނެއްގެ ކަވަރު އެލެކްސް އުޅެމުންދިޔަ ކޮޓަރި ތެެރެއިން ފެނިފައި ވާކަމަށެވެ. އަދި އޭނާ މަރުވީ އަމިއްލައަށް ކަމުގައި ބެލެވުނު ނަމަވެސް، އެ މައްސަލައިގެ ތަހުޤީޤެއް ކުރިއަށްދާ ކަމަށް އެފަރާތުން ބުނެފައި ވެއެވެ.