އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާގެ ޓީމުތަކަށް ހާއްސަ ގްްރޫޕް ޑީގެ މެޗުތައް ރާއްޖޭގައި ބޭއްވުމަށް ހުށައެޅި ބިޑު އަނެއްކާވެސް ކާމިޔާބުކޮށްފިއެވެ.

ރާއްޖެއިން މި ބިޑު ކާމިޔާބުކޮށްފައިވަނީ ބަންގްލަަދޭޝް އާއި އިންޑިޔާ އާއި ވާދަކޮށްގެންނެވެ. ގްރޫޕް ސްޓޭޖުގެ އިތުރުން މުބާރާތުގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވާން ކުޅޭ ޕްލޭއޮފް މެޗުވެސް ބޭއްވުމުގެ ފުރުސަތު ލިބުނީ ރާއްޖެއަށެވެ.

އޭއެފްސީން އިއުލާނުކޮށްފައިވާ ތާރީހުތަކުގެ ތެރެއިން އޭއެފްސީ ކަޕުގެ ޕްލޭއޮފް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޯގަސްޓް 15 ގައެވެ. މި މެޗުގައި ބައްދަލުކުރާ ދެ ޓީމަކީ ރާއްޖޭގެ ކުލަބް އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީ އެވެ.

އޭއެފްސީ ކަޕުގެ ގްރޫޕް ޑީގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އޯގަސްޓް 18، 21، އަދި 24 ގައެވެ. ގްރޫޕުގައި މިހާރު ހިމެނޭ ޓީމުތަކަކީ އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އާއި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ އިތުރުން ބަންގްލަދޭޝްގެ ބަޝުންދުރަ ކިންގްސް އެވެ. މި ގްރޫޕުގެ ހަތަރުވަނަ ޖާގަ ލިބޭނީ ޕްލޭއޮފުން މޮޅުވާ ޓީމަކަށެވެ.

ގްރޫޕް ސްޓޭޖުގެ ފަހު ދެ މެޗު ކުޅޭނީ އެއް ދުވަހެއްގައެވެ. އެގޮތުން އޯގަސްޓް 24 ގައި ކުޅޭ ގްރޫޕުގެ ފަހު ދެ މެޗުވެސް ކުޅުމަށް ހަމަޖެހިފައިވަނީ މާލޭގައެވެ. މި ދެ މެޗު ކުޅޭނީ ދެ ގަޑިއެއްގައެވެ.

މުބާރާތުގެ ޕްލޭއޮފް މެޗު ކުޅެން މީގެކުރިންވެސް ރާއްޖެއަށް ފުރުސަތު ލިބުނެވެ. އެފަހަރު ބެންގަލޫރު އެފްސީ ޓީމު މާލެ އައުމަށްފަހު ޕްރޮޓޮކޯލާއި ހިލާފަށް ބޭރުގައި އުޅުމުގެ ސަބަބުން ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހްލޫފް ވަނީ އެ ޓީމު އަނބުރާ ގައުމަަށް ދިއުމަށް އަންގާފައެވެ. އަދި އޭއެފްސީ ކަޕްގެ މެޗުތައް ފަސްކުރުމަށް އެފްއޭއެމުގެ ކިބައިން އެދުނެވެ.

އޭގެފަހުން އޭއެފްސީ ޑިސިޕްލިނަރީ ކޮމިޓީން މައްސަލަ ބެލުމަށްފަހު ރާއްޖެއިން އެފަދަކަމެއް ދެން ތަކުރާރުނުކުރާނެ ކަމުގެ ޔަގީންކަން ދިނުމަށް ވަނީ އަންގާފައެެވެ. ރާއްޖެއިން ބިޑު ކާމިޔާބުކުރި އިރު އޭއެފްސީން މީގެކުރިން ވަނީ މި ޒޯނުގެ މެޗުތައް ބާއްވާނެ ގައުމެއް ހޯދުމަށް ބިޑުކުރުމަށް ހުޅުވާލާފައެވެ. ރާއްޖެއިން ބިޑު ހުށައެޅީ އެންމެ ފަހު ވަގުތުއެވެ.

އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ އެންމެ ފަހު ވަގުތު ބިޑު ހުށައެޅީ ދިވެހި ފުޓުބޯޅައަށް ދެރައެއް ނުދިނުމުގެ ގޮތުން ކަމަށެވެ. އަދި ކުލަބުތަކުން ބޮޑު ހަރަދެއް ކޮށްފައިވުމާއެކު މުބާރާތް ކެންސަލްވެއްޖެ ނަމަ ކުލަަބުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެތީ އެވެ.