ކޮޕާ އެމެރިކާގެ ތައްޓާއެކު އިންސްޓަގްރާމަށް ލިއޮނަލް މެސީ ލާފައިވާ ފޮޓޯއަށް ލިބުނު ލައިކްސް އާއެކު ކްރިސްޓިއާނޯ ރޮނާލްޑޯގެ ރެކޯޑު މުގުރާލައިފިއެވެ.

މި ތައްޓާއެކު އިންސްޓަގްރާމަށް މެސީ ލާފައިވާ ފޮޓޯއަށް ޖުމްލަ 20.2 މިލިއަން ލައިކްސް ވަނީ ލިބިފައެވެ. މިއާއެކު މެސީ ވެފައިވަނީ ކުޅިވަރު އެތްލީޓުންތަކުގެ ތެރެއިން އިންްސްޓަގްރާމުގައި އެންމެ ކާމިޔާބު އެތްލީޓަށެވެ. މި މަޤާމުގައި ކުރިން އޮތީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

އިންސްޓަގްރާމުގައި ރޮނާލްޑޯއަށް އެންމެ ގިނަ ލައިކްސް ލިބުނީ މިދިޔަ އަހަރުގެ ފަހުކޮޅު މަރުވި އާޖެންޓީނާގެ ޑިއެގޯ މަރަޑޯނާއަށް ހާއްސަކޮށް ޖެހި ޕޯސްޓަށެވެ. މި ޕޯސްޓަށް ޖުމްލަ 19.8 މިލިއަން ލައިކްސް ވަނީ ލިބިފައެވެ.

އުމުރުން 34 އަހަރުގެ ލިއޮނަލް މެސީއަށް މި ތައްޓަކީ ބޮޑު ކާމިޔާބީއެކެވެ. އޭނާގެ ކެރިއަރުގައި ކުލަބް ފުޓުބޯޅައިގައި ބޮޑު ކާމިޔާބީތަކެއް ހޯދި ނަމަވެސް މިވީހާ ދުވަހު މަދުވީ އާޖެންޓީނާއާއެކު ތައްޓެކެވެ. މެސީއާައެކު އާޖެންޓީނާ ވަނީ ވޯލްޑްކަޕެއްގެ ފައިނަލުގައި އެއްފަހަރު ކުޅެފައެވެ. އަދި މެސީ އާއެކު ކޮޕާ އެމެރިކާގެ ފައިނަލުގައި ތިން ފަހަރެއްގެ މަތިން ކުޅުނެވެ.

މިފަހަރުގެ ބެލޮންޑޯ ލިބޭނެކަމަށް އެންމެ ބޮޑަށް ބެލެވޭ މެސީ ވަނީ މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަޤާމުވެސް ހޯދާފައެވެ. އަދި އެންމެ ގިނަ އެސިސްޓުވެސް ހަދާފައިވަނީ މެސީ އެވެ

މި ކާމިޔާބީއަށްފަހު މެސީ މިވަގުތު ހުރީ ޗުއްޓީގައެވެ. މިހާރު "ފްރީ އޭޖެންޓް" އެއްގެ ގޮތުގައި ހުރި މެސީއާއެކު މިދިޔަ މަހުގެ ފަހުކޮޅު ބާސާއިން ހެދި އެއްބަސްވުން ވަނީ ހަމަވެފައެވެ. ނަމަވެސް ރިޕޯޓުތައް ބުނާގޮތުން މެސީ ވަނީ އޭނާގެ މުސާރައިގެ 50 އިންސައްތަ އުނިކުރުމަަށްފަހު އާ އެއްބަސްވުމެއްގައި ސޮއިކުރަން އެއްބަސްވެފައެވެ.