ވޯލްޑް ކަޕްގައި މިރޭ ސެނެގާލް އާއި ޖަޕާން ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެގެން ނިމިއްޖެއެވެ.

މިރޭގެ މެޗާއެކު ގްރޫޕް އެޗްގައި ހިމެނޭ މި ދެ ޓީމަށްވެސް ދެ މެޗު ކުޅެ ނިމުނުއިރު ވަނީ ހަތަރު ޕޮއިންޓު ލިބިފައެވެ. މި ގްރޫޕްގައި ދެން ހިމެނޭ ޕޮލެންޑާއި ކޮލަމްބިޔާ އަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެއެވެ. މުބާރާތުގައި މިރޭ ކުޅޭ މެޗުގައި މި ދެ ޓީމު ބައްދަލުކުރާނެއެވެ.

ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ސެނެގާލް އިންނެވެ. މި ގޯލު މެޗުގެ 11 ވަނަ މިނެޓްގައި ސެނެގާލް އަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ސަޑިއޯ މާނޭއެވެ. މި ގޯލު ކާމިޔާބުކުރިތާ މާގިނަ އިރުތަކެއް ނުވަނީސް ސެނެގާލްގެ ޓީމުގެ ސާ ވެސް ވަނީ ޖަޕާނުގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. ނަމަވެސް އޭނާ ފޮނުވާލި އޯވަ ހެޑްކިކް ޖަޕާނުގެ ކީޕަރު ކަވަޝިމާ ވަނީ ދިފާއުކޮށްފައެވެ.

ގޯލަށްފަހު މާނޭ އުފާފާޅުކުރަނީ - ފޮޓޯ: އޭއެފްޕީ

އެ ފުރުސަތުގެ ބޭނުން ސެނެގާލް އަށް ނުހިފުނުއިރު މެޗުގެ 34 ވަނަ މިނެޓްގައި ނަގަޓޯމޯ ދިން ޕާހަކުން ޓަކަޝީ އިނޫއީ ވަނީ ޖަޕާނަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ސެނެގާލް އަށް ލީޑު ނަގައިދޭން އެޓީމުގެ ފޯވާޑް ނިއާންގް އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާވެސް ޖަޕާނުގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގެ ކުރީކޮޅު ޖަޕާނަށް ވަނީ ލީޑު ނަގަން ރަނގަޅު ދެ ފުރުސަތެއް ލިބިގެން ގޮސްފައެވެ. އެގޮތުން ފައިގައި ރަނގަޅަށް ބޯޅަ ލައްވާނުލުމުން އޮސާކޯ އަށް ފުރުސަތުގެ ބޭނުން ހިފޭގޮތް ނުވިއިރު އިނޫއި ފޮނުވާލި ހަމަލާ އަމާޒުވީ ސެނެގާލްގެ ގޯލުގެ ދަނޑި އަށެވެ.

މި ދެ ފުރުސަތުގެ ބޭނުން ޖަޕާނަށް ނުހިފުމުގެ ނަތީޖާއަކަށްވީ މެޗުގެ 71 ވަނަ މިނެޓްގައި ސެނެގާލް އިން ދެވަނަ ފަހަރަށް ލީޑު ނެގުމެވެ. ނިއާންގް ދިން ޕާހަކުން މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ މޫސާ ވާގްއެވެ. ނަމަވެސް ސެނެގާލް އަށް ލީޑު ހިފަހައްޓާލެވުނީ އެންމެ ހަތް މިނެޓަށެވެ. އެގޮތުން ދެވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ހޮންޑާ ވަނީ މެޗުގެ 78 ވަނަ މިނެޓްގައި ދެވަނަ ފަހަރަށް ޖަޕާނަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ސެނެގާލްގެ ޕެނަލްޓީއޭރިއާ ތެރޭ ފުދޭވަރަކަށް ހުހަށް ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

ޖަޕާން އާއި ސެނެގާލް ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އޭއެފްޕީ

މި ގޯލަށްފަހު ދެ ޓީމުންކުރެ ޓީމަކަށް މި މެޗުގައި ގޯލްޖަހާނެ ރަނގަޅު ފުރުސަތެއް ވަނީ ތަނަވަސްކުރެވޭ ގޮތް ނުވެފައެވެ.

މި މެޗު އެއްވަރުވިއިރު ޖަޕާނާއި ދެކޮޅަށް އެންމެފަހުން ކުޅުނު ހަތަރު މެޗުން ވެސް ސެނެގާލް ބަލިވެފައިނުވާކަން ފާހަގަކޮށްލެވެއެވެ. އެ ހަތަރު މެޗުގެ ތެރެއިން ދެ މެޗު ސެނެގާލް އިން ވަނީ ކާމިޔާބުކޮށްފައެވެ.

މުބާރާތުގެ ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު މި ދެ ޓީމަށްވެސް އޮތްއިރު ގްރޫޕް ސްޓޭޖުގައި ބާކީ އަދި އެއް މެޗު މި ދެ ޓީމަށްވެސް އެބައޮތެވެ. އެގޮތުން ގްރޫޕްގެ ފަހު މެޗުގައި ޖަޕާން ނިކުންނާނީ ޕޮލެންޑާއި ދެކޮޅަށެވެ. އަދި ސެނެގާލް ބައްދަލުކުރާނީ ކޮލަމްބިޔާއާއެވެ.