ދިވެހި ސަރުކާރުގެ އެއްބާރުލުން ލިބޭނަމަ މިއަހަރު ބާއްވަން މަސައްކަތްކުރާ 13 ވަނަ ސާފް ޗެމްޕިއަންޝިޕު ދިވެހިރާއްޖެއާއި ސްރީލަންކާ ގުޅިގެން ހޯސްޓުކުރުމުގެ ވިސްނުމެއް ގެންގުޅޭކަމަށް އެފްއޭއެމުން ބުނެފިއެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ސަރަހައްދީ މުބާރާތުގެ ތަށި 2008 ވަނަ އަހަރު އުފުލާލީވެސް ދިވެހިރާއްޖެއާއި ލަންކާ ގުޅިގެން ބޭއްވި މުބާރާތުގައެވެ. އެފަހަރު ރާއްޖެ ޗެމްޕިއަންކަން ހޯދީ ސްރީލަންކާގެ ސުގަތަދާތަ ސްޓޭޑިއަމުގައި ކުޅުނު ފައިނަލުގައި އިންޑިއާ ބަލިކޮށްގެންނެވެ.

މި މުބާރާތް މިއަހަރު ބާއްވަން ފުރަތަަމަ އޮތީ ބަންގްލަދޭޝްގައެވެ. އެންމެ ފުރަތަމަ މި މުބާރާތް ބާއްވަން މަސައްކަތްކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ 19 އިން 30 އަށެވެ. އޭގެފަހުން ކޮވިޑުގެ ހާލަތު ގޯސްވުމުން މުބާރާތް މިއަހަރަށް ފަސްކުރީ އެވެ.

ނަމަވެސް ދިމާވަމުންދާ އެކި ގޮންޖެހުންތަކާއި ގުޅިގެން މި މުބާރާތް ބަންގްލަދޭޝްގައި ބޭއްވުމުގެ ފުރުސަތު ވަރަށް ކުޑައެވެ. އެއީ ބަންގްލަދޭޝްގައި ކޮވިޑުގެ ހާލަތު އޮތް ގޮތުން އެގައުމުގެ ސަރުކާރުން އެކަމަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ނުބެލެވޭތީ އެވެ. އަދި މިހާތަނަށް މުބާރާތް ސްޕޮންސަރ ކުރާނެ ބައެއްވެސް ނެތެވެ.

ރާއްޖެއަށް ލިބުނު ކާމިޔާބީއާއިއެކު ކުޅުންތެރިންނާއި ދިވެހި ޓީމް އުފާ ފާޅުކުރުން - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެހެންކަމުން މި މަހުގެ ތެރޭގައި މުބާރާތާއި ގުޅޭ ފަހުގެ ނިންމުން ނިންމާނެ ކަމަށް ސާފްގެ ޖެނެރަލް ސެކްރެޓަރީ އަންވާރުލް ހައްގު ވިދާޅުވިއެވެ. ބޮޑަށް ބެލެވޭ ގޮތުގައި އަލުން ބިޑަށް ހުޅުވާލާނެ އެވެ.

ބައްސާމް ވިދާޅުވީ ރާއްޖެއާއި ލަންކާ ގުޅިގެން ބިޑުކުރާނީ ދިވެހި ސަރުކާރާއި މަޝްވަރާތަކެއް ކުރުމަށްފަހު ކަމަށެވެ. އަދި ބޮޑު މުބާރާތެއް ބާއްވާނަމަ ގިނަ މަސައްކަތްތަކެއް ހުންނާނެ ކަމަށާއި އެކި މުއައްސަސާތައް ގުޅިގެން މިކަމުގައި މަސައްކަތްކުރަން ބޭނުންވާ ކަމަށް ބައްސާމް ވިދާޅުވިއެވެ.

"އަޅުގަނޑު ކޮންމެވެސް ވަރަކަށް މަޝްވަރާކޮށްލިން މިސާލަކަށް މިކަހަލަ ހުށަހެޅުމެއް އަޅުގަނޑުމެން ކޮށްފިއްޔާ ލަންކާ އެއަށް އެއްބަސްވާނެތޯ. އެ ބޭފުޅުން ވިދާޅުވީ އަޅުގަނޑުމެން ވަރަށް ބޮޑަށް ތައްޔާރޭ މިކަހަލަ ފުރުސަތެއް އޮވެއްޖެއްޔާ ބައިވެރިވެގެން ކުރަން" ރާއްޖެޓީވީގައި ވާހަކަދައްކަވަމުން ބައްސާމް ވިދާޅުވިއެވެ.

ރާއްޖެއާއި ލަންކާ އިން މުބާރާތް ހޯސްޓުކުރަން ޝައުގުވެރިވާ އިރު ނޭޕާލް އިންވެސް ވަނީ މުބާރާތް ހޯސްޓުކުރަން ބޭނުންވާ ކަމަށް ބުނެފައެވެ.

މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް ބާއްވަން މަސައްކަތްކުރަނީ ލީގު އުސޫލުންނެވެ. އެއީ މިފަހަރު ސާފް ޗެމްޕިއަންޝިޕް ކުޅޭނީ ފަސް ގައުމާއެކު ކަމަށް ވާތީއެވެ. އެއީ ކޮވިޑާއި ގުޅިގެން ބޫޓާނަށް ގައުމުން ބޭރަށް ނުދެވޭތީ އާއި ފީފާއިން ޕާކިސްތާން ސަސްޕެންޑުކޮށްފައި ވުމުންނެވެ.

މި މުބާރާތުގެ އެންމެ ފަހުގެ ޑިފެންޑިން ޗެމްޕިއަނަކީ ރާއްޖެ އެވެ. 2018 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި މުބާރާތުގެ ތަށި ރާއްޖެއިން ހޯދީ ފައިނަލުގައި އިންޑިއާ ބަލިކޮށްގެންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮވިޑް

    ސަޅިކަމެއްމީ . ޤައުމު ބައިބައި ވެފަ އޮތް ދަނޑިވަޅެއްގަ އެންމެން އެކުވެރި ކޮށްލެވޭނެ ކަމެއްކަމަށް ބެލެވޭ. ސުވާލަކީ ސަރުކާރު އެއަބާރުލުން ދޭނެބާއޭ؟

    5
    1
  2. ހސހެނ

    ތި ނޫން އެހެން ލެވެލް އަކައް ދާންވެެއްޖެ