އަންނަ މަހު ރާއްޖޭގައި ބާއްވާ އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާގެ ގްރޫޕުގެ މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ސައުދީ އަރަބިއްޔާގައި ކޭމްޕުކުރަން ނިންމައިފިއެވެ.

ރާއްޖޭގައި މި މުބާރާތް ބޭއްވުމުގެ ފުރުސަތު ލިބުނުކަން އޭއެފްސީން ހާމަކޮށްފައިވަނީ ހޯމަދުވަހު އެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގެ އިތުރުން ގްރޫޕަށް ކޮލިފައިވާން ކުޅޭ ޕްލޭއޮފު މެޗުވެސް ރާއްޖޭގައި ކުޅުމުގެ ފުރުސަތު ވަނީ ދީފައެވެ.

މުބާރާތުގެ ޕްލޭއޮފް މެޗު ކުޅޭނީ އަންނަ އޯގަސްޓް މަހުގެ 15 ގައެވެ. މި މެޗުގައި ބައްދަލުކުރާނީ އިންޑިއާގެ ބެންގަލޫރު އެފްސީ އާއި ރާއްޖޭގެ ކުލަބް އީގަލްސް އެވެ. ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅޭނީ އަންނަ މަހުގެ 18، 21 އަދި 24 ވަނަ ދުވަހުއެވެ.

ގްރޫޕް ސްޓޭޖުގައި ހިމެނޭ ޓީމުތަކަކީ މާޒިޔާގެ އިތުރުން އިންޑިއާގެ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސްއެވެ. ދެން މި ގްރޫޕުގައި ހިމެނޭނީ ޕްލޭއޮފް މެޗުން މޮޅުވާ ޓީމެކެވެ.

މުބާރާތުގެ ކުރިން މާޒިޔާއިން ސައުދީ އަރަބިއާގައި ކޭމްޕުކުރަން ތައްޔާރުވަމުން އަންނައިރު އެ ޓީމުން ވަނީ މިމަހުގެ 10 ގައި ފަރިތަކުރުންތައް ފަށާފައެވެ.އެ ޓީމުން ސައުދީއަށް ފުރާނީ އަންނަ ހޮނިހިރު ދުވަހުއެވެ. އަދި ރާއްޖެއަށް އެނބުރި އަންނާނީ އަންނަ މަހުގެ 14 ގައެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި މާޒިޔާގެ ފުރަތަމަ މެޗު ކުޅޭނީ އަންނަ މަހުގެ 18 ގައެވެ. މި މެޗުގައި ބައްދަލުކުރާނީ ބަޝުންދުރަ ކިންގްސް އާއެވެ ދެވަނަ މެޗުގައި 21 ވަނަ ދުވަހު ބައްދަލުކުރާނީ އޭޓީކޭ މޯހަން ބަގާން އާއެވެ. އަދި ފަހު މެޗުގައި 24 ވަނަ ދުވަހު ބައްދަލުކުރާނީ ޕްލޭއޮފުން މޮޅުވާ ޓީމަކާއެވެ.