ޗެޗްނިޔާގެ ލީޑަރު ރަމްޒާން ކަދީރޯވްއާއެކު ނެގި ފޮޓޯއެއްގެ މައްސަލަ ހޫނުވެ މިސްރުގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން މުހައްމަދު ސަލާހު ވިސްނަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ވޯލްޑް ކަޕްގައި ވާދަކުރާ މިސްރު ޓީމުގެ ކުޅުންތެރިން ތިބެނީ ރަޝިޔާގެ ތެރޭގައި އޮންނަ ޗެޗްނިޔާގެ ސަރަހައްދެއްގައި ކަމަށްވާއިރު މުބާރާތް ފެށުމުގެ ކުރިން ޗެޗްނިއާގެ ލީޑަރު ވަނީ ސަލާހު އާއި ބައްދަލުކޮށް ފޮޓޯ ނަގާފައެވެ. މީގެއިތުރުން އޭނާ ވަނީ މިސްރުގެ ކުޅުންތެރިންނާއެކު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޗެޗްނިޔާގެ ރަމްޒީ ރަށްވެހިކަން ސަލާހު އަށް ދީފައިވާކަން ވެސް އިއުލާންކޮށްފައެވެ.

2004 ވަނަ އަހަރުން ފެށިގެން ޗެޗްނިއާގެ ލީޑަރުކަން ކުރަމުން އަންނަ ކަދީރޯވް އަށް ވަަނީ އިންސާނިއްޔަތާއި ހިލާފު އެތަކެއް ޖަރީމަތަކެއް ހިންގި ކަމުގެ ތުހުމަތު ކުރެވިފައެވެ. އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ފަރާތްތަކުގެ ތެރޭގައި ވެސް އޭނާ ހިމެނެއެވެ.

ޗެޗްނިއާގެ ލީޑަރާއި އެކު ސަލާހު ފޮޓޯ ނެގި މައްސަލަ ހޫނުވެފައިވާއިރު، ސަލާހުގެ ގާތް ފަރާތަކާއި ހަވާލާދީ "ސީއެންއެން" އިން ގައި ބުނެފައިވާ ގޮތުން މިފަހަރުގެ ވޯލްޑް ކަޕްގެ ތެރޭގައި މިސްރުގެ ފުޓްބޯޅަ އިދާރާއިން ސަލާހު އާއި މެދު ކަންތައްތައް ކޮށްފައިވާ ގޮތާއި އަދި އޭނާގެ ބޭނުން ކޮށްފައިވާ ގޮތާއި މެދު ސަލާހު ހިތްހަމަނުޖެހޭ ކަމަށެވެ.

އަދި ވަކި މީހަކަށް ސިޔާސީ މަންފާއެއް ލިބޭނެ ފަދަ ކަމެއްގައި ޝާމިލުވާން ސަލާހު ބޭނުން ނުވާ ކަމަށާއި މިފަހަރުގެ ވޯލްޑް ކަޕްގެ ތެރޭގައި ހިނގައިގެންދިޔަ ކަންތައްތަކާ ގުޅިގެން ގައުމީ ޓީމަށް ކުޅުން ހުއްޓާލުމާ މެދު ސަލާހު ވިސްނަމުންދާ ކަމަށްވެސް އޭނާއާ ހަވާލާދީ "ސީއެންއެން" ގައި ބުނެފައިވެއެވެ.

"ސީއެންއެން" އިން މިހެން ބުނި ނަމަވެސް މިސްރުގެ ފުޓްބޯޅަ އިދާރާ އިން ވަނީ މިކަން ދޮގުކޮށްފައެވެ.

"ސަލާހު އަދިވެސް ހުރީ އަހަރުމެންނާ އެކީގަ. އަހަރުމެންނާ އެކީގަ ހީ ސަމާސާކޮށް ފަރިތަކުރުންތަކުގައި ވެސް ސަލާހު ދަނީ ބައިވެރިވަމުން. އޭގެ މާނައަކީ މައްސަލައެއް ނެތޭ" މިސްރުގެ ފުޓްބޯޅަ އިދާރާއިން ވިދާޅުވިއެވެ.

މިސްރުގެ ގައުމީ ޓީމަށް ސަލާހު އެންމެ ފުރަތަމަ މެޗެއް ކުޅެދިނީ 2011 ވަނަ އަހަރުއެވެ. އޭގެފަހުން އޭނާ ވަނީ މިހާތަނަށް އެޓީމަށް 58 މެޗު ކުޅެދީ 34 ގޯލު ކާމިޔާބުކޮށްފައެވެ.