މިއަހަރުގެ ފަހުކޮޅު ސްރީލަންކާގައި ބާއްވާ ބައިނަލްއަޤްވާމީ ފުޓުބޯޅަ މުބާރާތެއްގައި ވާދަކުރަން ރާއްޖެއިން ނިންމައިފިއެވެ.

އަންނަ ނޮވެމްބަރު މަހުގެ ތެރޭފައި ބާއްވާ މި މުބާރާތުގައި ރާއްޖެއާއި ލަންކާގެ އިތުރުން އިތުރު ދެ ގައުމެއް ބައިވެެރިވާނެ އެވެ. ނަމަވެސް އެ ގައުމުތަކެއް އަދި ޔަގީނެއް ނޫނެވެ.

ރާއްޖެ ޓީވީގައި ވާހަކަދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މި މުބާރާތުގެ ސަބަބުން ގަައުމީ ޓީމަށް ގިނަ ފައިދާތަކެއް ކުރާނެކަމަށް ގަބޫލުކުރެވޭ ކަމަށާއި މިފަދަ ކޮންމެ ފުރުސަތެއްގެ ބޭނުން ހިފަން ވިސްނާނެ ކަމަށެވެ. އަދި މުބާރާތުގައި ވާދަކުރަން ނިންމީ އެ ސަބަބާއި ގުޅިގެން ކަމަށެވެ.

އަންނަ އަހަރުގެ ފެބްރުއަރީ މަހު އޮންނަ އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅޭނެއެވެ. އޭގެކުރިން މި މުބާރާތް ކުޅޭނަމަ އެއީ ގައުމީ ޓީމަށް ލިބޭނެ ބޮޑު އެޑްވާންޓޭޖެކެވެ.

ރާއްޖެއިން ވަނީ މީގެކުރިންވެސް ލަންކާގައި ބޭއްވި އިންވިޓޭޝަނަލް މުބާރާތެއްގައި ވާދަކޮށްފައެވެ. 2012 ވަނަ އަހަރު ރާއްޖޭގެ 23 އަހަރުންދަށުގެ ޓީމު ވާދަކުރި މަހިންދަރާޖަ ޕަކްސަ އިންވިޓޭޝަނަލް މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެ ހޯދީ ފައިނަލުގައި ޕާކިސްތާން 2-1 އިން ބަލިކޮށްގެންނެވެ. މީގެއިތުރުން ރާއްޖެއިން ފުރަތަމަ ސާފް ޗެމްޕިއަންޝިޕުގެ ތަށި 2008 ގައި އުފުލާލީވެސް ލަންކާގައެވެ.

ރާއްޖެއިން ވަނީ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖަށް ކޮލިފަައިވެފައެވެ. ޖުމްލަ ހަ ގްރޫޕެއް ހިމެނޭއިރު ރާއްޖެ ކުޅެންޖެހޭ ގްރޫޕް ކަށަވަރުވާނީ ޕްލޭއޮފް ބުރުގެ މެޗުތައް ނިމުމުން ނަގާ ގުރުގައެވެ.