ސްވިޑަންގެ ޤައުމީ ޓީމުގައި ހިމެނޭ ޖިމީ ޑާމޭޒް އަށް ނަސްލީ ގޮތުން ފުރައްސާރަކުރަމުން އަންނަކަމަށް ބައެއް މީޑިޔާ ރިޕޯޓުތައް ބުނެފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަށް ފުރައްސާރަކުރަމުން އަންނަނީ ޖަރުމަނާ ދެކޮޅަށް އެޓީމުން ކުޅުނު މެޗަށް ފަހުގައެވެ.

ރިޕޯޓުތައް ބުނާގޮތުގައި، ބައެއް ފަރާތްތަކުން އޭނާއާ ނަސްލީ ގޮތުން ފުރައްސާރަކުރަމުން އަންނަނީ އިންސްޓަގްރަމް ގައެވެ. އެހެންނަމަވެސް، އެކަންކަމާ މާ ބޮޑަށް އަޅާ ނުލާކަމަށް، އެރޭގެ މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޑާމޭޒް ބުނެފައިވެއެވެ.

"އެއީ އަހަރެން އަޅާލާ ކަމެއް ނޫން. އަހަރެން މިތަނުގައި (ރަޝިޔާގައި) މިހުރީ ފަޚުރުވެރިކަމާއެކު ޤައުމު (ސްވިޑަން) ތަމްސީލުކުރަން" މިކަމާ ގުޅޭގޮތުން އޭނާ ބުނެފައިވެއެވެ.

ބައެއް ފަރާތްތަކުން މިގޮތަށް ކަންތައް ކޮށްފައިވަނީ، އޭނާ ކުރި ފައުލެއްގެ ސަބަބުން ޖަރުމަނަށް ހިލޭ ޖެހުމެއް ލިބުމުންނެވެ. އަދި، އެ ހިލޭ ޖެހުން، ޓޮނީ ކްރޫސް ކާމިޔާބުކޮށް، މެޗުގެ އެންމެ ފަހު މިނެޓުގައި ޖަރުމަނުވަނީ މޮޅުވެފައެވެ.

މިކަމާ ގުޅިގެން ނަސްލީގޮތުން އޭނާއަށް ފުރައްސާރަކުރަމުންދަނީ އޭނާއަކީ ސީދާ ސްވިޑަން ދަރިކޮޅުގެ މީހަކަށް ނުވާތީއެވެ. އެނގިފައިވާ ގޮތުގައި އޭނާގެ މައިންބަފައިންނަކީ ތުރުކީގެ އަސީރިއަން ދަރިކޮޅުގެ ބައެކެވެ. އެމީހުން ސްވިޑަން އަށް ހިޖުރަކޮށްފައިވާއިރު ޑާމޭޒް އުފަންވީ ސްވިޑަން އަށެވެ.