ލިވަޕޫލުގައި ހޭދަކުރި މުއްދަތުގެ ތެރޭގައި ސަޕޯޓަރުން އޭނާ ބަލައިނުގަންނަ ކަމަށް ބުނެ ބޮޑެތި ފާޑުކިޔުންތަކެއް ސަޕޯޓަރުންނާއި ކުލަބަށް ދާދިފަހުން ޕީއެސްޖީއަށް ބަދަލުވި ނެދަލޭންޑްސްގެ ކެޕްޓަން ޖިއޯޖީނިއޯ ވައިނަލްޑަމް ބުނެފިއެވެ.

ވައިނަލްޑަމް ލިވަޕޫލާއި ގުޅުނީ 2016 ވަނަ އަހަރުގައެވެ. އެއީ ނިއުކާސަލް ޔުނައިޓެޑު ދޫކޮށް 25 މިލިއަން ޕައުންޑަށެވެ. އޭނާ ވަނީ ލިވަޕޫލަށް 237 މެޗު ކުޅެދީ ކާމިޔާބީތަކެއް އެ ކުލަބަށް ހޯދައިދީފއެވެ. އެގޮތުން ޗެމްޕިއަންސް ލީގަކާއި ޕްރިމިއަރ ލީގެއްގެ އިތުރުން ކުލަބް ވޯލްޑްކަޕެއް ވަނީ ހޯދާފައެވެ.

ފްރާންސްގެ މީޑިއާއެއްގައި ވާހަކަދައްކަމުން ވައިނަލްޑަމް ބުނީ ކުލަބުގައި ހޭދަކުރި ދުވަސްތަކުގައި ސަޕޯޓަރުން އޭނާ ބަލައިނުގަންނަ ކަމަށާއި ބޮޑަށް އަޑު އިވެނީ ފާޑުކިޔުންތަށް ކަމަށެވެ. އަދި ޓީމުގައި އޭނާގެ މުހިއްމުކަން އިހުސާސްނުކުރެވޭ ކަމަށްވެސް ބުންޏެވެ.

"ސަޕޯޓަރުން ދެކެ އަހަރެން ވަރަށް ލޯބިވޭ، އެކަމަކު އަހަންނަށް އެ ލޯބި އަނބުރާ ލިބޭތަނެއް ނުފެނޭ، ހަމައެކަނި ދަނޑުމަތިންނެއް ނޫން، ދަނޑު ބޭރުންވެސް ކަން އޮތީ މިހެން" އުމުރުން 30 އަހަރުގެ ކުޅުންތެރިޔާ ބުންޏެވެ.

ލިވަޕޫލުގައި ވައިނަލްޑަމް އެންމެފަހުން މެޗު ކޫޅުނީ ކްރިސްޓަލް ޕެލަސް އަތުން 2-0 އިން މޮޅުވި މެޗުގައެވެ. އެ މެޗަށް ނުކުތްއިރު ޓީމުން ވަނީ އޭނާއަށް ގާޑް އޮފް އޮނާއެއް އަރުވާފައެވެ. އަދި މުޅި ކުލަބު ޝާމިލުވާގޮތަށް އޭނާއަށް ޝުކުރުއަދާކޮށްފައި ވެއެވެ.

"ލިވަޕޫލުގައި ގޯސްކޮށް ދިޔަ މެޗެއް ވިއްޔާ ކުށްވެރިވީ އަހަރެން، ކުރިންވެސް އެނގޭ ސަޕޯޓަރުން އަހަރެން ދެކެ ލޯބިވާކަން، އަދި ސޯޝަލް މީޑިއާ އާއި ދަނޑުގައި ތިބޭ ސަޕޯޓަރުންނާއި މިއީ ތަފާތު ބަައެއްކަން އަހަންނަށް އެ މެޗުން އިހުސާސުވި، އެކަމަކު ޖުމްލަކޮށް އަހަންނާ ކުރިމަތިލާން ޖެހުނީ ހިތްދަތިކަން، އެކަމަކު އެ ވާހަކަ މިހާރު ދައްކާކަށް ނެތިން" ވައިނަލްޑަމް ބުންޏެވެ.

ވައިނަލްޑަމް ޕީއެސްޖީއަަށް ބަަދަލުވެފައިވަނީ ވާދަވެރި ބާސެލޯނާއިން ވެސް އޭނާއަށް ފާރަލަމުންދިޔަ ދަނޑިވަޅެއްގައެވެ. ޕީއެސްޖީ އަކީ އެންމެ ބޮޑު އަގު ކި އެއް ކުލަބެވެ. އޭނާއަށް ހަފްތާއަކު ދެ ލައްކަ ޕައުންޑް އެ ކުލަބުން ލިބޭނެއެވެ.