ގުުރޫޕް އޭގައި މިރޭ ސައުދީ އަރަބިއްޔާ އާއި މިސްރު ބައްދަލުކުރާއިރު، މި ދެ ޓީމު ވެސް ވަނީ މުބާރާތުގައި ކުޅުނު ފުރަަތަމަ ދެ މެޗުން ބަލިވެ، މުބާރާތުން ކަޓައިފަ އެެެވެ. މިރޭ މި ދެ ޓީމު ކުޅޭ މެޗުން، ފުލުން ސަލާމަތްވުން ނޫނީ މި ދެ ޓީމަށް ހާސިލްކުރެވޭނެ މާބޮޑު ކަމެއް ނެތެވެ.

މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ރަޝިއާ އަތުން ތަފާތު ބޮޑުކޮށް ބަލިވި ނަމަވެސް، ދެވަނަ މެޗުގައި ސައުދީ އަރަބިއްޔާ ވަނީ ކުޅުން ރަނގަޅުކޮށްފަ އެވެ. ދެވަނަ މެޗުގައި އުރުގުއޭ އަތުން އެ ޓީމު ބަލިވީ 1-0 އިންނެވެ. ގުރޫޕްގެ ފަހު މެޗަށް ސައުދީ އަރަބިއްޔާ ނުކުންނައިރު، އެ ޓީމުގެ އުންމީދަކަށް ވާނީ 1994 ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕްގެ މެޗެއް ކާމިޔާބުކުރުމެވެ.

ފޮނި އުންމީދުތަކާއެކު މުބާރާތަށް ކުރިމަތިލި ނަމަވެސް، މިސްރު ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ ދެ މެޗުން ބަލިވެ، ފުރަތަމަ ބުރުން ވޯލްޑް ކަޕަށް އަލްވަދާއު ކިޔަން ޖެހިފަ އެވެ. އަނިޔާގެ ސަބަބުން މިސްރުގެ ތަރި މުހައްމަދު ސަލާހް އަށް ފުރަަތަމަ މެޗު ނުކުޅެވުނުއިރު، ދެވަނަ މެޗުގައި ވެސް އޭނާ ފެނުނީ އެންމެ ފުރިހަމަ ފިޓްނަސްގައެއް ނޫނެވެ. ސަލާހް ފިޓުނުވުމުގެ ސަބަބުން މިސްރަށް ބޮޑު ގެއްލުމެއް ކުރިމަތިވި އެވެ.

ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅޭ މެޗު އެއްވަރުކޮށްލިޔަސް، މިސްރު ގުރޫޕްގެ ފުލުން ސަލާމަތްވާނެ އެވެ. އެއީ ލަނޑުގެ ތަފާތުން ސައުދީ އަރަބިއްޔާ އަށްވުރެ ކުރީގައި މިސްރު އޮތުމުންނެވެ.

މިސްރު:

މިއީ ވޯލްޑް ކަޕްގައި އޭޝިއާގެ ޤައުމަކާ ދެކޮޅަށް މިސްރު ކުޅޭ ފުރަަތަމަ މެޗު.

ވޯލްްޑް ކަޕްގައި މިހާތަނަށް ކުޅުނު ހަ މެޗުގެ ތެރެއިން އެންމެ މެޗަކުން ވެސް މިސްރަށް މޮޅެއް ނުލިބޭ.

ސައުދީ އަރަބިއްޔާ:

މި އަހަރުގެ ވޯލްޑް ކަޕްގައި ސައުދީ އަރަބިއްޔާ އަށް އަދި ލަނޑެއް ނުޖެހޭ.

ވޯލްޑް ކަޕްގައި އެންމެ ފަހުން ކުޅުނު 12 މެޗުން ވެސް ސައުދީ އަރަބިއްޔާ މޮޅެއް ނުވޭ.

އެނގޭތަ؟

ވޯލްޑް ކަޕްގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް ސައުދީ އަރަބިއްޔާ ބަލިވެފައިވަނީ ލަނޑެއް ކާމިޔާބު ނުކުރެވި އެވެ.