ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސް ޑިފެންޑަރު ރަފައެލް ވަރާން އިނގިރޭސި ކުލަބް މެންޗެސްޓާ ޔުނައިޓެޑަށް 42 މިލިއަން ޕައުންޑަށް ގެނައުމަށް ދެ ކުލަބުން އެއްބަސްވެއްޖެ އެވެ.

ރެއާލް އާއެކު ވަރާން ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ އަހަރުގެ ޖޫންއަށެވެ. އެހެންކަމުން ދެ ކުލަބުން މަޝްވަރާކުރީ ވަރާން އަށް ކުލަބު ބަދަލުކުރެވޭނެ ގޮތަކާއިމެދު އެވެ. މި އަގަށް ދެ ކުލަބުން އެއްބަސްވުމާއި އެކު ވަރަށް އަވަހަށް ޔުނައިޓެޑުގެ ކުޅުންތެރިއެއްގެ ގޮތުގައި ވަރާން ހާމަކުރާނެ އެވެ.

އުމުރުން 28 އަހަރުގެ ކުޅުންތެރިޔާ ވަނީ ދާދިފަހުން އާ ކުލަބަކަށް ބަދަލުވާން ބޭނުންވާކަމަށް ބުނެ އެ ކުލަބަށް އަންގާފައެވެ. އެއީ އެހެން ކުލަބެއްގައި އިތުރު ތަޖުރިބާކުރަން ބޭނުންވާތީއެވެ. މި ޓްރާންސްފަރގައި ރެއާލުން އޭނާ ދޫނުކޮށްފިނަމަ ހިލޭ ޓްރާންސްފަރއެއްގެ ދަށުން އޭނާ އެހެން ކުލަބަކަށް ބަދަލުވުމުގެ ފުރުސަތު އަންނަ ސީޒަނުން ފެށިގެން ލިބިގެންދާނެ އެވެ.

ރިޕޯޓުތައް ބުނާގޮތުން ކުރިޔަށްއޮތް ދެތިން ދުވަހެއްގެ ތެރޭގައި ޔުނައިޓެޑުގެ ކުޅުންތެރިއެއްގެ ގޮތުގައި ވަރާން ދައްކާލާނެއެވެ. އޭނާ ޔުނައިޓެޑަށް ބަދަލުވާއިރު މިއީ އެ ޓީމުގެ ޑިފެންސްލައިނަށް ލިބޭނެ ބޮޑު ބާރަކަށް ވާނެއެވެ. މިހާރު އެ ޓީމުގެ ފަހަތް ބެލެހެއްޓުމުގައި އެންމެ އިސް ދައުރެއް އަދާކުރަނީ ހެރީ މެގުއާ އެވެ.

އާ ސީޒަނަށް ޔުނައިޓެޑުން ބަނީ ގޯލްކީޕަރު ޓޮމް ހީޓަން އާއި ބޮރޫޝިއާ ޑޯޓްމަންޑްގެ ވިންގް ޖޭޑަން ސަންޗޯގެ ގެނެސްފައެވެ. ސަންޗޯ ޔުނައިޓެޑަށް ވިއްކާލީ 72 މިލިއަން ޕައުންޑަށެވެ.

ފްރާންސްއާއެކު ވޯލްޑްކަޕް ކާމިިޔާބުކުރި ޓީމުގަައި ހިމެނޭ ވަރާން ވަނީ ގައުމީ ޓީމަށް 79 މެޗު ކުޅެދީފައެވެ. އަދި އޭނާއަކީ ފްރާންސް ގައުމީ ޓީމުގައި މުހިއްމު ކުޅުންތެރިއެއްވެސް މެއެވެ.

ފްރާންސްގެ ލެންސްއިން ރެއާލް މެޑްރިޑަށް އޭނާ ގުޅުނީ 2011 ވަނަ އަހަރުއެވެ. ވަރާން ވަނީ ރެއާލަށް 360 މެޗު ކުޅެދީ 17 ލަނޑު ޖަހާދީފައެވެ. މީގެއިތުރުން އެ ކުލަބުގައި ގިނަ ކާމިޔާބީތަކެއް ވެސް ހޯދާފައިވެއެވެ. މީގެތެރޭގައި ހިމެނެނީ ޔުއެފާ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު އަދި ސްޕެނިޝް ލީގު ތިން ފަހަރެވެ.