އަންނަ އަހަރު ބާއްވާ އޭއެފްސީ ވިމެންސް އޭޝިއަން ކަޕުގެ ކޮލިފައިވާން ކުޅޭ މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން ގައުމީ އަންހެން ފުޓުބޯޅަ ޓީމު ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގައި ކޭމްޕްކުރަން ނިންމައިފިއެވެ.

ދާެދިފަހުން ގައުމީ އަންހެން ފުޓުބޯޅަ ޓީމު ވަނީ ބ. އޭދަފުށީގައި އެކުވެރިކަމުގެ މެޗެއް ކުޅެފައެވެ. އޭދަފުށިން ހޮވާލެވުނު އަންހެން ޓީމާ ދެކޮޅަށް ކުޅުނު އެ މެޗުން ގައުމީ އަންހެން ޓީމު މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ.

މިއީ ގައުމީ އަންހެން ޓީމުން އޭއެފްސީ ވިމެންސް އޭޝިއަން ކަޕުގެ ކޮލިފައިންގައި ވާދަކުރާ ތިންވަނަ ފަހަރެވެ. ރާއްޖެއިން އެންމެ ފަހުން ކޮލިފައިންގައި ވާދަކޮށްފަައިވަނީ 2010 ވަނަ އަހަރުގައެވެ. އަދި 2006 ގައި ވެސް ވަނީ ވާދަކޮށްފައެވެ. އެހެންކަމުން ރާއްޖެއިން އަނެއްކާވެސް ކޮލިފައިންގަައި މި ވާދަކުރަނީ 11 އަހަރަށްފަހު އެވެ.

ޔޫއޭއީ ގައި އަންހެން ފުޓުބޯޅަ ޓީމު ކޭމްޕުކުރަން ނިންމާފައިވާކަން ހާމަކޮށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ކޮލިފައިންއަށް ތައްޔާރުވުމަށް އަންނަ މަހު ގައުމީ އަންހެން ޓީމު ޔޫއޭއީގައި ކޭމްޕްކުރާނެ ކަމަށާއި ކޭމްޕުގެ ތެރެއިން ޔޫއޭއީގެ ގައުމީ އަންހެން ޓީމާ ދެކޮޅަށް ރާއްޖޭގެ ޓީމުން އެކުވެރިކަމުގެ ދެ މެޗެއް ކުޅޭނެ ކަމަށެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހު ތަޖިކިސްތާނުގައި ބާއްވާ ކޮލިފައިން މެޗުތަކުގެ ތެރެއިން ރާއްޖެ ވާދަކުރަންޖެހެނީ ގްރޫޕް ބީގައެވެ. މި ގްރޫޕުގައި ދެން ހިމެނެނީ އަފްގާނިސްތާނާއި ތަޖިކިސްތާން އަދި ވިއެޓްނާމް އެވެ.

އަންހެނުންގެ އޭޝިއަން ކަޕަށް ކޮލިފައިވާނީ ޖުމްލަ 12 ގައުމެކެވެ. މިހާތަނަށް މި މުބާރާތަށް ކޮލިފައިވެފައިވަނީ ހަތަރު ގައުމެކެވެ. އެއީ މުބާރާތް ބާއްވަން ނިންމާފައިވާ އިންޑިއާ އާއި، އޮސްޓްރޭލިއާ އާއި، ޖަޕާން އަދި ޗައިނާ އެވެ.

ގައުމީ އަންހެން ފުޓުބޯޅަ ޓީމުގެ ވަގުތީ ކޯޗެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އަޙްމަދު ޝަރީފް (ޑުންގާ) އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަދް

    އޭދަފުށީ ކޮލަށް 3 ޖެހުނު ބަޔަކު ކިތަންމެ ބޮޑު ކޭމްޕެއް ކުރިޔެސް ލިބޭނެ ކުރިއެރުމެއް ނެތް .. ކުރާނީ އެހެން ކަމެއް

  2. ބޭކާރު

    ދައުލަތުގެ ބަޖެޓުން މި މީހުންނަށް މިކުރަމުންދާ ބޭކާރު ޚަރަދު ހުއްޓާލަން ގޮވާލަން.