އަންނަ މަހުގެ ތެރޭގައި މާލޭގައި ކުޅުމަށް ހަމަޖެހިފައިވާ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވާން ކުޅޭ ޕްލޭއޮފް މެޗުގައި ވާދަކުރާ ރާއްޖޭގެ ކުލަބް އީގަލްސްއަށް ގައުމީ ކެޕްޓަން އަކްރަމް އަބްދުލްޢަނީ އާއި ގައުމީ ކީޕަރު ފައިސަލް ގުޅިއްޖެ އެވެ.

އޭއެފްސީ ކަޕުގެ ގްރޫޕްސްޓޭޖުގެ މެޗުތަކާއި ޕްލޭއޮފް މެޗުތައް މާލޭގައި ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އޯގަސްޓް މަހުގެ ތެރޭގައެވެ. މިހާތަނަށް އައި އިރު ރާއްޖޭގެ ނަން މަޝްހޫރު ހަތް ކުޅުންތެރިއަކު ކުލަބު އީގަލްސްއާއި ވަނީ ގުޅިފައެވެ.

މި ދެ ކުޅުންތެރިންގެ އިތުރުން އީގަލްސްއާއި ދެން ގުޅުނު ކުޅުންތެރިންނަކީ ރާއްޖޭގެ އެއްވަނަ ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) އާއި، ތަޖުރިބާކާރު ފޯވާޑް އަލީ ފާސިރު (ސެންޓޭ) އަދި ހުނަރުވެރި ދެ މިޑްފީލްޑަރުން ކަމަށްވާ މުޙައްމަދު އާރިފް (ބަކާ) އާއި އިސްމާޢީލް އީސަ (މެސީ) އެވެ.

މި ކުޅުންތެރިންނާއި އެކު ކުލަބް އީގަލްސް އިން ވަނީ ބުދަދުވަހު އެ ޓީމުގެ ފަރިތަކުރުންތައް ބާއްވާފައެވެ. އެ ކުލަބުން މީގެކުރިން ވެސް ވަނީ ބޮޑު ބަދަލެއް ގެންނާނެކަމުގެ އިޝާރާތެއް މީޑިއާތަކަށް ދީފައެވެ.

މުބާރާތުގެ ޕްލޭއޮފް މެޗު ކުޅޭނީ އަންނަ އޯގަސްޓް މަހުގެ 15 ގައެވެ. މި މެޗުގައި ބައްދަލުކުރާނީ އިންޑިއާގެ ބެންގަލޫރު އެފްސީ އާއި ރާއްޖޭގެ ކުލަބް އީގަލްސް އެވެ. ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅޭނީ އަންނަ މަހުގެ 18، 21 އަދި 24 ވަނަ ދުވަހުއެވެ.

ގްރޫޕް ސްޓޭޖުގައި ހިމެނޭ ޓީމުތަކަކީ މާޒިޔާގެ އިތުރުން އިންޑިއާގެ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސްއެވެ. ދެން މި ގްރޫޕުގައި ހިމެނޭނީ ޕްލޭއޮފް މެޗުން މޮޅުވާ ޓީމެކެވެ.