ބާސެލޯނާގެ ފޯވާޑްލައިނުގައި ހިމެނޭ ލިއޮނަލް މެސީ އާއި އާ ސީޒަނަށް އެ ޓީމާއި ގުޅުނު ސާޖިއޯ އަގުއެރޯގެ ކުޅުމާއި ގުޅޭނެ ކަމަށާއި ރަނގަޅު ކޮމްބިނޭޝަނެއް ފެނިގެންދާނެ ކަމަށް އެ ކުލަބާއި އަލަށް ގުޅުނު މެމްފިސް ޑިޕާއި ބުނެފިއެވެ.

ނެދަލޭންޑްސް ގައުމީ ޓީމުގެ ކުޅުންތެރިޔާ މި ސީޒަނުގައި ބާސެލޯނާއަށް ގުޅުނީ ހިލޭ ޓްރާންސްފާއެއްގެ ދަށުން ލިޔޯން އިންނެވެ. އޭނާ ބާސާއަށް ސޮއިކުރީ އަގުއެރޯ ސޮއިކުރިތާ މާގިނަދުވަހެއް ނުވެއެވެ.

މިހާތަނަށް އައި އިރު ބާސެލޯނާ އާއި މެސީއާއި އެއްބަސްވުމެއްގައި ސޮއިނުކުރާއިރު، ބެލެވޭގޮތުގައި ކުރިޔަށްއޮތް ހަފްތާގެ ތެރޭގައި މެސީ އާ އެއްބަސްވުމުގައި ސޮއިކުރާނެކަމަށް ރިޕޯޓުތައް ބުނެއެވެ.

ބާސެލޯނާގެ ފޯވާޑް ލައިނަށް އަލަށް އައި ދެ ކުޅުންތެރިންނާއި އެކު މިހާރު ގިނަބަޔަކު އުފައްދާ އެއް ސުވާލަކީ މެސީއާއި އެކު މި ދެ ކުޅުންތެރިންގެ ކުޅުން ރަނގަޅުވާނެތޯ އެވެ. މި ސުވާލަށް ޖަވާބުދެމުން ޑިޕާއި ބުނީ މެސީއާއި އަގުއެރޯ ކުޅޭ ވައްޓަފާޅި އަކީ އޭނާވެސް ކުޅޭ ގޮތް ކަމަށާއި އެހެންކަމުން ތަފާތުތަކެއް ފެނިގެންނުދާނެ ކަމަށެވެ.

"މެސީއަކީ ވަރަށް މުހިއްމު ކުޅުންތެރިއެއް، އޭނަ ހުންނަ ނަމަ އެއީ ވަރަށް ބޮޑު އިތުބާރެއް އެހެން ކުޅުންތެރިންނަށް ވެސް، އަހަންނަށްވެސް ލަނޑުޖަހަން ވަރަށް ފަސޭހަވާނެ މެސީ ހުރެއްޖެ ނަމަ، ހަމަ އެގޮތަށް އަގުއެރޯ އަކީވެސް ތަފާތު ކުޅުންތެރިއެއް، އަހަންނާ ދާާދި އެއްގޮތަކަށް ކުޅޭ ކުޅުންތެރިއެއް އަގުއެރޯ އަކީ" ޑިޕާއި ބުންޏެވެ.

އުމުރުން 27 އަހަރުގެ ފޯވާޑް ބާސެލޯނާއަށް ގެނައީ އެ ކުލަބުގެ ކޯޗު ރޮނަލްޑް ކޫމަން އެވެ. އޭނާއަކީ ނެދަލޭންޑްސް ގައުމީ ޓީމުގައި ކޫމަން އިރުޝާދުދިން ކުޅުންތެރިއެކެވެ.