ޔުވެންޓަސްގައި ކުޅޭ ކުޅުންތެރިންގެ ތެރެއިން ކްރިސްޓިއާނޯ ރޮނާލްޑޯއަކީ ފޯވާޑެއް ކަމުގައިވި ނަމަވެސް އޭނާގެ ޒިންމާއަކީ ހަމައެކަނި ލަނޑު ޖެހުމެއްނޫން ކަމަށް އެކުލަބުގެ އާ ކޯޗު މަސިމޯ އެލެގްރީ ބުނެފިއެވެ

އެލެގްރީ ޔުވެންޓަސްއާއި މި ހަވާލުވީ ދެ އަހަރަށްފަހު އެވެ. ހަވާލުވިއިރު އޭނާއަށް އޮތް ބޮޑު އިތުބާރަކީ މިހާރު އޮތް ސްކޮޑެވެ. މި ސްކޮޑުގައި ހިމެނޭ ކުޅުންތެރިންނަކީ އެލެގްރީ ހިތްހަމަޖެހޭ ކުޅުންތެރިން ކަމަށް އޭނާ ބުންޏެވެ.

މަގާމާއި ހަވާލުވުމަށްފަހު ނޫސްވެރިންގެ ބައްދަލުވުމުގައި އެންމެ ގިނަ ސުވާލުތައް އަމާޒުވީ ރޮނާލްޑޯއާއި ގުޅޭގޮތުންނެވެ. މި ސުވާލުތަކަށް ޖަވާބުދެމުން އެލެގްރީ ދިނީ އެއް ޖަވާބެކެވެ.

"ރޮނާލްޑޯ އެބަޖެހޭ ކުރިޔަށްވުރެ ބޮޑަށް ޒިންމާދާރުވާން، އޭނާގެ ޒިންމާ ކުރިޔަށްވުރެ ބޮޑުވާނެ މީގެފަހުން، ހަމައެކަނި ލަނޑެއް ނޫން އޭނާ ޖަހަންވީ، ދަނޑުމަތީގައި އޭނާ އެބަޖެހޭ ނަމޫނާވެސް ދައްކަން، އަލަށް އަރާ ކުޅުންތެރިން ކުރިއަރުވަން މަސައްކަތްކުރަން ޖެހޭ، އެއީ ލީޑަރެއްގަ ހުންނަން ޖެހޭނެ ސިފަތަކަކީ" އެލެގްރީ ބުންޏެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ރޮނާލްޑޯ ދަނީ ޔުވެންޓަސް ދޫކޮށްލުމުގެ މަޝްވަރާތައް ކުރަމުންނެވެ. މި ވާހަކަތަކަކީ ސައްހަ ވާހަކަތަކެއްތޯ މި ނޫސްވެރިންގ ބައްދަލުވުމުގައި ސުވާލުކުރުމުން އެލެގްރީ ބުނީ ޓީމުގެ ހުރިހާ ކުޅުންތެރިންނާއި ވަކިވަކިން ވާހަކަދެެއްކި ކަމަށާއި ރޮނާލްޑޯ ހުރީ ކުލަބުގައި ހިތްހަމަޖެހިގެން ކަމަށެވެ. އަދި އެކުގައި މަސައްކަތްކުރަން ފުރުސަތު ލިބުމުން ހިތްހަމަޖެހޭ ވާހަކަ ބުނިކަމަށްވެސް އެލެގްރީ ބުންޏެވެ.

ޔުވެންޓަސްގެ ކޯޗުކަމުގައި މީގެ ދެ އަހަރުކުރިން މަސައްކަތްކުރި އެލެގްރީ އެންމެފަހުން އެ ކުލަބުގެ ކޯޗުކަމުގައި އުޅުނު އަހަރު ވަނީ އިޓާލިއަން ލީގާއި ކޮޕާ އިޓާލިއާ ކާމިޔާބުކޮށްފައެވެ. މީގެއިތުރުން ޓީމުގެ ތެރޭގައި ރަނގަޅު ރޫހެއް އުފައްދާފައިވެއެވެ. ނަމަވެސް ފަހުން މަގާމު ގެއްލުނީއެވެ. އެއަށްފަހު 2019 ގައި އެ ކުލަބުގެ ކޯޗުކަމާއި ހަވާލުވީ ސާރީ އެވެ.