0-3 އިން ރަޝިޔާ ބަލިކޮށް ގްރޫޕް އޭގެ އެއްވަނަ މަގާމު އުރުގުއޭ އިން ހޯދައިފިއެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުން މޮޅުވެ ގްރޫޕް އޭގެ އެއްވަނަ އުރުގުއޭ އަށް ލިބުނީ ކުޅުނު ތިން މެޗުން ލިބުނު ނުވަ ޕޮއިންޓާއެކުއެވެ. މި ގްރޫޕްގެ ދެވަނަ ހޯދި ރަޝިޔާ އަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ. ތިން ޕޮއިންޓާއެކު ސައުދީ އަރަބިއްޔާ ގްރޫޕްގެ ތިންވަނަ ހޯދިއިރު މި ގްރޫޕްގައި ހިމެނޭ މިސްރުން މުބާރާތް ނިންމާލީ ޕޮއިންޓެއް ނުލިބިއެވެ.

އުރުގުއޭގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ 10 ވަނަ މިނެޓްގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. ރަޝިޔާގެ ޕެނަލްޓީއޭރިއާގެ ކައިރިން ލިބުނު ހިލޭޖެހުމަކުން މި ގޯލު އުރުގުއޭ އަށް ކާމިޔާބުކޮށްދިނީ ލުއިސް ސުއަރޭޒްއެވެ. މިއީ ސުއަރޭޒް މި މުބާރާތުގައި ކާމިޔާބުކުރި ދެވަނަ ގޯލެވެ.

ގޯލަށްފަހު ސުއަރޭޒް އުފާފާޅުކުރަނީ - ފޮޓޯ: އޭއެފްޕީ

މުބާރާތުގައި ކުޅުނު ފުރަތަމަ ދެ މެޗުގައި ރަޝިޔާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް މިރޭގެ މެޗުގައި އެޓީމަށް ވަނީ އެ ކުޅުން ތަކުރާރުވާ ގޮތް ނުވެފައެވެ. އެގޮތުން މުޅި މެޗުގައި ރަޝިޔާ އަށް އުރުގުއޭގެ ގޯލާއި އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ.

މި މެޗުގައި އުރުގުއޭ އިން ކާމިޔާބުކުރި ދެވަނަ ގޯލު މެޗުގެ 23 ވަނަ މިނެޓްގައި ކާމިޔާބުކުރިއިރު މި ގޯލަކީ ރަޝިޔާގެ ޗެރިޝޭވް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

ގޯލްޖަހާނެ އިތުރު ފުރުސަތުތަކެއް ފުރަތަމަ ހާފް ނިމުމުގެ ކުރިން އުރުގުއޭ އިން ތަނަވަސްކުރިއިރު ރަޝިޔާ އަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ މެޗުގެ 36 ވަނަ މިނެޓްގައި އިގޯ ސްމޮލިނިކޯވް އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދެއްކުމުންނެވެ. އޭނާ އަށް ދެވަނަ ރީނދޫ ކާޑެއް ދެއްކީ އުރުގުއޭގެ ކުޅުންތެރިއަކަށް ކުރި ފައުލަކާ ގުޅިގެންނެވެ.

އުރުގުއޭ އާއި ރަޝިޔާ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އޭއެފްޕީ

10 ކުޅުންތެރިންނާއެކު މެޗުގެ ބާކީބައި ރަޝިޔާ އިން ފުރިހަމަ ކުރަން ޖެހުނުއިރު ދެވަނަ ހާފްގައި ވެސް އުރުގުއޭ އިން ދިޔައީ ގޯލްޖަހާނެ އިތުރު ފުރުސަތުތަކެއް ތަނަވަސްކުރަމުންނެވެ. ނަމަވެސް އުރުގުއޭ ފޮނުވާލި ގިނަ ހަ،މަލާތަކުގެ ހުރަހަކަށްވީ ރަޝިޔާގެ ކީޕަރު އަކިންފީވްއެވެ.

އުރުގުއޭ އިން މި މެޗުގައި ކާމިޔާބުކުރި ތިންވަނަ ގޯލު މެޗުގެ ފަހުވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް އެޑިންސަން ކަވާނީއެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ އުރުގުއޭގެ ކުޅުންތެރިއަކު ފޮނުވާލި ހަމަލާއެއް ރަޝިޔާގެ ކީޕަރު ދިފާއުކުރުމުން ބޭރަށް ބޯޅަ ބޭރަށް ނިކުތް ވަގުތުގައެވެ. މިއީ ކަވާނީ މި މުބާރާތުގައި ކާމިޔާބުކުރި ފުރަތަމަ ގޯލެވެ.

މި މޮޅާއެކު ގްރޫޕްގެ އެއްވަނަ އުރުގުއޭ އިން ހޯދިއިރު މިއީ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ އެއްވަނަ އެޓީމުން ހޯދި ފަސްވަނަ ފަހަރެވެ. އަނެއްކޮޅުން ރަޝިޔާ ވެގެން ގޮސްފައިވަނީ 1982 ވަނަ އަހަރަށްފަހު މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން ގްރޫޕްގެ އެއްވަނަ ނުލިބުނު ޔޫރަޕްގެ ފުރަތަމަ ޓީމަށެވެ.

މުބާރާތުގެ ދެވަނަ ބުރުގައި އުރުގުއޭ ބައްދަލުކުރާނީ ގްރޫޕް ބީ އިން ދެވަނައަށްދާ ޓީމަކާއެވެ. އަދި ރަޝިޔާ ބައްދަލުކުރާނީ ގްރޫޕް ބީ އިން އެއްވަނައަށްދާ ޓީމަކާއެވެ.