ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މިސްރާއި ބައްދަލުކުރި މެޗު 2-1 އިން ސައުދީ އަރަބިއްޔާ އިން ކާމިޔާބުކޮށްފިއެވެ.

މިއީ 1994 ވަނަ އަހަރަށްފަހު ސައުދީ އިން ވޯލްޑް ކަޕްގައި ހޯދި ފުރަތަމަ މޮޅެވެ.

މިއަދުގެ މެޗަށް ނިކުތްއިރު ވެސް ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު ސައުދީ އަށް ގެއްލިފައި އޮތްއިރު މި މޮޅާއެކު އެޓީމުން މުބާރާތް ނިންމާލީ ތިން ޕޮއިންޓާއެކު ގްރޫޕް އޭގެ ތިންވަނަ މަގާމާއެކުއެވެ. މިރޭގެ މެޗުން ބަލިވި މިސްރު މުބާރާތް ނިންމާލަން ޖެހުނީ ޕޮއިންޓެއް ނުލިބިއެވެ. މި ގްރޫޕުން ދެވަނަ ބުރަށް ދަތުރުކުރީ އުރުގުއޭ އާއި ރަޝިޔާއެވެ.

ގޯލަށްފަހު ސަލާހު އުފާފާޅުކުރަނީ - ފޮޓޯ: އޭއެފްޕީ

ސައުދީން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މި މެޗުގައި ކުޅުނުއިރު މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ މިސްރުންނެވެ. މި ގޯލު މެޗުގެ 22 ވަނަ މިނެޓްގައި މިސްރަށް ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހުއެވެ. މި ގޯލު ކާމިޔާބުކުރިތާ މާގިނަ އިރުތަކެއް ނުވަނީސް މިސްރުގެ ލީޑު ފުޅާކޮށްލަން ވެސް ސަލާހު އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ވަނީ ގޯލާއި އަމާޒުވާ ގޮތް ނުވެފައެވެ.

ނަތީޖާ އެއްވަރުކޮށްލަން 41 ވަނަ މިނެޓްގައި ސައުދީ އަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް ފަހަދް އަލް މުވައްލަދު ފޮނުވާލި އެ ޕެނަލްޓީ މިސްރުގެ ތަޖުރިބާކާރު ގޯލްކީޕަރު އެސާމް އަލް ހަދަރީ ވަނީ މަތަކޮށްފައެވެ. މި ޕެނަލްޓީ ސައުދީ އަށް ކާމިޔާބު ނުކުރެވުނުއިރު ފުރަތަމަ ހާފްގެ ފަހުވަގުތުކޮޅުގައި ވެސް އެޓީމަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ.

އެގޮތުން މި ޕެނަލްޓީ ކާމިޔާބުކޮށް ސަލްމާން އަލް ފަރާޖް ވަނީ ސައުދީ އަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ. ސައުދީ އަށް މި ޕެނަލްޓީ ލިބުނީ މިސްރުގެ ކުޅުންތެރިއަކު ޕެނަލްޓީއޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެންނެވެ.

ސަލްމާން ސައުދީ އަށް ޕެނަލްޓީ ކާމިޔާބުކޮށްދެނީ - ފޮޓޯ: އޭއެފްޕީ

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގައި ގޯލްޖަހާނެ މާ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމުންކުރެ ޓީމަކަށް ވަނީ ތަނަވަސްކުރެވޭ ގޮތް ނުވެފައެވެ. މި މެޗުން ސައުދީ މޮޅުވި ގޯލު މެޗުގެ އެންމެފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ ސަލީމް އަލް ދައުސަރީއެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ މިސްރުގެ ޕެނަލްޓީއޭރިއާގެ ތެރޭ ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

މިއީ 24 އަހަރަށްފަހު ސައުދީން ވޯލްޑް ކަޕްގައި ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު ވޯލްޑް ކަޕެއްގައި އެޓީމުން އެންމެފަހުން މޮޅުވެފައިވަނީ ބެލްޖިއަމް އަތުންނެވެ. 1994 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކުޅުނު އެ މެޗުން ސައުދީ މޮޅުވީ 0-1 އިންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހުމަދު

    އަދިވެސް ސޮލާ ސޮލާ ގޮވާ.......