ޓޯކިއޯ އޮލިމްޕިކްސް 2020 ގެ ޓެނިހުގެ މެންސް ސިންގަލްސްގެ ބްރޮންޒް މެޑަލް މެޗުގައި ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ސާބިއާގެ ނޮވަކް ޖޮކޮވިޗް ބަލިވުމުން އެ ރުޅިގަނޑުން އޭނާގެ ރެކެޓު ހަލާކުކޮށްލައިފި އެވެ.

ހުކުރުދުވަހު ކުޅުނު ބްރޮންޒް މެޑަލް މެޗުން ޖޮކޮވިޗް ބަލިވީ ދުނިޔޭގެ ރޭންކިންގެ ގަދަ 15 ގެ ތެރޭގައި ހިމެނޭ ސްޕެއިންގެ ޕަބްލޯ ކަރޭނޯ އާއި ވާދަކޮށް 2-1 ސެޓުންނެވެ. މެޗުގެ ސެޓުތައް އޭނާ ގެންދިޔައީ 6-4، 7-6 އަދި 6-3 އިންނެވެ. މިފަހަރުގެ އޮލިމްޕިކްސްގެ މިކްސް ޑަބަލްސް އިވެންޓުން ވެސް އޭނާ ކެޓީ ބްރޮންޒް މެޑަލް މެޗުންނެވެ.

އޭގެކުރިން ޖޮކޮވިޗް ވަނީ ސެމީފައިނަލުގައ ދުނިޔޭގެ ތިންވަނަ ކުޅުންތެރިޔާ ޖަރުމަނުގެ އަލެކްސެންޑަރ ޒަވަރެވް އަތުން ބަލިވެފައެވެ.

ބްރޮންޒް މެޑަލް މެޗުން ބަލިވި މެޗުގައި ޖޮކޮވިޗް ވަނީ ދެ ރެކެޓު ހަލާކުކޮށްލާފަައެވެ. ގޯލްޑަން ސްލޭމް އަށް ޓާގެޓުކޮށްގެން މުބާރާތުގައި ވާދަކުރި ކުޅުންތެރިޔާ އަށް މިފަހަރުގެ އޮލިމްޕިކްސް ނިމުނުއިރު މިއީ އޭނާއަށް ވަރަށް ހިތްދަތި ނަތީޖާއެކެވެ.

އުމުރުން 34 އަހަރުގެ ކުޅުންތެރިިޔާއަށް އޮލިމްޕިކްސްގައި ހަމައެކަނި މެޑަލްއެއް ލިބުނީ 2008 ވަނަ އަހަރު ބެއިޖިންގައި ބޭއްވި އޮލިމްޕިކްސް ގައެވެ. މި އޮލިމްޕިކްސްގައި އޭނާ އަޒުމު ކަނޑައެޅީ ރަން މެޑަލް ހޯދުމަަށެވެ.

ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާގެ މި އަމަލުން ސިފަވަނީ އޭނާ ބޭނުންވާ ވަރަށް ނުކުޅެވުން ކަމަށް ތަޖުރިބާކާރުން ބުނެއެވެ. މިފަހަރުގެ އޮލިމްޕިކްސްގައި ޖޮކޮވިޗްގެ ފަރާތުން ފެނިގެންދަނީ އޭނާގެ އަސްލު ކުޅުމާއި އަޅާބަލާއިރު ދަށް ކުޅުމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.