ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕް ބާއްވަން ރާއްޖެއިން ބިޑުކޮށްފިއެވެ.

ރާއްޖެއިން ރަސްމީކޮށް ބިޑުކުރިކަން ހާމަކޮށްދެއްވީ ފުުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރެއްވި ޓްވީޓެއްގައެވެ.

މި ޓްވީޓުގައި ބައްސާމް ވިދާޅުވީ ރާއްޖެއިން 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ބިޑުކޮށްފައިވާ ކަމަށާއި ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތްތަކާއި މެޗުތައް ބޭއްވުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ދެއްވާ އެއްބާރުލުމާއި ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފުގެ މަސައްކަތްފުޅަށް ޝުކުރުއަދާކުރައްވާފަ އެވެ.

މި މުބާރާތް މިއަހަރު ބާއްވަން ފުރަތަަމަ އޮތީ ބަންގްލަދޭޝްގައެވެ. އެންމެ ފުރަތަމަ މި މުބާރާތް ބާއްވަން މަސައްކަތްކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ 19 އިން 30 އަށެވެ. އޭގެފަހުން ކޮވިޑުގެ ހާލަތު ގޯސްވުމުން މުބާރާތް މިއަހަރަށް ފަސްކުރީ އެވެ.

ނަމަވެސް ދިމާވަމުންދިޔަ އެކި ގޮންޖެހުންތަކާއި ގުޅިިގެން ބަންގްލަދޭޝްގައި މުބާރާތް ބޭއްވޭގޮތެއް ނުވިއެވެ. އެއީ ކޮވިޑުގެ ހާލަތު އޮތް ގޮތުން އެގައުމުގެ ސަރުކާރުން އެކަމަށް ފުރިހަމަ އެއްބާރުލުން ނުލިބުމުންނެވެ. އަދި މިހާތަނަށް މުބާރާތް ސްޕޮންސަރ ކުރާނެ ބައެއްވެސް ނެތެވެ.

ރާއްޖެއަށް 2018 ގައި ލިބުނު ކާމިޔާބީއާއިއެކު ކުޅުންތެރިންނާއި ދިވެހި ޓީމް އުފާ ފާޅުކުރުން - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެހެންކަމުން މި މަހުގެ ތެރޭގައި މުބާރާތާއި ގުޅޭ ފަހުގެ ނިންމުން ނިންމާނެ ކަމަށް ސާފްގެ ޖެނެރަލް ސެކްރެޓަރީ އަންވާރުލް ހައްގު މީގެކުރިން ވިދާޅުވެފައިވެއެވެ. އެއާއެކު ހުޅުވާލީ ބިޑުކުރުމަށެވެ.

މީގެކުރިން އެފްއޭއެމްގެ ރައީސް ބައްސާމް ވަނީ ރާއްޖެއާއި ލަންކާ ގުޅިގެން މި މުބާރާތް ބާއްވަން ބިޑުކުރުމުގެ މަޝްވަރާތަކެއް ކޮށްފައިވާކަން ހާމަކޮށްފައެވެ. އެގޮތުން ލަންކާއިން ތިބީ އެގޮތަށް ކަމަށާއި ފައިނަލް ނިންމުމެއް ނިންމާނީ ދިވެހި ސަރުކާރާއި މަޝްވަރާކުރުމަށްފަހު ކަމަށް މީގެކުރިން ވިދާޅުވެފައިވެއެވެ.

ރާއްޖެއާއި ބިޑުކުރި އިރު ނޭޕާލް އިންވެސް ވަނީ މުބާރާތް ބާއްވަން ބިޑުކޮށްފައެވެ.

މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް ބާއްވަން މަސައްކަތްކުރަނީ ލީގު އުސޫލުންނެވެ. އެއީ މިފަހަރު ސާފް ޗެމްޕިއަންޝިޕް ކުޅޭނީ ފަސް ގައުމާއެކު ކަމަށް ވާތީއެވެ. އެއީ ކޮވިޑާއި ގުޅިގެން ބޫޓާނަށް ގައުމުން ބޭރަށް ނުދެވޭތީ އާއި ފީފާއިން ޕާކިސްތާން ސަސްޕެންޑުކޮށްފައި ވުމުންނެވެ.

މި މުބާރާތުގެ އެންމެ ފަހުގެ ޑިފެންޑިން ޗެމްޕިއަނަކީ ރާއްޖެ އެވެ. 2018 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި މުބާރާތުގެ ތަށި ރާއްޖެއިން ހޯދީ ފައިނަލުގައި އިންޑިއާ ބަލިކޮށްގެންނެވެ.