ޓީސީ ސްޕޯޓްސް ކުލަބުގެ ކެޕްޓަންކަން ކުރަމުން އަންނަ މުހައްމަދު އައްޒާމް އުމުރުން 31 އަހަރުގައި ފުޓުބޯޅަ ކުޅެން ހުއްޓާލަން ނިންމާ ރިޓަޔާވެއްޖެ އެވެ.

އައްޒާމް ރިޓަޔާކުރިކަން ހާމަކޮށްފައިވަނީ ނ. ކެނދިކުޅުދޫގައި މިނިވަން ދުވަހަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ފުޓްސަލް މުބާރާތް ނިމުމުގެ ރަސްމިއްޔާތުގެ ތެރެއިންނެވެ.

މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި އައްޒާމް ވާހަކަދައްކަމުން ބުނެފައިވަނީ ޝުކުރު އަދާކުރަން ޖެހޭ ލިސްޓް ވަރަށް ބޮޑު ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ކެނދިކުޅުދޫ ރައްޔިތުންނާއި ސަޕޯޓަރުންނަށް ޝުކުރުއަދާކުރަން ބޭނުންވާ ކަމަށާއި ހާއްސަކޮށް އޭނާގެ އާއިލާއަށް، އެގޮތުން މަންމަ އާއި ބައްޕައަށް ޚާއްސަ ޝުކުރެއް އަދާކުރަން ބޭނުންވާ ކަމަށް ބުންޏެވެ.

އައްޒާމް ކުޅުން ހުއްޓާލިިއިރު އޭނާ ވަނީ ފުޓުބޯޅައިން ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. ބައިނަލްއަޤްވާމީ، ގައުމީ އަދި ރަށު ފެންވަރާއި އަތޮޅު ފެންވަރުގެ މުބާރާތްތައް އޭނާ ކާމިޔާބުކޮށްފައިވެއެވެ.

ބީޖީ ސްޕޯޓްސް ކުލަބުން ކެރިއަރު ފެށި އައްޒާމް ވަނީ 2012 އިިން ފެށިގެން 2014 ގެ ނިޔަލަށް އެ ކުލަބަށް ކުޅެފައެވެ. އޭގެފަހުން އޭނާ 2015 ގައި ބަދަލުވީ ޓީސީއަށެވެ. އެ ކުލަބުގައި އޭނާ މޮޅު ކުޅުމެއް ކުޅެފައިވެއެވެ. އެންމެ ބޮޑު ކާމިޔާބީއަކީ 2017 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކުލަބު ކަޕްގެ ޗެމްޕިއަންކަން ހޯދުމެވެ. މިއީ ގައުމުން ބޭރުގައި ބޭއްވި ކުލަބް މުބާރާތްތަކުން ރާއްޖޭގެ ކުލަބަކުން ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.

އޭގެ ޖެހިގެން އައި އަހަރު އައްޒާމް ވަނީ ޓީސީއާއެކު ދިވެހި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ހޯދާފައެވެ. މިއީ އެ ކުލަބުގެ ތާޜީހުގައި ލިބުނު ފުރަތަމަ ލީގު ތައްޓެވެ. އަދި އެ ކުލަބުގެ ތާރީހުގައި އޭއެފްސީ ކަޕުގައި ވާދަކުރި ފުރަތަމަ ފަހަރުވެސް އައްޒާމް ސްކޮޑުގައި ހިމެނުނެވެ.

އައްޒާމު ވަނީ ގައުމީ ފުޓުބޯޅަ ޓީމަށްވެސް ކުޅެފައެވެ. 2017 ގައި ގައުމީ ސްކޮޑުން ޖާގަ ހޯދައި އޭޝިއަން ކަޕް ކޮލިފައިންގައި ފަލަސްތީނާއި ދެކޮޅަށް ކުޅުނު މެޗަށް އެކުލަވާލި ސްކޮޑުން އޭނާއަށް ފުރުސަތު ލިބުނެވެ. ނަމަވެސް ކުޅުމުގެ ފުރުސަތެއް ނުލިބުނެވެ. ނަމަވެސް އޭގެފަހުން އޮމާން އާއި ދެކޮޅަށް ކުޅުނު މެޗުން ފުރުސަތު ލިބުނެވެ. އޭނާ ކުޅެން އެރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.