އީރާން އާއި 1-1 އިން އެއްވަރުކޮށް މުބާރާތުގެ ދެވަނަ ބުރަށް ޕޯޗުގަލް ދަތުރުކޮށްފިއެވެ.

މިރޭގެ މެޗު އެއްވަރުވުމުން ޕޯޗުގަލް ގްރޫޕް ސްޓޭޖު ނިންމާލީ ފަސް ޕޮއިންޓާއެކު ދެވަނައިގައި އޮވެއެވެ. މި ގްރޫޕްގެ އެއްވަނަ ހޯދި ސްޕެއިން އަށް ވެސް ހަމަ މި އަދަދަށް ޕޮއިންޓު ލިބިފައިވާއިރު އެޓީމަށް ގްރޫޕްގެ އެއްވަނަ ލިބުނީ ގޯލުގެ ތަފާތުންނެވެ. ގްރޫޕްގެ ތިންވަނަ ހަތަރު ޕޮއިންޓާއެކު އީރާން އަށް ލިބުނުއިރު ގްރޫޕްގެ ފުލަށްދިޔަ މޮރޮކޯ އަށް ލިބުނީ އެންމެ ޕޮއިންޓެކެވެ.

ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފްގައި މާގިނަ ފުރުސަތުތަކެއް ދެ ޓީމަށް ތަނަވަސްނުކުރެވުނު ނަމަވެސް އެ ހާފްގެ ފަހު މިނެޓްގައި ޕޯޗުގަލް އިން ވަނީ ލީޑު ނަގާފައެވެ. މި ގޯލު ޕޯޗުގަލް އަށް ކާމިޔާބުކޮށްދިނީ ރިކާޑޯ ކުއެރެސްމާ ކަމަށްވާއިރު އޭނާ މި ގޯލު ކާމިޔާބުކުރީ އީރާންގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

ގޯލަށްފަހު ކުއަރެސްމާ އުފާފާޅުކުރަނީ - ފޮޓޯ: އޭއެފްޕީ

ޕޯޗުގަލް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގެ ކުރީކޮޅު އެޓީމަށް ވަނީ ލީޑު ފުޅާކޮށްލަން ޕެނަލްޓީއެއް ލިބިފައެވެ. މި ޕެނަލްޓީ ލިބުނީ އީރާންގެ ކުޅުންތެރިއަކު ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ކުރި ފައުލަކާއި ގުޅިގެން ކަމަށްވާއިރު ރޮނާލްޑޯ ފޮނުވާލި އެ ޕެނަލްޓީ އީރާންގެ ކީޕަރު ސައީދު އިއްޒަތުއްﷲ ވަނީ މަތަކޮށްފައެވެ.

އެހެން މެޗުތަކެކޭ އެއްގޮތަށް މިރޭގެ މެޗުގައި ވެސް އީރާންގެ ފަރާތުން ޑިފެންސިވް ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ލިބުނު ޕެނަލްޓީ އަކުން އެޓީމުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ޕެނަލްޓީ އީރާން އަށް ލިބުނީ ޕޯޯޗުގަލްގެ ޕެނަލްޓީއޭރިއާ ތެރެއިން އެޓީމުގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން ކަމަށްވާއިރު މި ޕެނަލްޓީ އީރާނަށް ކާމިޔާބުކޮށްދިނީ ކަރީމް އަންސަރިފާދްއެވެ.

މި ގޯލާއެކު ޕޯޗުގަލް ކަޓުވާލުމަށްފަހު ދެވަނަ ބުރަށް ދިޔުމަށް އީރާން އަށް ދެން ބޭނުންވެފައި އޮތީ އެންމެ ގޯލެކެވެ. އެގޮތުން އެ ގޯލު ކާމިޔާބުކުރުމަށް މެޗުގެ ފަހު މިނެޓްގައި އީރާންގެ މެހްދީ ތަރީމީ އަށް ވަނީ ރަނުގެ ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް ޕޯޗުގަލްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ އޭނާ ފޮނުވާލި އެ ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

އީރާނުގެ ޕެނަލްޓީ ކަރީމް އަންސާރީ ކާމިޔާބުކޮށްދެނީ - ފޮޓޯ: އޭއެފްޕީ

މި މެޗު އެއްވަރުކޮށް ޕޯޗުގަލް ދެވަނަ ބުރަށް ދަތުރުކުރިއިރު، ދެވަނަ ބުރުގައި އެޓީމު ބައްދަލުކުރާނީ ގްރޫޕް އޭގެ އެއްވަނަ ހޯދި އުރުގުއޭއާއެވެ. އެ މެޗު އޮންނާނީ މި މަހުގެ 30 ވަނަ ދުވަހުއެވެ.

މިއީ މުބާރާތުގެ ދެވަނަ ބުރަށް ޕޯޗުގަލް ދަތުރުކުރި ހަތަރުވަނަ ފަހަރެވެ. އަނެއްކޮޅުން މިއީ މުބާރާތުގެ ގްރޫޕް ސްޓޭޖުން އީރާން ކެޓި ފަސްވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ާދެކޮވު

    ޜޮނާލުޑޯއަކަށްވެސް ޕެނެލްޓީއެއް ނުޖެހުުނު.

  2. ސުމްސު

    މެސީ އަބަދު ނަންވާނީ.ރޮނާލްޑޯ މިކުރީ ކީއްބާ

  3. Anonymous

    މީސް ޕެނާލްދޯ

  4. މެސީ 10

    އަހަ....މިއޮތީ ކިހިނެއް ވެފަ......ރޮނާލްޑޯވެސް ވަކި ނޫނޭ މޮޅެއް

    • އިޝާ?

      ޝަޓް އަޕް ލެޔާ ތިކުޅެނީ