ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުން ޕޮއިންޓަކާއި ނުލައި މިސްރު ކެޓުމުން އެ ޓީމުގެ ތަރި މުހައްމަދު ސަލާހު ސަޕޯޓަރުންގެ ކިބައިން މައާފަށް އެދިއްޖެއެވެ.

އިއްޔެ މިސްރާއި ސައުދީ އަރަބިއްޔާ ކުޅުނު މެޗުން 2-1 ނަތީޖާއަކުން މިސްރު ބަލިވި އިރު އެ މެޗުގައި ސަލާހު ވަނީ މިސްރަށް ގޯލެއް ކާމިޔާބު ކޮށްދީފައެވެ. އެއީ އޭނާ މި ވޯލްޑް ކަޕުގައި ޖެހި ދެވަނަ ގޯލެވެ.

ދެ ގޯލު ޖެހުނު ނަމަވެސް މިސްރު ވޯލްޑް ކަޕުން ކަޓައިގެން ގޮސްފައި ވަނީ އެންމެ ޕޮއިންޓަކާއި ވެސް ނުލައެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މެޗަށް ފަހު މިސްރުގެ ޗޭންޖިން ރޫމް ތެރޭގައި ވަނީ ދެބަސްވުންތަކެއް އުފެދިފައެވެ. އަދި އެންމެ ކުރިން ދަނޑުން ނުކުންނަން ބަހަށް އެރީވެސް ސަލާހު ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ.

މެޗަށް ފަހު ސަލާހު ދިން އިންޓަވިއުއެއްގައި ފާހަގަކޮށްފައި ވަނީ މިސްރު ވޯލްޑް ކަޕަށް ކޮލިފައިވީ 28 އަހަރަށް ފަހު ކަމެވެ. އަދި ޓީމުގައި، ބޭނުންވާ ތަޖުރިބާ ނެތް ކުޅުންތެރިން ތިބި ކަމަށް އޭނާ ބުންޏެވެ. އެހެން ނަމަވެސް ހުރިހާ ކުޅުންތެރިންނަށް ވެސް ޝުކުރު އަދާ ކުރާ ކަމަށާއި 2022 ވަނަ އަހަރު މިސްރު ވޯލްޑް ކަޕަށް އަނބުރާ އަންނާނެ ކަމަށް ސަލާހު ބުންޏެވެ.

"މި ތިން މެޗަށް އަހަރެމެންނަށް ސަޕޯޓު ކުރަން މިހިސާބަށް އައި ހުރިހާ ސަޕޯޓަރުންގެ ކިބައިން މައާފަށް އެދެން އަހަރެމެން ބޭނުންވޭ." ސަލާހު ބުންޏެވެ.

ވޯލްޑް ކަޕް ފެށުމުގެ ކުރިން ލިބުނު އަނިޔާއެއްގެ ސަބަބުން ސަލާހުއަށް ވަނީ މިސްރު ކުޅުނު ފުރަތަމަ މެޗުގައި ނުކުޅެވިފައެވެ. ގިނަ ބަޔަކު އުންމީދު ކުރި ސަލާހުގެ ފަރާތުން މޮޅު ކުޅުމެއް ފެނި މިސްރުން މި ފަހަރުގެ ވޯލްޑްކަޕުގައި އެންމެ ހައިރާން ކުރުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. some one

    ސަލާހް އަދި މިސްރު ފުޓްބޯޅަ ޓީމުގެ ކުޅުނތެރިން ތި ކުރި ހިއްވަރަށް ހަމަ ސާބަސް???